ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އަހަރެން މީ ކާކު؟ – ކުރު ވާހަކަ
ފޮޓޯ/މުނިއަވަސް ގްރެފިކްސް

“މަންމާ.. މަންމާ.” ގޭތެރޭގެ ހިމޭންކަން މުގުރާލަމުން، އަވަސްއަރުވާލާފައިވާ އަދި ނުތަނަވަސްކަމުން ފުރިގެންވާ އަޑަކުން، އަނެއް ކޮޓަރީގައި ހުރި ރާބިޔާގެ 16 އަހަރުގެ އަންހެން ދަރިފުޅު ގޮވާލިއެވެ. “މަންމަ ކައިރީ ބުނީމެއްނު.. މި މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޓިއުޝަން ފީ ދައްކަން ޖެހޭނެއޭ. މަންމަ އަނެއްކާވެސް ހަނދާން ނެތުނީ ދޯ!”

“އޯހް.. އަޅޭ މަންމައަށް މާފުކުރޭ ދަރިފުޅާ..” ވަރަށް އަވަހަށް ރާބިޔާ ޖަވާބުދިނެވެ. އަދި އަވަސްކޮށްލައިގެން އެ ކުށް ރަނގަޅު ކުރެވިދާނެ ކަމަށް ހީކޮށް، ފޯނާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ފޯނު ހުޅުވާލިއިރު އޭނާގެ އިނގިލިތައް ކުޑަކޮށް ތުރުތުރުލަމުން ދިޔައެވެ. ކަލަންޑަރާއި، ރިމައިންޑަރތަކާއި، ނޯޓްތައް ބަލަމުން ދިޔައެވެ. އެއީ ވަރަށް ފަރުވާތެރިކަމާއެކު ލިޔެފައިވާ، އެއްއިރެއްގައި ރާބިޔާ އިތުބާރުކުރި ނޯޓްތަކެކެވެ. ނަމަވެސް މިހާރު އެއިން އެއްވެސް ކަމަކުން އޭނާއަށް އެހީތެރިކަމެއް ނުލިބެއެވެ. އެ ތާރީޚުތަކާއި ނޯޓިފިކޭޝަންތަކަށް ބަލަހައްޓައިގެން ހުރިއިރު، އެހާ މުހިންމު ކަމެއް އޭނާގެ ހަނދާނުން ކައްސަލައިގެން ދިޔައީ ކިހިނެއްބާވައޭ ހިތަށްއެރިއެވެ.

މިކަން ފެށުނީ ވަރަށް މަޑުމަޑުން ހިމޭންކޮށް އާދައިގެ ގޮތަކަށެވެ. އެއީ ބިރުގަންނަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަވުމުގެ ކުރިންނެވެ.
ފުރަތަމަ، ރާބިޔާގެ ކޮންޓްރޯލުން ބޭރުވީ ކުދިކުދި ކަންތައްތަކެވެ. އަބަދުވެސް އަތުގައި އޮންނަ ތަޅުދަނޑި ކުއްލިއަކަށް ނުބައި ތަންތަނުން ފެނުމާއި، ބޭއްވޭ ނުބޭއްވޭ ތަންތަން ހަނދާން ނެތުމާއި، މޭޒުމަތީގައި ބެހެއްޓި ކަމަށް ޔަޤީންވާ ފައިލްތައް ގޭތެރޭ ކޮންމެވެސް ތަނަކަށް ގެއްލުމާއި، ފައިސާގެ ރަސީދުތައް ލެވޭ ތަން ނޭނގުމާއި، ފިހާރައިން ގަންނަ ތަކެތި ކައުންޓަރު މަތީގައި ނުވަތަ އަރާ ކާރު ތެރޭގައި ބަހައްޓާފައި އާދެވުން ފަދަ ކަންކަމެވެ.

