އައިފިލްމްސް، އިންޖީނިއަސް ވިޝުއަލް ފެކްޓަރީ އަދި ލައިޓްސް އައުޓް ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ ފިލްމު “ލޯބިން…؟” ރިލިޒްކުރީ 2025 އޯގަސްޓް 06 ވަނަ ދުވަހުގެ ރޭގައެވެ. ނަސީބު ކަންދިމާކުރި ގޮތުން މި ފިލްމުގެ ޕްރިމިއާއަށް ނުދެވުނުތާނގައި ފިލްމު ބަލައިލެވުނީ އަދި ކިރިޔާ މިއަދުއެވެ. މިއީ ދިވެހި ރީތި ފިލްމެއް ބަލަން ބޭނުންނަމަ ހަމަ ކޮންމެހެންވެސް ބަލައިލަން ޖެހޭ ފިލްމެއްކަމަށް މި ބުނެލަނީ ފިލްމު ބަލައި ނިންމާފައި މި ފިލްމުން ކުރި އަސަރުގެ ޖަޒުބާތުގައި އިނދެއެވެ.
ތާރާ (ތާތި އާދަމް) މި ފިލްމުގައި ދައްކައިދީފައިވަނީ ހަޤީޤީ ހާދިސާތަކެއްކަމަށް ބުނަން ޖެހިލުންވެ ބިރުވެސް ގަނެއެވެ. ނަމަވެސް މި ފިލްމަކީ ދިވެހި މުޖުތަމަޢަށް ތަފާތު ގިނަގުނަ މެސެޖްތަކެއް ލިބިގެންދާނެ ފިލްމެކެވެ.
މި ފިލްމު ބެލުމަށްފަހު އަހަންނަށް ކޮށްފައިވާ އަސަރުގެ ބޮޑުކަމުން މި ފިލްމާމެދު އިތުރު އެއްޗެއް ލިޔަންވެސް އުނދަގުލެވެ. ނަމަވެސް މިއީ ތަފާތު އަސަރުތަކެއް ދައްކުވައިދޭ ތަފާތު މޮޅު ފިލްމެއްކަމަށް ބުނަން ޖެހެއެވެ.
“ލޯބިން”ގެ ލީޑް ކާސްޓްގައި ހިމެނެނީ އިފްނާޒް ފިރާޤް، ތާތި އާދަމް، އަހުމަދު ޝާރިފް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އާއި އައިމިނަތު ރަޝީދާ (އައިންތު) އަދި އައިޝަތު ގުލްފާ ހިމެނެ އެވެ.
ފިލްމު “ލޯބިން…؟”ގައި އިއްލެއާއެކު މަސައްކަތް ކުރާނީ އިފްނާޒްއެވެ. އިފްނާޒަކީ އިއްލެގެ ގިނަ މަސައްކަތްތަކުގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން އިއްލެގެ އެންމެ ފުރަތަމަ ފިލްމު “ބަވަތި”ގެ ލީޑު ރޯލުން ވެސް ފެނުނީ އިފްނާޒެވެ. އޭގެ އިތުރުން، އިތުރު ޕްރޮޖެކްޓުތަކުގައި އިއްލެއާއެކު އެސިސްޓަންޓު ޑައިރެކްޓަރެއްގެ ގޮތުގައި އިފްނާޒް ވަނީ މަސައްކަތް ކޮށްފައެވެ.
ފިލްމު ބަލައިލެވޭނީ ކޮންތާކުން؟
މީޑިއާނެޓްގެ ވީޑިއޯކްލަބް މެދުވެރިކޮށް މި ފިލްމު ބަލައިލެވޭނެއެވެ.
