ސުލްޠާން އެކަޑަމީގެ ނަމުގައި ޒަމާނީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް ލ. ފޮނަދޫގައި ހުޅުވައިފިއެވެ. ލ. ފޮނަދޫ ބަރާސިލު އަވަށުގައި މި މަރުކަޒު ހުޅުވުނީ މިމަހު 01 ވަނަ ދުވަހުއެވެ. މި އެކެޑަމީ ހުޅުވައިދިނީ އެކަޑަމީގެ ބާނީ އަޙްމަދު އަނަސްގެ ލޮބުވެތި މަންމައާއި ބައްޕައެވެ.
ލ. ފޮނަދޫ ފާހި އަޙްމަދު އަނަސްގެ މޭސްތިރިކަމުގެ ދަށުން ހުޅުވުނު ސުލްޠާން އެކަޑަމީއަކީ އެމްއެންޑީއެފަށް ނިސްބަތްވާ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާންގެ ހަނދާނުގައި ބިނާކުރެވުނު މަރުކަޒެކެވެ. ސުލްޠާނަކީ އިންޑިއާގައި ތަމްރީން ފުރިިހަމަކުރަމުންދަނިކޮށް ނިޔާވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބޭކަލެކެވެ.
ސުލްޠާން އެކަޑަމީ ހުޅުވުމަށް ބޭއްވި ހަފުލާގައި ވާހަދައްކަމުން އެކަޑަމީގެ ބާނީ އަނަސް ފާހަގަކުރި ގޮތުގައި ސުލްޠާނަކީ ވަރަށް އިޚްލާޞްތެރި، ވަރަށް ހިތްހެޔޮ ރަނގަޅު އެކުވެރިކެވެ. މި އެކަޑަމީގެ އަމާޒަކީ ސުލްޠާން ފަދަ ހިތްހެޔޮ، އަޚްލާޤް ރަނގަޅު ޖީލެއް ބިނާކުރުން ކަމަށް އަނަސް ފާހަގަކުރިއެވެ.
“އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ މިރަށުގައި މީހުން ބިނާކުރުން. ޒަމާނީ ތައުލީމެއްގެ ތެރެއިން މުޖުތަމައަށް ނުކުންނައިރު، ހުރިހާ ގޮތަކުން ތައްޔާރުވެފައިވާ ކުދިންތަކެއް އުފެއްދުން.” އަނަސް ފާހަގަކުރިއެވެ.

މި އެކަޑަމީގައި ކުރިއަށް ގެންދާނީ ހަމައެކަނި ސްކޫލް މާއްދާގެ ޓިއުޝަންތައް އެކަނި ނޫންކަމަށާ އޭގެ އިތުރުން ތަފާތު އެކިއެކި ދީނީ ވޯކްޝޮޕްތަކާ އަހުލާގީ ކްލާސްތަކާ، ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދޭ ކްލާސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އަނަސް ފާހަގަކުރިއެވެ.
“އަދި ވަރަށް އުފާވެރި ޚަބަރެއް އެބައޮތް. އެއީ މިވަގުތު މިރަށުގައި ކުލާހެއްގެ ސިފައިގާ ހިންގޭ ގުރުއާން ކުލާހެއް ނެތަތީވެ، ކުރިއަށް މިފެށޭ ޖޫން މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އިރާދަކުރެއްވިޔާ ޕާކިސްތާނުގެ ޓީޗަރަކާއެކު، ހާފިޒާކާއެކު މިތަނުގަ ގުރުއާން ކުލާސްވެސް ވެސް ފެށިގެންދާނެ ހުރިހާ އުމުރުފުރާއަކަށް.” މިވަގުތު ފޮނަދުއަށް އެންމެ ބޭނުންވެފައިވާ މުހިންމު ކުލާސްތަކެއް ކުރިއަށް ގެންދާނެ ކަމުގެ އުފާވެރި ޚަބަރު ހިއްސާކުރަމުން އަނަސް ފާހަގަކުރިއެވެ.
ސުލްޠާން އެކަޑަމީއަށް ދަރިވަރުން ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ސުލްޠާން އެކަޑަމީގެ ފޭސްބްކް ލިންކުން އިތުރު ތަފުސީލުތައް ލިބެން ހުންނާނެއެވެ.

ސުލްތާން އެކެޑަމީގެ ކްލާސްރޫމެއް / ސުލްތާން އެކެޑަމީ