ފުރަތަމަ ރާބިޔާ އެކަންކަމާ ހީނލާފައި އަޅާނުލާ ދޫކޮށްލައެވެ. އެއީ ގިނަ މަސްއޫލިއްޔަތުތަކެއްގެ ސަބަބުން ވާ ވަރުބަލިކަމެއް ކަމަށް ނިންމައިގެންނެވެ. ރާއްޖޭގެ ހޫނުގަދަކަމުން ނުވަތަ ބޮލުގައި އެޅިފައިވާ ނިމުމެއް ނެތް ޒިންމާތަކުގެ ސަބަބުން ވާ ކަމެއް ކަމަށް އޭނާ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ. އޭނާގެ ދިރިއުޅުމަކީ ހަމައެކަނި އެންމެ ކަމެއް ނޫނެވެ. އެއީ ހުރިހާ ކަމެއް، އެއްފަހަރާ، އަބަދުގެ އަބަދަށެވެ.

ރާބިޔާއަކީ ފަތިހު ހޭލާ، އެންމެން ނިދާ ފަހުން ނިދާ މަންމައެކެވެ. ވަރުބަލިކަމެއް ނެތި ވަޒީފާގެ ޒިންމާތައް އަދާކުރާ މުވައްޒަފެކެވެ. ގޭތެރޭގެ ހުރިހާ ކަމެއް ތަރުތީބުން ބަލަހައްޓާ، އެހެން އެންމެންގެ ބޭނުންތައް ފުއްދައިދޭ މީހެކެވެ. ނަމަވެސް އަމިއްލަ ނަފުސަށް ދޭނެ ވަގުތެއް އޭނާއަކަށް ނޯވެއެވެ. ކެއްކުމާއި، ސާފުކުރުމާއި، ދޮވެ އިސްތިރިކުރުމުގެ މެދުކެނޑުމެއް ނެތް މަސައްކަތުގައި އުޅޭއިރުވެސް، އޭނާ ފެންނަނީ ވަރަށް ހަމަޖެހޭ، ތަރުތީބު، އަދި ކޮންމެ ފަދަ ހާލަތަކަށްވެސް ތައްޔާރުވެގެން ހުންނަ މީހެއްގެ ގޮތުގައެވެ. އޭނާގެ އެތެރެހަށިން ކަމެއް ބަދަލުވެގެންދާކަމުގެ އެއްވެސް ނިޝާނެއް ބޭރުފުށުން ނުފެނެއެވެ.

ނަމަވެސް ކަންތައްތައް ދިޔައީ ގޯސްވަމުންނެވެ. އެންމެ ފުރަތަމަ އެކަން ފާހަގަވީ އޭނާގެ ދަރިންނަށެވެ. އެއް ސުވާލެއް ތަކުރާރުކޮށް ކުރަން ފެށުމާއި، ގޭގެ އާދައިގެ ހުސް ތަންތަނަށް ބަލަހައްޓައިގެން ހުންނަ ހުރުމުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެކުދިންނަށް އިޙުސާސްވިއެވެ.

“މަންމާ.” އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތު އެކުދިން ބުންޏެވެ. “ހިނގާ މަންމަ ޗެކަޕެއް ހަދާލަން ދޯ.”

އެހެންކަމުން ރާބިޔާ ޑޮކްޓަރަށް ދެއްކިއެވެ. ކްލިނިކްގެ ހިމޭންކަމާއި އަލިގަދަކަމުގެ ތެރެއިން ޑޮކްޓަރު ދެއްވި ޚަބަރަކީ އޭނާގެ ދިރިއުޅުން މުޅިން ބަދަލުކޮށްލި ޚަބަރެކެވެ. އޭނާގެ ހަނދާނާއި، އޭނާގެ އަމިއްލަ ނަފުސަށް ވަމުންދިޔަ ބަދަލުތަކަށް ދެވުނު ނަމަކީ “ޑިމެންޝިއާ” އެވެ.

