ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ލޯބި – ޗެޕްޓަރ 7
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ލަސްވުން

އެލާމުގެ ތޫނު އަޑާއެކު ކޮޓަރީގެ ހަމަހިމޭންކަން މުގުރާލިއެވެ. ރީޝާގެ އަރާމެއް ނެތް ނިދި ފޫއަޅުވާލީ ކުއްލި ސިހުމަކުންނެވެ. އޭނާއަށް އޮވެވުނު ތަން ރޭކާލުމުގެ ކުރިން، ހަށިގަނޑަށް އައި ކުއްލި ލޮޅުމަކާއެކު ބެލެންސް ކަޓައި، އެނދުގެ އަރިމަތިން ތިރިއަށް ވެއްޓުނީ މަޑު އަޑަކާއެކުގައެވެ.

ކުޑަ ހިނދުކޮޅަކަށް އޭނާ އެގޮތުގައި އޮތެވެ. ހަރަކާތެއް ނެތެވެ. ދެނެގަންނަން އުނދަގޫވެފައެވެ. ހަށިގަނޑު އެއްބާރުލުން ނުދިން ނަމަވެސް، ސިކުނޑި މަޑުމަޑުން ހަޤީޤަތާ ކުރިމަތިލާން މަސައްކަތް ކުރަމުން ދިޔައެވެ. އެއީ ހީވާގޮތުން އޭނާގެ ފިކުރުތައް ވެސް އެއްފަހަރާ ނިދުމާއި ހޭލާ ހުރުމަށް ވަރުބަލިވެފައިވާ ކަހަލައެވެ.

ދެން ކުއްލިއަކަށް އޭނާގެ ދެލޯ ބޮޑުވިއެވެ. ނޭވާ އަވަސްވިއެވެ. “ފުރަތަމަ ދުވަސް..”

ރީޝާ ވަގުތުން ތެދުވެ، ގަޑިއަށް ބަލާލިއެވެ. ގަޑި ފެނުމާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ކުއްލި އަދި ތޫނު ބިރުވެރިކަމެކެވެ. “މައި ގޯޑް.. ފުރަތަމަ ދުވަހު ލަސްވެގެން ނުވާނެ..” އޭނާ އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް ލޯގަނޑާ ދިމާލަށް ދުއްވައިގަތެވެ.

ލޯގަނޑުން ފެނުނު މަންޒަރަކުން ރީޝާ ކުޑަ ހިނދުކޮޅަކަށް ގަނޑުވި ކަހަލައެވެ. ނިދި މަދުވުމުގެ ސަބަބުން އޭނާގެ މޫނު ހުރީ ކުޑަކޮށް ދުޅަވެފައެވެ. ދެލޯ ހުރީ ވަރުބަލިވެ ބަރުވެފައެވެ. އެއީ ނުދަންނަ މާހައުލެއްގައި އޮވެ، މުޅި ރޭ ފުރޮޅިފުރޮޅި އޮތުމުގެ ނަތީޖާއެވެ. އަދި އޭނާގެ އިސްތަށިގަނޑު އޮތީ ގޮށް ޖެހި ހޭވިފައެވެ.

އެއީ މަންމައާ ވަކިން އޭނާ ހޭދަކުރި ފުރަތަމަ ރެއެވެ. އަމިއްލަ ގެއެއް ކަމުގެ އިޙުސާސް ނުކުރެވޭ ތަނެއްގައި ހޭދަކުރި ފުރަތަމަ ރެއެވެ. އޭނާ ހަނދާން ނައްތާލަން މަސައްކަތްކުރި ހުރިހާ އިޙުސާސެއް އޭނާގެ ހަށިގަނޑު ހަނދާންކޮށްދެމުން ދިޔައެވެ. “ވަގުތެއް ނެތް..” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ. އަދި އަވަސްއަވަހަށް ހަރަކާތްތެރިވާން ފެށިއެވެ.

ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ރީޝާ ހުއްޓުން އެރިއެވެ. “މިސް ރީޝާ..” ނުދަންނަ ފިރިހެނެއްގެ ޒުވާން އަޑެކެވެ. މަޑުމައިތިރި، އަދި ހަމައެހެންމެ ޕްރޮފެޝަނަލް އަޑެކެވެ. ނަމަވެސް އެ އަޑުގައި ވަރުގަދަކަމެއް ހުއްޓެވެ. “އަޅުގަނޑަކީ ބަޓްލަރ ނާޒިމް. ރުޝްދާން ސަރ އެދިލައްވަނީ މިހާރުން މިހާރަށް ނާސްތާ ކުރާ މާލަމަށް ވަޑައިގަތުމަށް.”

