ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މި ވެކްސިނުން ލިބޭ ހައިރާންކުރުވަނިވި ފައިދާތައް

ހިތުގެ ބަލިތައް ހުންނަ މީހުން ޝިންގަލްސް ވެކްސިން ޖެހުމަކީ ހާޓް އެޓޭކާއި، ސްޓްރޯކް އަދި މަރުވުމުގެ ނުރައްކާ ބޮޑުތަނުން ކުޑަކޮށްދޭ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން އެނގޭ ގޮތުގައި، ހިތުގެ ބަލި ހުންނަ މީހުން މި ވެކްސިން ޖެހުމުން، އެއް އަހަރު ދުވަހުގެ ތެރޭގައި ހިތުގެ ސީރިއަސް މައްސަލަތައް ކުރިމަތިވުން ވަރަށް ބޮޑަށް މަދުވެއެވެ. ‘އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ’ގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅި މި ދިރާސާއިން ދައްކާ ގޮތުގައި، ވެކްސިން ޖެހި މީހުންނަށް ހިތުގެ ބޮޑެތި ބަލިތައް ކުރިމަތިވުމުގެ ނިސްބަތް، ވެކްސިން ނުޖަހާ މީހުންނާ އަޅާބަލާއިރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑައެވެ.

މި ދިރާސާގައި އެމެރިކާގެ 246,822 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ހިމަނާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ހިތުގެ ލޭހޮޅިތަކުގައި ސަރުބީ ގަނޑުވުމުގެ ސަބަބުން ލޭހޮޅި ހަނިވުމުގެ ބަލި ހުންނަ މީހުންނެވެ. މި ހޯދުންތަކުގެ ސަބަބުން، ޝިންގަލްސް ވެކްސިނަކީ ހަމައެކަނި އެ ބަލިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫން ކަމާއި، ހިތުގެ ދުޅަހެޔޮކަމާއި އަދި ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) ފަދަ ކަންކަމުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ އެއްޗެއްކަން އިތުރަށް ސާބިތުވެގެންދެއެވެ.

ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ޑޮކްޓަރެއް ކަމަށްވާ ރޮބަޓް އެންގުޔެން ވިދާޅުވި ގޮތުގައި، މި ވެކްސިނަކީ ހާޓް އެޓޭކާއި ސްޓްރޯކުން ރައްކާތެރިކޮށްދޭ އެއްޗެއްކަން ތަކުރާރުކޮށް ދަނީ ފެންނަމުންނެވެ. އަދި ހާއްސަކޮށް ހިތުގެ ބަލިތައް ކުރިން ހުންނަ މީހުންނަށް މި ވެކްސިންގެ ސަބަބުން ލިބޭ ރައްކާތެރިކަން، އާންމު މީހުންނަށްވުރެ ވެސް ބޮޑުވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިންގަލްސް ވެކްސިން ހިތަށް ރައްކާތެރިކަން ދެނީ ކިހިނެއް؟

އެމެރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން) އިން ލަފާދެނީ އުމުރުން 50 އަހަރުންމަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން ޝިންގަލްސް ވެކްސިން ޖެހުމަށެވެ. މި ވެކްސިނަކީ ހާބީސް ޒޮސްޓަރ އިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. މިއީ ހަމުގެ ވަރަށް ތަދުވާ ބައްޔެއް ކަމަށްވާ ފާނަބަސަންދު ނުވަތަ ހާބީސް ޖައްސާ ވައިރަހުގެ ސަބަބުން، އުމުރުގެ ފަހުކޮޅު އެ ވައިރަސް އަލުން ހަށިގަނޑުގައި ހަރަކާތްތެރިވުމުން ޖެހޭ ބައްޔެކެވެ.

ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި، ހާބީސް ބަލި ޖެހުމުން ސިކުނޑިއާއި ހިތުގެ ކައިރީގައި ލޭގަނޑުވުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން، ވެކްސިންގެ އެހީގައި ހާބީސް ބަލިން ރައްކާތެރިވުމަކީ، މިފަދަ ނުރައްކާތެރި ސިއްހީ މައްސަލަތަކުން ވެސް ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދިރާސާގެ ތަފްސީލާއި މުހިންމު ހޯދުންތައް

މި ދިރާސާ ކުރިއަށް ގެންދިޔައީ 2018 އާއި 2025 އާ ދެމެދު އެމެރިކާގެ އެތައް މިލިއަން ބައެއްގެ ސިއްހީ ރެކޯޑުތައް ހިމެނޭ ‘ޓްރައިނެޓްއެކްސް TriNetX’ ޑޭޓާބޭސް ބޭނުންކޮށްގެންނެވެ. މި ދިރާސާގައި ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ 123,411 މީހުންނާއި، ވެކްސިން ނުޖަހާ އެވަރުގެ އަދަދެއްގެ މީހުންގެ މައުލޫމާތު އަޅާކިޔާފައިވެއެވެ.

