މަޝްހޫރު ބޮލީވުޑް ފިލްމް ސީރީޒް “ހީރާ ފޭރީ”ގެ ޕްރޮޑިއުސަރު ފީރޯޒް ނަދިއަޑްވާލާ، މަކަރާއި ހީލަތް ހެދުމާއި އަބުރު ގެއްލުވައިލުމުގެ ދައުވާއެއް އުފުލައިފިއެވެ.
ފީރޯޒް ނަދިއަޑްވާލާ މި މައްސަލަ ހުށަހެޅީ މުމްބައިގެ އަމްބޮލީ ޕޮލިސް ސްޓޭޝަނަށެވެ. މައްސަލަ ހުށަހެޅީ ޕްރޮޑިއުސަރުން ކަމަށްވާ ގޯޕާލާ ޕިއްލައި ވިޖެއިކުމާރު އާއި އެމް. ޕޯލް މައިކަލްއާ ދެކޮޅަށެވެ. ފްރީ ޕްރެސް ޖާނަލް ރިޕޯޓުކުރި ގޮތުގައި 27 އެޕްރީލްގައި ފުލުހުން ވަނީ މި މައްސަލަ ރަޖިސްޓްރީކޮށްފައެވެ.
މި މައްސަލައިގައި ހިމެނެނީ 1989 ވަނަ އަހަރު ނެރުނު މަލަޔާޅަމް ފިލްމެއް ކަމަށްވާ “ރަމްޖީ ރާއޯ ސްޕީކިން”ގެ ކޮޕީރައިޓާ ގުޅޭ މައްސަލައެކެވެ. “ހީރާ ފޭރީ” ބިނާވެފައިވަނީ އެ ފިލްމުގެ މައްޗަށް ކަމަށް ވާއިރު، އެ ފިލްމް ނެރެފައިވަނީ 2001 ގައެވެ. 62 އަހަރުގެ ޕްރޮޑިއުސަރު ހުށަހެޅި މައްސަލައިގައިވާ ގޮތުން، ޑައިރެކްޓަރު ޕްރިޔަދަރުޝަން 1997 ގައި އެ ވާހަކަ ގެނެސްދިން ފަހުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް، 1998 އާއި 2000 ގެ ދެމެދު ފިލްމް ޑެވެލޮޕްކޮށް ޝޫޓްކުރިއެވެ. އޭނާ 2000 ވަނަ އަހަރުގެ މާރިޗުގައި 4.50 ލައްކަ ރުޕީސް އަށް ހިންދީ ބަހާއި ދެކުނުގެ ބަސްތައް ފިޔަވައި އެހެން ބަސްތަކުގެ ކޮޕީރައިޓް ހޯދީ ކަމަށް ބުންޏެވެ.
ނަދިއަޑްވާލާ ބުނީ 25 އަހަރު ވީއިރު އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި، ނަމަވެސް ފަހަކަށް އައިސް ހުރަސްތައް ކުރިމަތިވާން ފަށާފައިވާ ކަމަށެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ކޮޕީރައިޓް ނޯޓިސްއެއް ލިބުނު ކަމަށާއި، ދެން 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި ވިޖެއިކުމާރު މެޑްރާސް ހައި ކޯޓުގައި ޕެޓިޝަނެއް ހުށަހަޅައި، އެހެން ކުންފުންޏެއް މެދުވެރިކޮށް ރައިޓްސްގެ ވެރިކަން ދައުވާކުރި ކަމަށެވެ.
ދައުވާ ދޮގެއް ކަމަށް ސިފަކޮށް ނަދިއަޑްވާލާ ބުނީ ދައުވާ ލިބޭ ފަރާތްތަކުން “60 ލައްކަ ރުޕީސް އާއި ފައިދާގެ 25 އިންސައްތަ ބޭނުންވާ ކަމަށާއި، ތަރިންގެ ނަންތައް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފަތުރަމުންދާ” ކަމަށެވެ.
“ހީރާ ފޭރީ” ފްރެންޗައިޒްގެ ތިންވަނަ ފިލްމު”ހީރާ ފޭރީ 3″ ރިލީޒްކުރާ ތާރީޚެއް އަދި ކަށަވަރެއް ނުވެއެވެ.