ރީޝާގެ ހިތް ހުއްޓުނު ކަހަލައެވެ. މިހާރު ހެއްޔެވެ؟ “މާލަމަށް..؟” އޭނާ މަޑުމަޑުން ކިޔާލިއެވެ. އެއީ އޭނާގެ ދުލަށް އާ ބަހެއް ކަހަލައެވެ. ނަމަވެސް ވަގުތުން ހަށިގަނޑު ތަރުތީބުކޮށްލަމުން ޖަވާބު ދިނެވެ. “އާދެ.. އާދެ، މިދަނީ.. ޕްލީޒް، އަޅުގަނޑަށް މަދު މިނެޓްކޮޅެއް ދެއްވާ.”
“އަވަސް ކުރައްވާ، މިސް.” އިޙުތިރާމާއެކު ޖަވާބު ދިނުމަށްފަހު ފިޔަވަޅުތަކުގެ އަޑު ދުރަށް ދިޔައެވެ.

އޭގެ ފަހުން ރީޝާ އެންމެ ސިކުންތެއްވެސް ބޭކާރު ނުކުރެއެވެ. އޭނާ އަވަހަށް ފާޚާނާއަށް ވަދެ، ދަތް އުނގުޅައި، ފިނި ފެނުން މޫނު ދޮވެލީ ވަރުބަލިވެފައިވާ ސިކުނޑި ހޭލައްވާލުމަށެވެ. އަވަހަށް އިސްތަށިގަނޑު އޮމާންކޮށް، ސާދާ ގޮތަކަށް އައްސާލިއެވެ. އެހެނަސް އޭނާގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަން މުޅިން ފޮރުވައެއް ނުލެވުނެވެ. ފުރިހަމަކަމަށް ބަލާނެ ވަގުތެއް ނެތެވެ.

އިއްޔެ ލީ ހެދުން ލައިގެން، އަތްކުރި ރީތިކޮށްލުމަށްފަހު، ލޯގަނޑު ކުރިމަތީގައި ހުރެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއީ ހަމައެކަނި ވަޒީފާއަކަށްވުރެ ބޮޑު ކަމަކަށް ތައްޔާރުވާ ކަހަލަ ނޭވާއެކެވެ. ދެން އޭނާ ބޭރަށް ނިކުތެވެ.

ނުދަންނަ ކޮރިޑޯތަކުގެ ތެރެއިން، މަގުދައްކަން ހުރި ޒުވާން އަންހެން ކުއްޖެއްގެ ފަހަތުން ހިނގަމުން ދިޔައިރު، ރީޝާގެ ހިތަށް ބަރުކަމެއް އިޙުސާސްވަމުން ދިޔައެވެ. ނިކަމެތިކަން.. އޭނާގެ ހިތަށް ތަކުރާރުކޮށް ވަންނަމުން ދިޔައީ އެންމެ ބަހެކެވެ. ސަބަބަކީ އޭނާގެ ފުރަތަމަ ހެނދުނު މިގޮތަށް ވުމަކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ.

ރޭގައި ދީނާ ވަރަށް ސާފުކޮށް ހުރިހާ ކަމެއް ކިޔައިދިނެވެ. ހުރިހާ ކަމެއް އޮތީ ރޭވިފައެވެ. ތަރުތީބުވެފައެވެ.

ހެނދުނު ހޭލުން.

ކޮފީ ތައްޔާރުކުރުން.

ހެނދުނުގެ ޚަބަރުތައް ބެލުން.

އީމެއިލްތައް ތަރުތީބުކުރުން.

އިރުޝާދާ އެއްގޮތަށް ނާސްތާ ތައްޔާރުކުރުން – ވަކި ރެސިޕީއަކަށް ހަދާފައިވާ އޮމްލެޓެއް.

ފުރަތަމަ އެވާހަކަތައް އިވުނުއިރު އެއީ ވަރަށް އާދައިގެ ކަންތައްތަކެއް ކަމަށް ހީވިއެވެ. ނަމަވެސް މިހާރު، މި ބޮޑު ގަނޑުވަރެއް ފަދަ ތަނުގެ ތެރޭގައި ހިނގަމުންދާއިރު، މިހާރުވެސް ލަސްވެ، ތައްޔާރު ނުވެވި، ޔަޤީންކަމެއް ނެތި ހުރިއިރު އޭނާއަށް އިޙުސާސް ކުރެވުނީ މަސައްކަތް ފެށުމުގެ ކުރިންވެސް ނާކާމިޔާބު ވެއްޖެ ކަމަށެވެ.

