މައިޓޮކޮންޑްރިއާ ތެރެއަށް މެގްނީސިއަމް ވަންނަ މިންވަރު މަދުކޮށްގެން ފެޓް ޖަމާވުން ހުއްޓުވައިދޭ ކެމިކަލް މާއްދާއެއް، މީދާ ބޭނުންކޮށްގެން ކުރި ދިރާސާއެއްގައި ސައިންސްވެރިން ހޯދައިފިއެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ޓެކްސަސް ހެލްތު ސައިންސް ސެންޓަރުގެ ދިރާސާވެރިން ތަރައްޤީ ކުރި މި ބޭހުގެ ސަބަބުން، ހަކުރާއި ސަރުބީ ގިނަ ކެއުންތައް ދިގު މުއްދަތަކަށް ކާން ދިން މީދާ ފަލަވުމުން ރައްކާތެރިވިއެވެ. އޭގެ އިތުރުން، ނުރަނގަޅު ކެއުމުގެ ސަބަބުން މޭގަނޑަށް ލިބޭ ގެއްލުމާއި، ފެޓީ ލިވާ ޖެހުމާއި، ޓިއުމަރު އުފެދުމުން ވެސް އެ މީދާ ރައްކާތެރިވިއެވެ. މި ދިރާސާ ސެލް ރިޕޯޓްސް ޖާނަލްގައި ޝާއިޢު ކޮށްފައިވެއެވެ.
މި ދިރާސާގައި ސައިންސްވެރިން ބެލީ ހަށިގަނޑުގެ ސެލްތަކުގައި ހަކަތަ އުފައްދާ ބައި ކަމަށްވާ މައިޓޮކޮންޑްރިއާ ތެރެއަށް މެގްނީސިއަމް ވަންނަ ގޮތެވެ. އެ ޓީމުން ހޯދި ގޮތުގައި، މައިޓޮކޮންޑްރިއާ ތެރޭ މެގްނީސިއަމް މާ ގިނަ ވެއްޖެ ނަމަ، ސެލްތަކުން ހަކުރާއި ސަރުބީ އަންދައި ހަކަތައަށް ބަދަލުކުރާ ދުވެލި ލަސްވެއެވެ. “އެއީ ބްރޭކެއް ޖައްސައިދޭ ކަހަލަ ކަމެއް، ހުރިހާ ކަމެއް ލަސްވަނީ” ކަމަށް ދިރާސާގެ ކޯ-ލީޑް އޯތަރު ޓްރެވިސް އާރް. މެޑެރިސް ބުންޏެވެ.
ދިރާސާވެރިން، މެގްނީސިއަމް ގެންދާ ޗެނަލް ކޮންޓްރޯލް ކުރާ ޖީން ކަމަށްވާ “އެމްއާރްއެސް2” ނެތް ގޮތަށް ޖެނެޓިކަލީ ބަދަލުކޮށްފައިވާ މީދާ، 52 ހަފުތާ ވަންދެން ސަރުބީ އާއި ހަކުރު ގިނަ ކެއުން ކާން ދިނެވެ. ނަތީޖާއެއްގެ ގޮތުން، ޢާންމު މީދާ ފަލަވެ މެޓަބޮލިކް ބަލީގެ ޢަލާމާތްތައް ފެނުނު ނަމަވެސް، އެ ޖީން ނެތް މީދާ ހިކިކޮށް ތިބީ ހަމަ އެއް މިންވަރަކަށް ކައި ބޮއި ހެދި ނަމަވެސް މެއެވެ.
“މި ބޭސް ކުޑަ ދުވަސްކޮޅަކު ދިނީމަ މީދާ ބަރުދަން ލުއިވާން ފެށި. ހުރިހާ އެއްޗެއް ވެސް ހިކެނީ” ކަމަށް ދިރާސާގެ ސީނިއާ އޯތަރު، ޕްރޮފެސަރު މަދެޝް މުނިސްވާމީ ވިދާޅުވިއެވެ. އެ ޖެނެޓިކް އެފެކްޓް ކޮޕީ ކުރެވޭ ގޮތަށް ޓީމުން ތައްޔާރު ކުރީ “ސީޕީއޭސީސީ” ކިޔާ ކެމިކަލް މާއްދާއެކެވެ. ޔުނިވާސިޓީ އޮފް ޓެކްސަސް ހެލްތު ސެން އެންޓޯނިއޯ އިން ވަނީ މި ބޭހުގެ ޕެޓެންޓަކަށް އެދިފައެވެ. ހައި-ފެޓް ޑައެޓެއް ކާ މީދާތަކަށް ކޮންމެ ތިން ދުވަހުން ސީޕީއޭސީސީ އިންޖެކްޝަން ޖެހީމަ ހަ ހަފުތާ ތެރޭ ބަރުދަން އެރުން މަދުވެ، މޭގަނޑުގެ މަސައްކަތް ރަނގަޅުވި ކަމަށް ދިރާސާއިން ދެއްކިއެވެ.
ނަމަވެސް މި ނަތީޖާތައް ލިބުނީ މީދާ ބޭނުންކޮށްގެން ކުރި ތަޖުރިބާތަކުންނެވެ. އިންސާނުންގެ ގައިގައި ޓެސްޓް ކުރެވޭ ވަރަށް ސީޕީއޭސީސީ ތަރައްޤީ ކުރަން އަދި އިތުރު މަސައްކަތް ބޭނުންވާ ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ. “ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ކާޑިއޯމެޓަބޮލިކް ބަލިތަކުގެ ނުރައްކާ ކުޑަކޮށްދީ، ފެޓީ ލިވާ ޑިޒީޒާ ގުޅިގެން ޖެހޭ ލިވާ ކެންސަރު ވެސް މަދުކޮށްދޭ ބޭހެއް ތައްޔާރު ކުރެވިއްޖެ ނަމަ ވަރަށް ބޮޑު ބަދަލެއް އެއީ. އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދާނަން” ކަމަށް މުނިސްވާމީ ވިދާޅުވިއެވެ.
