މަޝްހޫރު ބޮލީވުޑް ފަންނާނު އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ހުށަހަޅައިދިނުމަށް އޭނާގެ އުފަން ރަށް ކަމަށްވާ ކެނެޑާގެ ޓޮރޮންޓޯއަށް އެނބުރި ދިއުމަށް ތައްޔާރުވަމުންދާކަން އިޢުލާންކޮށްފިއެވެ.
ނޯރާ ފަތޭހީއަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވަ “ލައިޓް ދަ ސްކައި” ގައިވެސް ބައިވެރިވެ، ދުނިޔޭގެ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުން އޭނާއަށް ޖާގަ ލިބުނު ފަހަރެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެންނެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޓޮރޮންޓޯގައި ބޭއްވުމަކީ ނޯރާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ސަބަބަކީ އޭނާ އުފަންވެ ބޮޑުވީ ޓޮރޮންޓޯގައި ކަމަށްވެފައި، އަމިއްލަ ވަޒަނުގައި މިފަދަ ޝަރަފުވެރި ފުރުސަތެއް ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި އޭނާ ދެކޭތީއެވެ.
ޚަބަރުތައް ބުނާގޮތުގައި، ނޯރާ މިހާރު ދަނީ މި ހަރަކާތަށް ބޭނުންވާ ތައްޔާރީތައް ވަމުންނެވެ. އޭނާގެ ހުށަހެޅުންތަކަކީ އަބަދުވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ހަރަކާތްތަކަކަށް ވާތީ، 2026ގެ ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތަށްވެސް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.
ނޯރާ ފަތޭހީ ވަނީ އޭނާގެ މި އުފާވެރި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކޮށް، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދެވަނަ ފަހަރަށް ލިބުނީތީ ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.