ނާސްތާކުރާ މާލަމާ ހަމައަށް ފޯރިއިރު، އަމިއްލަ އިޚްތިޔާރުން ބޭރުގައި ރީޝާ ފިޔަވަޅުތައް މަޑުޖެހުނެވެ. އެތަނުގައި ވަނީ ހަމަހިމޭންކަމެވެ. ޗާލޫކަމެވެ. ބޮޑު، ކުޑަދޮރުތަކުން ވަންނަމުންދިޔަ ހެނދުނުގެ މަޑު އަލިން މުޅި ތަނަށް ގެނެސްދީފައިވަނީ އަމާންކަމެވެ. ހީވާގޮތުން ވަގުތުވެސް އެތަނުގައި ހިނގަނީ ވަރަށް ތަރުތީބުންނެވެ. އަދި އެ ހުރިހާ ކަމެއްގެ މެދުގައި އޭނާ އިނީ އިންތިޒާރުގައެވެ. އިށީނދެގެންނެވެ. ރުޝްދާންއެވެ.

އޭނާގެ ލޯ ރުޝްދާންއާ ބައްދަލުވި ވަގުތު، ރީޝާއަށް އެނގުނެވެ. ރުޝްދާން އިނީ ހިތްހަމަނުޖެހިފައެވެ. “ގުޑް މޯނިންގ، ސަރ..” ރީޝާ މަޑުމަޑުން ބުންޏެވެ. އޭނާގެ އަޑުގައި އިޙުތިރާމް ހުއްޓަސް، ކޮންމެވެސް ވަރެއްގެ ތުރުތުރުލުމެއް ހުއްޓެވެ.

ކުޑަ ހިނދުކޮޅަކަށް ރުޝްދާން ޖަވާބެއް ނުދެއެވެ. އޭނާ ހަމައެކަނި ރީޝާއަށް ބަލާލީއެވެ. ދެން އަތުކުރީ ގަޑިއަށް ބަލާލިއެވެ. ލަސްލަހުންނެވެ. ވިސްނުންތެރިކަމާއެކުގައެވެ. އަދި އަނެއްކާވެސް ރީޝާއާ ދިމާލަށް ބަލާލިއެވެ. “ގުޑް މޯނިންގ.” އޭނާ މަޑުމައިތިރިކަމާއެކު ތަކުރާރުކޮށްލިއެވެ. ނަމަވެސް އެ އަޑުގެ ރާގުން ރީޝާ ސިހިގެން ދިޔައެވެ. “ތި އައީ ލަހުން.”

ދެ ބަހެވެ. އާދައިގެ ބަސްތަކެކެވެ. ނަމަވެސް އެއީ ބަރުދަން ހުރި ބަސްތަކެކެވެ. “އަޅުގަނޑު.. އަޅުގަނޑު މާފަށް އެދެން، ސަރ..” ރީޝާ އަވަސްއަވަހަށް ބުންޏެވެ. “އަޅުގަނޑަށް ހޭލެވުނީ ލަހުން، އެހެންވެ.”

“ކަލެއަށް ވަނީ ތާވަލެއް ދެވިފައި.” ރުޝްދާން މެދުކަނޑާލިއެވެ. އަޑު އަދިވެސް މަޑެވެ، ނަމަވެސް އޭގައިވަނީ ތޫނުކަމެވެ. “ވަރަށް ސާފު ތާވަލެއް.”

ރީޝާ ވަގުތުން އިސްޖަހާލިއެވެ. “އާދެ، ސަރ..”

“އެހެންވީއިރުވެސް، ކަލޭ އެއަށް އަމަލެއް ނުކުރި.”

ރީޝާގެ އިނގިލިތައް ބާރުކޮށްލެވުނެވެ. “މާފުކުރައްވާ..”

ކުޑަ ހިނދުކޮޅެއްގެ ހަމަހިމޭންކަމަށްފަހު “އިށީނދޭ.”

ރީޝާ ކުޑަކޮށް ފަސްޖެހުނު ނަމަވެސް، ވަގުތުން އަމުރަށް ކިޔަމަންވެ، ވަރަށް ފަރުވާތެރިކަމާއެކު އިށީނދެލިއެވެ. ހީވާގޮތުން ރީޝާގެ ކޮންމެ ހަރަކާތަކަށްވެސް ހުއްދަ ބޭނުންވެއެވެ. ރުޝްދާން ކުޑަ ވަގުތުކޮޅަކަށް ރީޝާއަށް ބަލަން އިނެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.