އެއީ ކުއްލިއަކަށް އައި ކަމެއް ނޫނެވެ. އެއީ އެއްވެސް އެންގުމެއް ނެތި މަޑުމަޑުން އަންނަ ބޮޑު ބާނީއެއް ފަދައިން، އޭނާގެ ދިރިއުޅުމުގެ ހަނދާންތައް ފޮހެލަމުން ދިޔަ ކަމެކެވެ.

ޑޮކްޓަރު ވަނީ “ޑިމެންޝިއާ” ނުވަތަ ހަނދާން ނެތޭ ބައްޔައަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށްދެއްވާފައެވެ. މިއީ ސިކުނޑީގެ މަސައްކަތްތަކަށް، ޚާއްސަކޮށް ހަނދާން ބެހެއްޓުމާއި، ވިސްނުމާއި، އަދި އުޅުމަށް ބަދަލުތަކެއް އަންނަ ހާލަތެއް ކަމެވެ. މިއީ ވަކި އެއް ބައްޔެއް ނޫނެވެ. ނަމަވެސް، ސިކުނޑީގެ ސެލްތަކަށް ލިބޭ ގެއްލުމެއްގެ ސަބަބުން ފެންނަ ތަފާތު އަލާމާތްތަކަކަށް ކިޔާ ނަމެއްކަމެވެ. މީގެ ތެރެއިން އެންމެ އާންމުކޮށް ފެންނަ ބާވަތަކީ “އަލްޒައިމާ” ބަލި ކަމާއި މި ބަލިޖެހުމުން، މީހާ މަޑުމަޑުން ކަންކަން ހަނދާން ނެތުން، ކަންކަމުގައި އޮޅުންބޮޅުންވުމުގެ އިތުރުން، އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމާއި އަދި މި ބަލީގެ އާންމު އަލާމާތް ތަކަކީ.. ހަނދާން ބަލިވުން، ކަންކަމުގައި އޮޅުންބޮޅުންވުން، ވިސްނުމާއި ފިކުރު ކުރުމަށް ދަތިވުން، މިޒާޖާއި އުޅުމަށް ބަދަލު އައުންކަން އަދި ދިރިއުޅުމުގެ އާންމު ކަންކަން ކުރުމުގައި އުނދަގޫވާނެ ވާހަކަ ކިޔައިދެއްވިއެވެ.

އޭގެ ފަހުން ވަގުތުތައް އިޙުސާސްވާން ފެށީ ތަފާތު ގޮތަކަށެވެ. ގޭގެ ފާރުތަކާއި ފަރުނީޗަރަށް ބަދަލެއް ނައި ނަމަވެސް، ގޭތެރޭގައި އޮތް ލޯތްބާއި ގުޅުންތަކަށް ބަދަލު އައެވެ. ޒިންމާތައް ބަދަލުވިއެވެ. ދަރިންނަކީ މިހާރު ކަންކަން ހަނދާންކޮށްދޭ، މަގުދައްކައިދޭ، އަދި ކެތްތެރިކަމާއެކު ކަންކަން ކިޔައިދޭ ބަޔަކަށް ވިއެވެ. އަދި އެއްއިރެއްގައި މުޅި ގޭގެ އެންމެ ވަރުގަދަ ތަނބަކަށް ހުރި މަންމަ، މިއަދު ވެފައިވަނީ ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓަންޖެހޭ، ނާޒުކު މީހާއަށެވެ.

އެކުދިން ދަސްކުރީ މަންމަގެ ބަދަލުވަމުންދާ ދުނިޔޭގެ ތެރޭގައި، މަންމައަށް މުއާމަލާތްކުރުމެއް ނެތި، މަންމަ ހުރި ހާލަތެއްގައި މަންމައާއެކު ވުމަށެވެ. ތަކުރާރުކޮށް ކުރާ ސުވާލުތަކަށް ކޮންމެ ފަހަރަކުވެސް އެއްވެސް ރުޅިވެރިކަމެއް ނެތި އޯގާތެރިކަމާއެކު ފުރަތަމަ ފަހަރު ފަދައިން ޖަވާބުދެއެވެ. ރާބިޔާގެ ހާސްކަމުގެ ތެރޭގައި ހިނިތުންވުމާއެކު ހިތްވަރުދީ، އޭނާގެ އަތުގައި ހިފަހައްޓައިގެން އެ ކުދިން ތިބެއެވެ.

