ބޮޑަށް އެކްޝަން ހީރޯއެއްގެ ގޮތުގައި މަޝްހޫރުވި އަޖޭ ދޭވްގަންއާއި ޓްވިންކަލް ކަންނާ ލީޑް ރޯލުން ފެނިގެންދިޔަ “ޖާން” ރިލީޒްކުރިތާ މިއަދަށް 30 އަހަރު ވީއެވެ. 1996 ވަނަ އަހަރުގެ މެއި 17 ގައި ސިނަމާތަކަށް ގެނެސްދިން މި ފިލްމަކީ ވަރުގަދަ ތަޅާފޮޅުންތަކާއި ލޯބި ވަރަށް ވަރުގަދައަށް ދައްކުވައިދިން ފިލްމެކެވެ.
ރާޖް ކަންވަރު ޑައިރެކްޓްކުރި މި ފިލްމަކީ އަޖޭ ދޭވްގަން އާއި ޓްވިންކަލް ކަންނާގެ އިތުރުން އަމްރިޝް ޕޫރީ، ޝަކްތީ ކަޕޫރް، ސުރޭޝް އޮބެރޯއީ، ވިވެކް މުޝްރަން، ޖޯނީ ލީވަރ އަދި ރާކީ ފަދަ މަޝްހޫރު ތަރިން މައިގަނޑު ރޯލުތަކުން ފެނިގެންދިޔަ ވަރަށް ކާމިޔާބު، ހިތްގައިމު ފިލްމެކެވެ.
މި ފިލްމާއި ގުޅޭ ފާހަގަކޮށްލެވޭ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.
ފިލްމުގެ ވާހަކަ
މި ފިލްމުގައި ކިޔައިދެނީ ޕޮލިސް ކޮމިޝަނަރު ސޫރިޔަދޭވްގެ މުދަލުގެ މިލްކުވެރިކަމާމެދު ހިތްހަމަނުޖެހިގެން އޭނާގެ ދެބެންގެ ދެދަރި ފިރިހެނެއް ކަމަށްވާ ވިޝަމްބަރު، ސޫރިޔަދޭވްގެ ކާފަ ދަރިފުޅު ކާޖަލް މަރާލުމަށް މަޖުބޫރީ ހާލަތުގެ ސަބަބުން ފައިސާއަށް ބޭނުންވެފައިވާ ކަރަންއާ ހަވާލުކޮށް އެ ދެމީހުންގެ ދެމެދުގައި ހިނގާ ލޯބީގެ ކަންތައްތަކަކާއި އެކަމުގެ ނިމުން އަންނަ ގޮތެވެ.
ފިލްމުގެ ލަވަތައް
އެދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރުވި މި ލަވަތަކަކީ އުދިތު ނާރަޔަން، އަލްކާ ޔަގްނިކް، މަންހަރް އުދާސް، ސާދްނާ ސަރްގަމް، ސަޕްނާ މުކަރްޖީ އަދި ބާވްނާ ޕަންޑިތު ކިޔައިދީފައިވާ ލަވަތަކެކެވެ. މަޝްހޫރު މިއުޒިކް ޑުއޯ އަނަންދު-މިލިންދު ގެ މިއުޒިކް ތައްޔާރުކޮށްދިން މި ލަވަތަކުގެ ޅެންތައް ތައްޔާރުކޮށްދިނީ އަނަންދު ބަކްޝީއެވެ.
މި މަޝްހޫރު ލަވަތަކުގެ ތެރެއިންވެސް “ޖާން އޯ މޭރީ ޖާން”، “ޖާން ގަޔީ ދިލް އާޔާ” އަދި “ކުނވާރާ ނެހީ މަރްނާ” ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން “ކުނވާރާ ނެހީ މަރްނާ” މި ލަވައިގެ ޕާކިސްތާން ވާޝަނެއް ޕާކިސްތާން ފިލްމު “ހަމް އާޕްކޭ ހޭ ގުލާމް” ގައި ހިމެނެއެވެ. ނަމަވެސް އެ ލަވަ ހިމެނިފައިވަނީ ހަމައެކަނި ފިލްމުގައެވެ. އޯޑިއޯ އަލްބަމްގައި އެ ލަވަ ހިމަނާފައެއް ނުވެއެވެ.
އަޖޭ އާއި ޓްވިންކަލްގެ ގުޅުން
މި ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު، އަޖޭ ދޭވްގަން އާއި ޓްވިންކަލް ކަންނާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް ފެތުރުނެވެ. މިކަމުގެ ސަބަބުން އޭރު އަޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަރިޝްމާ ކަޕޫރާއި އަޖޭއާ ދެމެދު އެތައް ފަހަރަކު ހަމަނުޖެހުންތައް ހިނގާފައިވެއެވެ.
– “ޖާން” އާއި “އިތިހާސް” އަކީ ޑައިރެކްޓަރު ރާޖް ކަންވަރު އެކުއެކީގައި މަސައްކަތް ކުރި ދެ ފިލްމެވެ. ދެ ފިލްމުގެ ވެސް ލީޑް ރޯލުން ފެނިގެންދިޔައީ އަޖޭ އާއި ޓްވިންކަލްއެވެ. މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދިއިރު، “އިތިހާސް” ބޮކްސް އޮފީހުގައިވީ ބޮޑު ފްލޮޕަކަށެވެ.
– މި ފިލްމުގައި ޝަކްތީ ކަޕޫރް ފެނިގެންދިޔައީ އާންމުކޮށް އޭނާ ފެންނަ ސިފައަށްވުރެ ތަފާތު ގޮތަކަށެވެ.
– މިއީ މަޝްހޫރު ބަތަލާ ރާކީ، އަޖޭ ދޭވްގަންއާއެކު ފެނިގެންދިޔަ ހަމައެކަނި ފިލްމެވެ.
– މި ފިލްމަކީ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސުބާޝް ގާއީގެ ބޭބެ އަޝޯކް ގާއީ ޕްރޮޑިއުސްކުރި ފިލްމެކެވެ.