“ކަލޭގެ ދުވަހުގެ ފުރަތަމަ މަސައްކަތުން ފެއިލްވެފައިވާތީ.. ބާކީ ހުރި ކަންކަމުގައި އެހެން ނުވާނެކަން ކަށަވަރުކުރަންވާނެ.” ރުޝްދާން ބުންޏެވެ.

“މިއީ ހަމައެކަނި އާދައިގެ ވަޒީފާއެއް ނޫން.” ރުޝްދާން ކުރިއަށް ގެންދިޔައެވެ. އޭނާގެ އަޑު ހުރީ ވަރަށް ބާރުވެފައި، ސާބިތުކޮށެވެ. “ކަލޭ މިތަނަށް ތިޔަ އައީ ހަމައެކަނި އެހީތެރިވާކަށް ނޫން. ކަލޭ މިތަނުގައި ހުންނަން ޖެހޭނީ ހުރިހާ ކަމެއް މެނޭޖްކޮށް، ކަންކަން ވާނެގޮތް ދުރާލާ ވިސްނައި، އިރުޝާދަކާ ނުލައި ކަންކަން ފުރިހަމަކުރަން.”

ކޮންމެ ބަހެއްވެސް ރީޝާގެ ހިތަށް ބަރުވަމުން ދިޔައެވެ. “ކަލޭގެ ދުވަސް ފެށޭނީ އަހަރެންގެ ދުވަސް ފެށުމުގެ ކުރިން.” ރުޝްދާން އިތުރުކޮށްލިއެވެ. “އަހަރެން މި މާލަމަށް ވަންނައިރު، ހުރިހާ ކަމެއް ހުންނަންވާނީ ތަރުތީބުވެފައި. ކޮފީ ތައްޔާރުކޮށްފައި، ނާސްތާ ތައްޔާރުކޮށްފައި، އަދި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ތައްޔާރުކޮށްފައި.”

ރީޝާ އަވަސްއަވަހަށް ބޯޖަހާލިއެވެ. “އާދެ، ސަރ.”

“ކޮންމެ ހެނދުނަކު އަހަރެންގެ އީމެއިލްތައް ބަލަންވާނެ.” ރުޝްދާން ބުންޏެވެ. “އޭގެ ތެރެއިން މުހިންމު ކަންކަން ވަކިކޮށް، އަވަސްކުރަންޖެހޭ ކަންކަމުގައި ފާހަގަ ޖަހަންވާނެ. ކަލޭ ކުރަންޖެހޭ މަސައްކަތަކަށް އަހަރެންގެ ވަގުތު ބޭކާރުވެގެން ނުވާނެ.”

ރީޝާ ކޮންމެ ތަފުސީލެއް ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހަމުން ދިޔައެވެ. “ކަލޭ އަހަރެންގެ ތާވަލު ދަސްކުރަން ޖެހޭނެ.. މީޓިންތަކާއި، ފޯނު ކޯލްތަކާއި، އަމިއްލަ ކަންކަން. އެކަންކަން މެނޭޖްކުރަންވާނެ. ބޭނުންވެއްޖެ ހިނދެއްގައި ބަދަލުތައް ގެންނަންވާނެ. އަހަންނަށް އަންގަން ޖެހޭނީ ހަމައެކަނި މުހިންމު ކަންކަން.”

މަޑުޖެހުމަކަށްފަހު، ރުޝްދާންގެ ބެލުން އިތުރަށް ތޫނުވިއެވެ. “އަދި އެންމެ މުހިންމު ކަމަކީ ކަލޭ ފަރުވާތެރިވާންވާނެ.” ރީޝާ އިސްއުފުލާ ބަލާލިއެވެ. “ކުދިކުދި ތަފުސީލުތަކަށް ސަމާލުކަން ދޭންވާނެ.” އޭނާ އިތުރުކޮށްލިއެވެ. “ސަބަބަކީ މިތަނުގައި ކުދިކުދި ކުށްތަކަކީ ކުދިކުދި ކަންތައްތަކެއް ނޫން.”

ކުޑަ ވަގުތުކޮޅަކަށް ހަމަހިމޭންކަން ވެރިވިއެވެ. ދެން ރުޝްދާން މަޑުމަޑުން، ބަސްތަކަށް ބާރުލަމުން ކުރިއަށް ގެންދިޔައެވެ. “އެކަންކަމުގެ ނަތީޖާ ވަރަށް ހިތްދަތިވާނެ.”

