އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގުގައި މިއަދު ދ. ކުޑަހުވަދޫ ބަލިކޮށް ދ. މީދޫ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
މި މެޗަށް ނުކުތްއިރު ވެސް ދ. މީދޫ އޮތީ ގޯލުގެ ތަފާތުން އެއްވަނައިގައެވެ. މި ރީޖަންގައި ފުރަތަމަ މެޗުގައި ދ. މީދޫން މަހިބަދޫ ބަލިކުރިއިރު، ކުޑަހުވަދޫ އާއި ހުރާ ބައްދަލުކުރި މެޗު ވީ އެއްވަރެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މީދޫ ވަނީ ހަ ޕޮއިންޓާއި ފައިދާ ދެ ލަނޑު ހަމަކޮށްފައެވެ.
ވާދަވެރިކަން ބޮޑު، ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ވެސް ވަނީ ފަހިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މީދޫ ޓީމުންނެވެ. މި ލަނޑު މީދޫ ޓީމުން ޖެހީ 72 ވަނަ މިނިޓްގައެވެ.
މީދޫ ޓީމުން ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ކުޑަހުވަދޫން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކުޑަހުވަދޫން މި ލަނޑު ޖެހީ 75 ވަނަ މިނިޓްގައެވެ.
ފައުލް ގިނަ މެޗެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހޭ މި މެޗުން މީދޫ މޮޅުވީ އިތުރު ވަގުތުގެ ކުޅުމުގެ ފަހުކޮޅު އެވެ.
މި ރީޖަންގެ މެޗެއް ދެން އޮންނާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ހުރާ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ހުރާ އާއި މީދޫ އެވެ.
