ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ފިރިއެއްގެ މަތިވެރި ލޯތްބާއި ގުރުބާނީ

2016 ވަނަ އަހަރު، ޗައިނާގެ ގުއަންޒީ ސަރަހައްދުން ދެންގް ޔޫކައި އަށް ޔޭ މެއިދީއާ ބައްދަލުވިއެވެ. ޔޭ އަކީ ސިކުނޑީގެ ނުރައްކާތެރި ބައްޔެއް ތަހައްމަލު ކުރަމުންދިޔަ މީހެއް ނަމަވެސް، ދެންގް ނިންމީ އޭނާއާއެކު އައު ދިރިއުޅުމެއް ބިނާކުރުމަށެވެ. އެގޮތުން 2019 ވަނަ އަހަރު މި ދެމަފިރިން ކައިވެނިކޮށް، 2021 ވަނަ އަހަރު އަންހެން ދަރިއަކު ލިބުނެވެ. ނަމަވެސް، ލޯތްބާއި އުފާވެރިކަމުން ފެށުނު މި އާއިލީ ދިރިއުޅުމުގެ މައްޗަށް ބަލިމަޑުކަމުގެ ބިރުވެރިކަން ދިޔައީ ހިޔަނި އަޅަމުންނެވެ.

2022 ވަނަ އަހަރު ޔޭގެ ބަލި ހާލަތު ކުއްލިއަކަށް ގޯސްވެ، އޭނާ ކޯމާއަކަށް ދިޔައެވެ. އޭނާގެ ފުރާނަ ސަލާމަތްވެދާނެ ކަމާމެދު ޑޮކްޓަރުންނަށް ވެސް އޮތީ ބޮޑު ޝައްކެއް އުފެދިފައެވެ. ބަލި ހާލަތު ދަށަށް ދިއުމުގެ ކުރިން، ފަރުވާގެ ހަރަދު ބޮޑުވެދާނެތީ ކަންބޮޑުވެ، ހާލަތު މާ ބޮޑަށް ގޯސްވެއްޖެނަމަ އިތުރަށް ފަރުވާ ކުރިއަށް ނުގެންދިއުމަށް ޔޭ އޭނާގެ ފިރިމީހާގެ ކިބައިން އެދުނު ކަމަށްވެއެވެ.

ނަމަވެސް ދެންގް ނިންމީ އެހެން ގޮތެކެވެ. އޭނާ އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލުމަށްފަހު، މުޅި ވަގުތު އަންހެނުންނަށް ހިދުމަތްކުރުމަށް ހުސްކުރިއެވެ. އަދި ފަރުވާއަށްޓަކައި ގާތްގަނޑަކަށް ދެ މިލިއަން ޔުއާން ހޭދަކުރިއެވެ. ބަލި އެނދުގައި ޔޭ އޮތްއިރު، ދެންގް ކޮންމެ ދުވަހަކު އޭނާއާ ވާހަކަދައްކައި، ލަވަކިޔައިދީ، އަދި ނަށައިވެސް ހެދިއެވެ. އެއީ އޭނާ ދައްކާ ވާހަކަތައް ޔޭ އަށް އަޑުއިވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި އުންމީދާއެކުގައެވެ.

މިގޮތުގައި ހިތްވަރާއެކު ތިން މަސް ދުވަސް ހޭދަވި ފަހުން، އެންމެން ހައިރާންކޮށްލުމަށްފަހު ޔޭ ހޭއެރިއެވެ.

އޭގެ ފަހުން ޔޭގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިސް، އަލުން ހިނގަން ދަސްކޮށް، އާދައިގެ ދިރިއުޅުމަކަށް އޭނާ ރުޖޫޢަވިއެވެ. މިއަދު މި ދެމަފިރިން ދަނީ މަގުމަތީގައި ކުޑަ ގާޑިޔަލެއް ހިންގައިގެން އާމްދަނީ ހޯދަމުންނެވެ. މިއީ އެމީހުންނަށް ގެއްލެން އުޅުނު އުފާވެރި ދިރިއުޅުން، ފިރިއެއްގެ ބުރަ މަސައްކަތުންނާއި ކެތްތެރިކަމާއެކު އަލުން ހޯދިގަތް ގޮތުގެ ތަސްވީރެކެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top