އެ ބަސް ރީޝާގެ ކަންފަތުގައި ބާރަށް ގުގުމާލިއެވެ. ރީޝާ އަނެއްކާވެސް ބޯޖަހާލިއެވެ. “އާދެ، ސަރ.. އަޅުގަނޑަށް ވިސްނިއްޖެ.”

ރުޝްދާން އިރުކޮޅަކު ބަލަން އިނީ ރީޝާއަށް ހަމަ ހަޤީޤަތުގައިވެސް ވިސްނުނުތޯ ޔަޤީންކުރާ ފަދަ ގޮތަކަށެވެ. ދެން އެންމެ ފަހުން ބުންޏެވެ. “އަހަރެން ބަލާނަން.”

ހެނދުނުގެ ބާކީ ވަގުތުތައް ދިޔައީ ވަރަށް އަވަހަށެވެ. ރީޝާ ކޮންމެ އިރުޝާދަކަށް ވަރަށް ފަރުވާތެރިވިއެވެ. އަނެއްކާވެސް ކުށެއް ކުރެވިދާނެތީ އޭނާ ބިރުގަތެވެ. އޭނާގެ ހަށިގަނޑަށްވުރެ ބާރަށް އޭނާގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔައެވެ. ކޮފީ. އީމެއިލްތައް. ނޯޓްތައް. ތައްޔާރީތައް.

ކޮންމެ މަސައްކަތެއް ވަކިވަކިން ބަލާއިރު އާދައިގެ ކަމަކަށް ވިޔަސް، ރުޝްދާންގެ ކުރިމަތީގައި، އޭނާގެ ހަމަހިމޭން ބެލުމުގެ ދަށުގައި، އެ ހުރިހާ ކަމެއް ކުރަންވުމުން ވަރަށް އުނދަގޫވިއެވެ. އަދި އޭނާ ކުޑަވެސް މަޑުޖެހުމެއް ގެނެސްފިނަމަ، ރުޝްދާންގެ ސަމާލުކަން އޭނާއަށް ހުއްޓޭކަން އިޙުސާސް ކުރެވެއެވެ. ވާހަކަ ނުދެއްކިޔަސް، އޭނާ އިނީ ބަލާށެވެ. ވަޒަންކުރާށެވެ. އިމްތިހާނު ކުރާށެވެ.

އެއްފަހަރަކު ޑެސްކު މަތީގައި ލިޔެކިޔުންތައް ތަރުތީބުކުރަން ހުރެފައި، ރީޝާ ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލި ވަގުތު “ކަލޭގެ މަސައްކަތް ލަސްވަނީ.” އިސްއުފުލާ ބަލާލުމެއް ނެތި ރުޝްދާންގެ އަޑު އިވުނެވެ. ރީޝާ ވަގުތުން ތެދުވިއެވެ. “މާފުކުރައްވާ، ސަރ.”

“މާފަށް ނޭދޭ.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ސީދާ ބަރާބަރަށް ކަންކަން ކުރޭ.”

އެއީ އާދައިގެ ބަސްތަކެކެވެ. ނަމަވެސް އެ ބަސްތައް އޭނާގެ ހިތުގައި ބަދަލު ނުވެ ހުއްޓެވެ. މެންދުރުވިއިރު، ރީޝާއަށް އިޙުސާސް ކުރެވުނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މުޅި ދުވަހުގެ މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެއީ ހަމައެކަނި ވަރުބަލިކަމެއް ނޫނެވެ. އެއީ އޭނާއަށް ކުރިމަތިވި ޕްރެޝަރެވެ.

މަޑުމަޑުން، މެދުކެނޑުމެއް ނެތި، ކޮންޓްރޯލް ކުރެވިފައިވާ ޕްރެޝަރެކެވެ. އަދި އޭނާ ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލާފައި ބަލާލުމުން، ރޭގައި އޭނާއަށް ނޭނގޭ ކަމެއް ވިސްނުނެވެ. މިއީ ހަމައެކަނި ވަޒީފާއެއް ނޫނެވެ. އަދި ރުޝްދާންއަކީ ހަމައެކަނި ބޮސްއެއް ނޫނެވެ. މިތަނުގައި އަދި މި މީހާގެ ކައިރީގައި ކަރުދާހުގައި ނުލިޔެ ހުރި ޤަވާއިދުތަކެއްވެއެވެ. އެއީ އުންމީދުތަކުގެ މައްޗަށް ބިނާވެފައިވާ ޤަވާއިދުތަކެކެވެ. އަދި ރީޝާއަށް އެކަންކަން މި ދަސްވާން ފެށީ އަދި ކިރިޔާއެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top