ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދެއަހަރު ފައިނަލުން ބަލިވި ނައިފަރު ޗެލްސީ ތަށި ހޯދައިފި
ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

ނ. ކެނދިކުޅުދޫގައި ބާއްވާ “ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މިދިޔަ ދެ އަހަރު ބަލިވި ނައިފަރު ޗެލްސީ އެ މުބާރާތުގެ ޗެމްޕިއަންކަން މިއަހަރު ހޯދައިފިއެވެ. “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެންޕިއަންޝިފް 2026” ގެ ޗެމްޕިއަންކަން ނައިފަރު ޗެލްސީ ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗުގައި މާޒިޔާ ޖޫނިއާރ އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައިގެންނެވެ.

ބިދޭސީ 11 ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންތަކެއް ހިމަނައިގެން މިއަހަރު މުބާރާތަށް ނުކުތް ނައިފަރު ޗެލްސީއަކީ މިއަހަރު ފެނުނު އެންމެ ތަފާތު ޓީމެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި ނައިފަރު ޗެލްސީ ސެމީ ފައިނަލް މެޗު ވެސް ކާމިޔާބުކުރީ ފަސޭހަކަމާއިއެކުއެވެ.

ސީނިއާރ ޤައުމީ ޓީމުގައި ހިމެނޭ މާޒިޔާގެ ކުޅުންތެރިން ޤައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުންނަން ޖެހުނު ހިސާބުން މާޒިޔާ ޖޫނިއާރ އަށް ވަނީ ބޮޑު ބަދަލެއް ގެންނަން ޖެހިފައެވެ. މާޒިޔާގެ ޑިފެންސް ބެލެހެއްޓުމާއި ޓީމް ލީޑުކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދިޔަ ސަމޫހް ޢަލީ އާއި މާޒިޔާގެ މެދުތެރެ ބެލެހެއްޓި އަޙްމަދު އައިހަމް އަދި އިބްރާހީމް އައިޝަމްގެ އިތުރުން ފޯވާޑްލައިންގައި މުހިންމު ދައުރެއް އަދާކުރި ނައްސާހު އިބްރާހީމް ނާސިރު ނެތްތަން ފޫބެއްދުމުގައި ބޮޑެތި މައްސަލަތައް ދިމާވިއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ވެސް ނައިފަރު ޗެލްސީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. މެޗު ފެށީއްސުރެ މުޅި ޓީމު އެޓޭކަށް ޖެހިގެން ނައިފަރު ޗެލްސީ ކުޅުނުއިރު، މާޒިޔާ ކުޅުނީ ސަތޭކަ ޕަސެންޓް ޑިވެންސިވް ގޭމެކެވެ. ސެމީ ފައިނަލްގައި އެ ޓީމުން ބޭނުންކުރި، ކާމިޔާބު އެ އުކުޅު ބޭނުން ކުރުމަކީ ރޭގެ ވެސް ޓާގެޓެވެ.

ނައިފަރު ޗެލްސީން ގާތްގާތުގައި ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މާޒިޔާގެ ޑިފެންޑަރުންނާއި ކީޕަރު ކާމިޔާބު ހޯދިއިރު ދެހަމަލާއެއް ދަނޑިއަށް ވެސް އަމާޒު ވެފައިވެއެވެ. ހުސްކޮށް ލިބުނު ބައެއް ފުރުސަތު ގޯލާއި އަމާޒުކޮށް ނުލެވި ވެސް ދިޔައެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ ޑިފެންސުން ވާސިލުވާން ބޭނުންވި ކާމިޔާބަށް ވާސިލުވި ނަމަވެސް، އެޓޭކަށްކުރި އެއްވެސް ޕްލޭނެއް ކާމިޔާބެއް ނުވިއެވެ. ނައިފަރު ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްލެވޭވަރުގެ އެންމެ ހަމަލާއެއް އުފައްދައެއް ނުލެވުނެވެ.

ފުރަތަމަ ހާފު 0-0 އިން އެއްވަރުވިއިރު، ދެވަނަ ހާފު ވެސް ނައިފަރު ޗެލްސީން ފެށީ ވަރުގަދަ ކޮށެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މާޒިޔާ ޖޫނިއާރ އިންނެވެ. ކައުންޓާރ އެޓޭކެއްގައި ޗެލްސީގެ އޭރިޔާ ތެރެއިން ގޯލަށް ފޮނުވާލަން މާޒިޔާ ޖޫނިއާރ ކުޅުންތެރިއަކު މަސައްކަތްކުރި ބޯޅަ ނައިފަރު ޗެލްސީގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. 67 ވަނަ މިނިޓްގައި ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ، ކުރިން ޤައުމީ ޓީމަށް ކުޅެފައިވާ ހަސަން ނަޒީމް (ޗޯޓް) އެވެ.

ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް

ލީޑު ލިބުމާއިއެކު ކުރިޔަށްވުރެ ބޮޑަށް ފަހަތަށް އިސްކަންދީގެން ކުޅެމުންދިޔަ، މާޒިޔާ ޖޫނިއާރ ކޮޅަށް ލަނޑު ޖަހައި ނައިފަރު ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްހާޖީ ގެރޯއެވެ. 67 ވަނަ މިނިޓްގައި އަލްހާޖީ ގެރޯ މިލަނޑު ޖެހީ އެޓީމުގެ ކުޅުންތެރިއަކު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އިތުރު ވަގުތުގައި ނައިފަރު ޗެލްސީއަށް ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައި އެ ޓީމަށް ލީޑު ހޯދައިދިނީ ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ޖަހައިދިން އަލްހާޖީ ގެރޯއެވެ. މި ލަނޑާއިއެކު މުބާރާތުގެ ޗެމްޕިއަންކަން ނައިފަރު ޗެލްސީއަށް ލިބުނެވެ. މި ސީޒަންގައި ނިއުރޭޑިއަންޓަށް ވެސް ކުޅުނު އަލްހާޖީ ގެރޯއަކީ ނައިފަރު ޗެލްސީގެ އެޓޭކްގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ނައިފަރު ޗެލްސީގެ އަލްހާޖީ ގެރޯ ހޯދިއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒީޔާ ޖޫނިއާރގެ އައިދު މުޙައްމަދު ޖަވީޒް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ނައިފަރު ޗެލްސީގެ ކީޕަރު ސާގިބު ހަނީފް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނައިފަރު ޗެލްސީގެ ކޯޗް އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top