މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަން ލީގުގައި ހުރާ އިން މީދޫ ދެވަނަ ބަލިކޮށް ރީޖަންގެ އެއްވަނައަށް ޖެހިލައިފިއެވެ.
ދ. މީދޫ ދަނޑުގައި ދ. މީދޫ ފުޓްބޯޅަ ކުލަބާއި ކ. ހުރާ، ހުރާ ކޮމިއުނިޓީ ކުލަބް ބައްދަލުކުރި މި މެޗަކީ މި ރީޖަންގެ 7 ވަނަ މެޗެވެ. އަދި ހުރާ އާއި މީދޫ ވެސް މި ރީޖަންގައި ކުޅުނު ހަތަރުވަނަ މެޗެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އޮތީ ހުރާ ދަނޑުގައެވެ. ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެ މެޗުން ހުރާ މޮޅުވީ މި ރީޖަންގެ އެންމެ ތަފާތު ބޮޑު ނަތީޖާއާއެކު 5-0 އިންނެވެ.
މިއަދު ދ. މީދޫ ދަނޑުގައި ކުޅުނު މެޗުގައި ވެސް މީދޫއަށްވުރެ ރަނގަޅަށް ކުޅުނީ ހުރާ ޓީމުންނެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިއެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ހުރާއިން ޖެހީ 53 ވަނަ މިނިޓްގައެވެ. ހުރާ ޓީމުގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން މަތިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއެއް ގޯލުގެ ތެރެއަށް ފޮނުވާލީ ކޮންޓްރޯލް ކޮށްލުމަށްފަހު، ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ކީޕަރު ކައިރިންނެވެ.
ނަތީޖާ ހަމަހަމަކޮށްލައިގެން ވެސް ރީޖަންގެ އެއްވަނައިގައި ހަމަޖެހިލެވެން އޮތް މީދޫން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ކުރެވޭގޮތެއް ނުވިއެވެ.
ދެން ވެސް ފެނުނީ ހުރާގެ ލަނޑެކެވެ. 88 ވަނަ މިނިޓްގައި ހުރާއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ތަސްމީން އެވެ. މީދޫ ޓީމުގެ 9 ކުޅުންތެރިން ކޯނަރަށް އަރާ ތިއްބައި، ނެގި ކޯނަރު ބޯޅަ ކީޕަރު ހޯދައި އެ ޓީމުގެ ކުޅުންތެރިއަކަށް އެއްލިއިރު މީދޫ ހާފުގެ ތެރޭގައި ތިބީ އެ ޓީމުގެ ޑިފެންޑަރަކާއި ތަސްމީން އެވެ. ޑިފެންޑަރުގެ ބޯމަތިން ފޮނުވާލި ބޯޅަ ހޯދައިގެން އޭރިޔާ ތެރެއަށް ވަދެ ބޯޅަ ދިފާއުކުރަން ނުކުތް ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ތަސްމީން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހުރައަށް ވަނީ 7 ޕޮއިންޓާއި ފައިދާ 6 ގޯލް ލިބިފައެވެ.
މި ރީޖަންގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. އދ. މަހިބަދޫ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫއެވެ.
