ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިދާތު މަލްހޯތުރާ، އެމީހުންގެ ދަރިފުޅު ސަރާޔާ އާއެކު ދިވެހިރާއްޖޭގައި ހޭދަކުރަމުންދާ އުފާވެރި ޗުއްޓީގެ ތަސްވީރުތަކެއް އާންމުކޮށްފިއެވެ.
ކިއާރާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށާއި މޫދުގައި އެ އާއިލާއިން އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާ މަންޒަރެވެ. ކިއާރާ ވަނީ މި ދަތުރަކީ އޭނާގެ މަންމައެއްގެ ދައުރު އެންމެ ފުރިހަމައަށް ތަޖުރިބާކުރަމުންދާ ވަގުތުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ދަތުރުގައި ކިއާރާ އާއި ސިދާތު ވަނީ ދަރިފުޅު ސަރާޔާ އާއެކު ރާއްޖޭގެ ރީތި ގުދުރަތީ މާހައުލުގައި ވަގުތު ހޭދަކޮށްފައެވެ. މީގެ ތެރޭގައި މޫދަށް އެރުމާއި، ދޮންވެލި ގޮނޑުދޮށުގައި ހިނގާލުމުގެ އިތުރުން އާއިލީ ގާތް ވަގުތުތައް ހިމެނެއެވެ. މިއީ މި ދެމަފިރިންނަށް ދަރިފުޅު ލިބުނު ފަހުން ރާއްޖެއަށް ކުރި ފާހަގަކޮށްލެވޭ ފުރަތަމަ އާއިލީ ދަތުރެވެ.
ބޮލީވުޑްގެ މި މަޝްހޫރު ޖޯޑަކީ އާންމުކޮށްވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ވަރަށް ބޮޑު އިސްކަމެއް ދޭ ބައެކެވެ. ކިއާރާ ހިއްސާކުރި މި ފޮޓޯތަކަށް އޭނާގެ ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ގިނަ ބަޔަކު ދަނީ އެ އާއިލާގެ އުފާވެރިކަމަށް އެދި ކޮމެންޓް ކުރަމުންނެވެ.
ދުނިޔޭގެ މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް އަބަދުވެސް އެންމެ މަގުބޫލު އެއް މަންޒިލެވެ. މިފަދަ މަޝްހޫރު ފަންނާނުން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.
View this post on Instagram
