އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މަޝްހޫރު ފުލުސް އޮފިސަރު އަވިނާޝް މިޝްރާގެ ހަޤީޤީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކާމިޔާބު ކްރައިމް ތުރިލާ ސީރީޒް “އިންސްޕެކްޓަރ އަވިނާޝް” ގެ ދެވަނަ ސީޒަން ރިލީޒްކުރާ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.
ރަންދީޕް ހޫޑާ މައި ރޯލުން ފެނިގެންދާ މި ސީރީޒްގެ ދެވަނަ ސީޒަން ސްޓްރީމްކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއި މަހުގެ 15 ވަނަ ދުވަހު “ޖިއޯ ހޮޓްސްޓާ” މެދުވެރިކޮށެވެ. ނީރަޖް ޕާތަކް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން 2023 ވަނަ އަހަރު ނެރުމާއެކު ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ވަނީ ހޯދާފައެވެ.
މި ސީރީޒަކީ 1990 ގެ އަހަރުތަކުގައި އުއްތަރު ޕްރަދޭޝްގައި ހިނގާފައިވާ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، އެ ދުވަސްވަރު އެ ސަރަހައްދުގައި އަތްގަދަކޮށްފައިވާ ކުށްވެރިންނާއި ހަތިޔާރު އެތެރެކުރާ ގްރޫޕްތަކާ ދެކޮޅަށް ފުލުހުން ކުރި މަސައްކަތްތައް ދައްކުވައިދޭ ސީރީޒެކެވެ.
ދެވަނަ ސީޒަންގެ ވާހަކަ ބިނާވެފައިވަނީ އިންސްޕެކްޓަރ އަވިނާޝްގެ ދިރިއުޅުމުގައި ކުރިމަތިވާ އެންމެ އުނދަގޫ އިމްތިހާނުގެ މައްޗަށެވެ. ސިޔާސީ ރޭވުމެއްގެ ތެރެއިން އޭނާގެ ދަރިފުޅު މީހަކު މެރުމުގެ މައްސަލައެއްގައި ތަހުލީލު ކުރެވި، އަމިއްލަ މުއައްސަސާގެ ފަރާތުން އޭނާއަށް ވާ ޚިޔާނާތުގެ ސަބަބުން ވަޒީފާއިން ސަސްޕެންޑްކޮށް ހައްޔަރުކުރެވެއެވެ. މި ސީޒަނުން ފެނިގެންދާނީ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދީ، އާއިލާ ސަލާމަތްކުރުމަށް އޭނާ ކުރާ ހިތްވަރުގަދަ މަސައްކަތްތަކެވެ.
ރަންދީޕް ހޫޑާގެ އިތުރުން މި ސީރީޒްގެ މުހިންމު ރޯލުތަކުން އުރުވަޝީ ރައުޓޭލާ، އަމިތު ސިއާލް، އަބިމަންޔޫ ސިންގް، ރަޖްނީޝް ދުއްގަލް އަދި ފްރެޑީ ދާރޫވާލާ ފަދަ ތަރިން ފެނިގެންދާނެއެވެ. ޖިއޯ ހޮޓްސްޓާގެ އިންސްޓަގްރާމް މެދުވެރިކޮށް ޓްރެއިލަރ އާންމުކުރަމުން ބުނެފައިވަނީ، މިފަހަރުގެ ކުރިމަތިލުންތައް މާ ވަރުގަދަވެފައި ދުޝްމަނުން މާ ނުރައްކާތެރިވާނެ ކަމަށެވެ.