ދިރާސާގައި ބަލާފައިވަނީ ވެކްސިން ޖެހިތާ އެއް މަހާއި އެއް އަހަރާ ދެމެދު ހިތުގެ މައްސަލަތައް ދިމާވި މިންވަރަށެވެ. ހޯދުންތަކުން ދެއްކި ގޮތުގައި، ވެކްސިން ޖެހި މީހުންނަށް ހިތުގެ ބޮޑެތި ބަލިތައް ކުރިމަތިވުމުގެ ނުރައްކާ 46 އިންސައްތަ ކުޑައެވެ. އަދި ކޮންމެ ސަބަބަކާ ހުރެ ނަމަވެސް މަރުވުމުގެ ނުރައްކާ 66 އިންސައްތަ ކުޑަކަމަށް ފާހަގަކުރެވުނެވެ. މީގެ އިތުރުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު 32 އިންސައްތަ، ސްޓްރޯކް ޖެހުމުގެ ފުރުސަތު 25 އިންސައްތަ، އަދި ހާޓް ފެއިލްވުމުގެ ފުރުސަތު 25 އިންސައްތަ ކުޑަކޮށްދޭކަން ހާމަވިއެވެ.

ޑޮކްޓަރ އެންގުޔެން ވިދާޅުވި ގޮތުގައި، މި ނަތީޖާއަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ލިބޭ ފަދަ ބޮޑު ފައިދާއެކެވެ. މިއީ އުމުރުން 50 އަހަރުން މަތީގެ މީހުން މި ވެކްސިން ޖެހުމަށް ބާރުއަޅާ ވަރަށް ވަރުގަދަ ސަބަބެކެވެ.

“ވެކްސިނަކީ ބަލިތަކުން ރައްކާތެރިވުމަށް އަހަރެމެންގެ އަތުގައި އޮތް އެންމެ މުހިންމު އެއް ވަސީލަތް،” އޭނާ ވިދާޅުވިއެވެ. “ބައެއް ފަހަރު ބަލިމީހުން ވެކްސިން ޖެހުމާ މެދު ފަސްޖެހޭ. ނަމަވެސް މި ހޯދުންތަކުގެ ސަބަބުން ވެކްސިން ޖެހުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ.”

ދިރާސާގެ ހަނިކަމާއި ކުރިމަގު

މި ދިރާސާގައި ބަލާފައިވަނީ ވެކްސިން ޖެހުމަށްފަހު ފުރަތަމަ އެއް އަހަރުގެ ނަތީޖާއަށެވެ. އެހެންކަމުން ދިގު މުއްދަތުގެ ފައިދާތައް މި ދިރާސާއިން މުޅިން ސާފެއް ނުވެއެވެ. ނަމަވެސް 2025 ގައި ޝާއިއުކުރި އެހެން ދިރާސާއަކުން ދައްކާ ގޮތުގައި، މި ވެކްސިންގެ ސަބަބުން ލިބޭ ރައްކާތެރިކަން އަށް އަހަރާ ހަމައަށް ދެމިގެންދެއެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ، ވެކްސިން ޖަހާ މީހުންނަކީ އާންމުކޮށް ވެސް އަމިއްލަ ސިއްހަތަށް ފަރުވާތެރިވާ މީހުންނަށް ވެދާނެ ކަމެވެ. ދިރާސާގައި އިޖުތިމާއީ އަދި އިގްތިސާދީ އެކި ކަންކަމަށް ރިއާޔަތްކޮށްފައިވީ ނަމަވެސް، މި ފެންނަ ފައިދާތަކުގައި އެފަދަ ކަންކަމުގެ ނުފޫޒު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ދިރާސާގެ ބޮޑުމިނާއި ބޭނުންކޮށްފައިވާ ހިސާބުތަކުގެ ސަބަބުން، ހާބީސް ވެކްސިނާއި ހިތުގެ ދުޅަހެޔޮކަމާ ދެމެދު އޮތް ގުޅުމަށް ބޮޑު އިތުބާރެއް ލިބިގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top