އެއްދުވަހެއްގެ ހަވީރު، ރާބިޔާ އަތިރިމަތީގައި އަންހެން ދަރިފުޅާއެކު އިށީނދެގެން އިނެވެ. ބީއްސަމުންދާ ރާޅުތަކަށް ބަލަހައްޓައިގެން އިނީ، އެ ރާޅުތަކަށް އޭނާއަށް ނޭނގޭ ކޮންމެވެސް ކަމެއް އެނގޭ ފަދައަކުންނެވެ. އޭނާގެ އަތްތިލަ އޮތީ އުނގުމަތީގައި މަޑުމަޑުން ބާއްވާލެވިފައެވެ.

އަދި ވަރަށް މަޑުމަޑުން، އޭނާގެ ހިތުގައި އެނބުރެމުންދިޔަ ސުވާލު ދުލުން ބޭރުކޮށްލިއެވެ. “އަހަރެން މީ ކާކު؟”

އެ ސުވާލުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޮތީ ހަމައެކަނި މަޑުމޮޅިކަމެވެ. ހަނދާންތައް ހުންނަންޖެހޭ ތަނުގައި އޮތް ހުސްކަމެއްގެ ތެރެއިން ކުރި ސުވާލެކެވެ.

ކުއްލިއަކަށް، އެ ހުސްކަމުގެ ތެރެއަށް ހޫނުކަމެއް އިޙުސާސްވިއެވެ. ކުޑަކުޑަ އަތްތިލައެއް އޭނާގެ އަތުގެ ތެރެއަށް މަޑުމަޑުން ލެވުނެވެ. އެއީ ވަރަށް އާދައިގެ، ނަމަވެސް ޔަޤީންކަމުން ފުރިގެންވާ އަތެކެވެ. ރާބިޔާ މަޑުމަޑުން އެނބުރި ބަލާލިލިއެވެ. ފެނުނީ އޭނާއާ ވައްތަރު މާ ޒުވާން ކުޑަ މޫނެކެވެ. އޭނާގެ ދަރިފުޅެވެ. އެއީ އެއްއިރެއްގައި ރާބިޔާ ހިނގަން ދަސްކޮށްދިން، އޭނާ ހިފެހެއްޓި ތުއްތު އަތްތިލައެވެ. މިއަދު އެ އަތްތިލަ ވަނީ އޭނާގެ ހިމާޔަތަކަށް ވެފައެވެ.

“މަންމާ.” އޭނާގެ ދަރިފުޅު ވަރަށް މަޑުމަޑުން އޯގާތެރިކަމާއެކު ބުންޏެވެ. “ތީ އަހަރުމެންގެ ލޯބިވާ މަންމަ، މަންމަގެ ނަމަކީ ރާބިޔާ. އަދި އަހަންނަކީ މަންމަގެ ދަރިފުޅު ރޫބީ. އަހަރުމެން މަންމަދެކެ ވަރަށް ލޯބިވޭ.”

އެ ވަގުތު، ހަނދާންތައް ބަލިކަށިވިޔަސް، ލޯބި ބަލިކަށިނުވާކަން އޭނާއަށް އިޙުސާސްވިއެވެ. މީހެއްގެ ނަން އޮޅުނަސް، ވަގުތުތައް ބަދަލުވިޔަސް، އަދި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހަނދާނުން ނެތުނަސް.. ލޯތްބަކީ ތިބާއީ ކާކުކަން އަބަދުވެސް ދަންނަ އެއްޗެކެވެ.

(ނިމުނީ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top