ދުނިޔޭގެ ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް ކޮންޓްރޯލްކޮށް، ކާބަން ސައިކަލް ބެލެންސް ކުރުމުގައި ހިންޏަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
އެރިޒޯނާ ސްޓޭޓް ޔުނިވަރސިޓީގެ ސައިންސްވެރިން އިސްވެ ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާގޮތުގައި، ހިނިތަކަކީ ދުނިޔޭގެ ބިމުގެ އަޑީގައިވާ މަޢުދަންތައް (މިނަރަލްތައް) ގިރުވައިލުމަށް ނުވަތަ “ވެދަރިންގ” މަރުހަލާގައި ވަރަށް ބޮޑު ބާރެއް ފޯރުވާ ސޫފިތަކެކެވެ. މި މަސައްކަތުގެ ސަބަބުން ޖައްވުގައި ހުންނަ ކާބަންޑައިއޮކްސައިޑް ދަމައިގަނެ، އެ ގޭސް ކެލްސިއަމް ކާބޮނޭޓް ނުވަތަ ހިލައިގެ ބާވަތްތަކަށް ބަދަލުކުރުމަށް އެހީތެރިވެދެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ހިނިތައް ބިމުގެ އަޑީގައި ހާލި ހަދައިގެން ދިރިއުޅޭއިރު، އެ ސޫފިތަކުގެ ހަރަކާތްތަކުގެ ސަބަބުން ބިމުގެ އަޑީގައި ހުންނަ ބައެއް ކަހަލަ މަޢުދަންތައް ގިރުމުގެ ދުވެލި، އާދައިގެ ހާލަތަށްވުރެ 50 އިންސައްތައާއި 300 އިންސައްތައާ ދެމެދުގެ މިންވަރަކަށް އަވަސްވެއެވެ. މިއީ ޖައްވުން ކާބަންޑައިއޮކްސައިޑް މަދުކުރުމަށް ތަބީޢީގޮތުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.
މި ދިރާސާގެ މުސައްނިފު، ޕްރޮފެސަރު ރޮނަލްޑް ޑޯން ވިދާޅުވި ގޮތުގައި، މީގެ ކުރިން ބެލެވިފައި އޮތީ ބިމުގެ މަޢުދަންތައް ގިރުވައިލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ގަސްގަހާގެއްސާއި މޫސުމަށް އަންނަ ބަދަލުތައް ކަމަށެވެ. ނަމަވެސް، 25 އަހަރަށްވުރެ ގިނަ ދުވަހު ކުރި ދިރާސާތަކުން އެނގުނު ގޮތުގައި ހިނިތަކަކީ ބަޔޮލޮޖިކަލް ގޮތުން މިކަމުގައި އެންމެ ނުފޫޒުގަދަ އެއް ވަސީލަތެވެ.
ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި، މިފަދަ ކުދި ސޫފިތަކުން ކާބަން ސައިކަލަށް ކުރާ އަސަރު ދެނެގަތުމަކީ ސައިންސްވެރިންނަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މިއީ ގުދުރަތީ ނިޒާމުގެ ތެރެއިން ޖައްވު ސާފުކުރުމަށް ހިނި ފަދަ ކުދި މަޚްލޫޤުތަކުގެ ބޭނުންތެރިކަން ހާމަކޮށްދޭ ހޯދުމެކެވެ.
