ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހަތުން އަރައި އޭދަފުށިން ހަނިމާދޫ ބަލިކޮށްފި!
ފޮޓޯ: އޭދަފުށީ ކައުންސިލް ފޭސްބުކް

އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ނޯތު ރީޖަން ލީގުގައި މިއަދު ހަވީރު ފަހަތުން އަރައި ބ. އޭދަފުށިން ހދ. ހަނިމާދޫ ބަލިކޮށްފިއެވެ.

އޭދަފުށީ ދަނޑުގައި ކުޅެވުނު މި މެޗަކީ މި ރީޖަންގެ 7 ވަނަ މެޗެވެ.

ދެ ޓީމުން ވެސް ވަރަށް ބޮޑަށް އެޓޭކަށް އިސްކަންދީގެން ކުޅެމުންދިޔަ މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އޭދަފުށިންނެވެ. ގާތްގާތުގައި ދެ ފުރުސަތު ވެސް އެ ޓީމުން ފަހިކުރިއެވެ.

މަޑުމަޑުން މެޗުގެ ތެރެއަށް ވަން ހަނިމާދޫން މެޗުގެ ކޮންޓްރޯލް ހޯދިއިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެ ޓީމުންނެވެ.

މި ލަނޑަކީ 30 ވަނަ މިނިޓްގައި ހަނިމާދޫއަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ނަގައިދިން ވަގުތު، ބޯޅަ ދިފާއުކުރަން މަސައްކަތްކުރި އޭދަފުށީ ކުޅުންތެރިންގެ ތެރެއިން ބިންމައްޗަށް ވެއްޓުނު ބޯޅަ، ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުޙައްމަދު މަފާޒު ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވި ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ހަނިމާދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ފެނުނީ ހަނިމާދޫއަށްވުރެ ރަނގަޅަށް އޭދަފުށިން ކުޅުނު ތަނެވެ. އޭދަފުށީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 60 ވަނަ މިނިޓްގައެވެ. އޭދަފުށީ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ޝުހުރަބް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ މުޅިން ހުސްކޮށް އޭރިޔާތެރޭ ހުރެއެވެ.

މި ދެ ޓީމު ހަނިމާދޫގައި ކުޅުނު މެޗުން ހަނިމާދޫ މޮޅުވީ އޭދަފުށިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
މިއަދުގެ މެޗު ފެނުނީ އޭގެ އަނެއް ކޮޅަށެވެ. ހަނިމާދޫން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި އޭދަފުށި މޮޅުވި މި މެޗުގައި އޭދަފުށީގެ ދެވަނަ ލަނޑު ޖެހީ 72 ވަނަ މިނިޓްގައެވެ. ހުސެއިން ޝަރީފް މި ލަނޑު ޖެހީ ހާފުގެ މެދުތެރެއިން އޭދަފުށީ ކުޅުންތެރިއަކު ހުސެއިން ޝަރީފަށް ޖައްސާލި ބޯޅަ ހަނިމާދޫގެ ދެ ޑިފެންޑަރުން ދޭތެރެއިން ދެމިގަނެ ހުސްކޮށް އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ އޭދަފުށީން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 78 ވަނަ މިނިޓްގައެވެ. ހަނިމާދޫ އޭރިޔާގެ ބޭރުން އޭދަފުށްޓަށް ލިބުނު ފްރީކިކް ވޯލްގައި ތިބި ކުޅުންތެރިންގެ ބޯމަތިން ކީޕަރުގެ ދުރު ކަނަށް ވައްދާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޝުހްރަބް އެވެ.

އޭދަފުށީން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ 85 ވަނަ މިނިޓްގައެވެ. އޭދަފުށީ ކުޅުންތެރިއަކު އޭރިޔާ ތެރެއިން ހޯދި ބޯޅަ ކައިރިއަށް ހަނިމާދޫ ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު ގޯލް ކުރިމައްޗަށް ޖައްސާލިއިރު ހުސެއިން ޝަރީފް ހުރީ މުޅިން ހުސްކޮށެވެ. ކީޕަރުގެ ވެސް ފަހަތުން ހުސެއިން ޝަރީފަށް ލިބުނު ބޯޅަ އޭނާ ގޯލްގެ ތެރެއަށް ފޮނުވާލީ އެއްފަހަރުންނެވެ.

ހަނިމާދޫން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ. އެ ޓީމުގެ ކުޅުންތެރިއަކު އޭދަފުށީ ޓީމުގެ އޭރިޔާ ތެރެއަށް ޖައްސާލި ބޯޅަ ހުސެއިން މުޙައްމަދު ކީޕަރު ކައިރިން ނައްޓާލި ފަހުން އޭދަފުށީ ކުޅުންތެރިއަކު ހޯދި ނަމަވެސް، ދެވަނަ ފަހަރަށް އޭނާއަށް ލިބުމާއިއެކު އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަނިމާދޫ އާއި އޭދަފުށި ޕޮއިންޓްގެ ގޮތުން އެއްވަރުވެ މި ރީޖަންގެ ފޯރި ވަނީ ގަދަވެފައެވެ. މި ރީޖަންގެ އެއްވަނައިގައި ދިއްދޫ އޮތްއިރު ހަނިމާދޫއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

މި ރީޖަންގެ މެޗެއް ދެން އޮންނާނީ 14 ވަނަ ދުވަހުއެވެ. މި މެޗުގައި ބައްދަލު ކުރާނީ ހއ. ދިއްދޫ އާއި ނ. މަނަދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top