ކެމެރާ އާއި ޑްރޯން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ކުންފުނި ޑީޖޭއައި އިން، އެ ކުންފުނީގެ އެންމެ ފަހުގެ ހޭންޑްހެލްޑް ގިމްބަލް ކެމެރާ ކަމަށްވާ “ޑީޖޭއައި ޕޮކެޓް 4ޕީ” ވަރަށް އަވަހަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
މި އައު ކެމެރާގެ އެންމެ ހާއްސަ ސިފައަކީ މީގައި ހިމެނޭ ޑުއަލް ކެމެރާ (ދެ ކެމެރާ) ސިސްޓަމެވެ. މީގެ ކުރިން ނެރުނު މޮޑެލްތަކާ ހިލާފަށް، ޕޮކެޓް 4ޕީ ގައި ޓެލެފޮޓޯ ލެންސެއް ހިމަނާފައިވެއެވެ. މީގެ ސަބަބުން ދުރުގައި ހުންނަ މަންޒަރުތައް ސާފުކޮށް ކައިރިކޮށްލައިގެން ވީޑިއޯ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ މި ސީރީޒްގެ ކެމެރާއެއްގައި ޓެލެފޮޓޯ ލެންސެއް ހިމެނޭ ފުރަތަމަ ފަހަރެވެ.
ޚަބަރުތައް ބުނާގޮތުން މި ކެމެރާ ފަރުމާކޮށްފައިވަނީ ވްލޮގަރުންނާއި، ދަތުރުފަތުރުކުރާ ފަރާތްތަކުގެ އިތުރުން ކޮންޓެންޓް ކްރިއޭޓަރުންނަށް އަމާޒުކޮށްގެންނެވެ. ކުޑަ ސައިޒެއްގައި ފަސޭހައިން ގެންގުޅެވޭ ގޮތަށް ހުންނަ މި ކެމެރާގެ ސަބަބުން، ބަރު ސާމާނު ނުއުފުލައި ޕްރޮފެޝަނަލް ފެންވަރުގެ ވީޑިއޯ ނެގުމަށް މަގުފަހިވެގެންދާނެއެވެ.
މި ކެމެރާ ނެރޭނެ ސީދާ ތާރީޚެއް ޑީޖޭއައި އިން އަދި ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް، ޓެކްނޮލޮޖީ ދާއިރާގެ ޚަބަރުތައް ބުނާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އުފެއްދުން ބާޒާރަށް ތައާރަފްކުރާނެއެވެ. ޒަމާނީ ޓެކްނޮލޮޖީއާ އެކު ނެރޭ މި އައު ކެމެރާއަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދާއިރާއަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
