ޕެންކްރިއަޓިކް ކެންސަރުގެ ސެލްތައް ދިރިހުރުމަށްޓަކައި ބަރޯސާވާ ހާއްސަ “އެޑިކްޝަން” ނުވަތަ ދެވިހިފުމެއް ސައިންސްވެރިން ދެނެގަނެ، މި ބައްޔަށް ފަރުވާ ހޯދުމުގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް ރޮޗެސްޓަރ މެޑިކަލް ސެންޓަރުގެ ދިރާސާވެރިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި، ޕެންކްރިއަޓިކް ކެންސަރު ސެލްތައް އާދަޔާޚިލާފަށް “ޕީޑަބަލިޔުޕީ2 (PWP2)” ނަމަކަށް ކިޔާ ޕްރޮޓީނަކަށް ބަރޯސާވެއެވެ. މި ޕްރޮޓީނަކީ ސެލްތަކުގެ ތެރޭގައި ޕްރޮޓީން އުފައްދައިދޭ “ރައިބޯސޯމްސް” އުފެއްދުމަށް އެހީތެރިވެދޭ މުހިންމު ބަހާއެކެވެ.
ދިރާސާވެރިން ހާމަކުރި ގޮތުގައި، ކެންސަރު ސެލްތަކުން މި ޕްރޮޓީން މަދުކޮށްލުމުން، އެ ސެލްތަކަށް ބޭނުންވާ ޕްރޮޓީން އުފެއްދުމުގެ ގާބިލުކަން ގެއްލި، ވަރަށް އަވަހަށް އެ ސެލްތައް މަރުވެގެންދެއެވެ. މިއީ “ޓޯޓަލީ އަންއެކްސްޕެކްޓެޑް” ނުވަތަ އެއްވެސް ވަރަކަށް އުންމީދު ނުކުރާ ފަދަ ނަތީޖާއެއް ކަމަށް ސައިންސްވެރިން ސިފަކުރެއެވެ. ސަބަބަކީ، ހަށިގަނޑުގެ އާންމު ސިއްހަތު ރަނގަޅު ސެލްތަކަށްވުރެ ބޮޑަށް، ކެންސަރު ސެލްތައް މި ޕްރޮޓީނަށް “ދެވިހިފާފައި” ހުންނަ މިންވަރު މާ ބޮޑުވުމެވެ.
މި ހޯދުމުގެ ސަބަބުން، ޕެންކްރިއަޓިކް ކެންސަރަށް ދެވޭ ފަރުވާތަކަށް އާ ދޮރެއް ހުޅުވިގެންދާނެއެވެ. މި ބައްޔަކީ ދުނިޔޭގައި އެންމެ ފުރާނައަށް ނުރައްކާތެރި އަދި ފަރުވާ ދޭން އެންމެ އުނދަގޫ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. އާ ހޯދުމުގެ އެހީގައި، ސިއްހަތު ރަނގަޅު ސެލްތަކަށް ގެއްލުން ނުދީ، ހަމައެކަނި ކެންސަރު ސެލްތަކަށް އަމާޒުކޮށްގެން ދެވޭނެ ފަރުވާތައް ކުރިމަގުގައި ތައާރަފު ކުރެވޭނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.
މި ދިރާސާގެ ނަތީޖާ މިހާރު ވަނީ މަޝްހޫރު ސައިންޓިފިކް ޖަރނަލެއްގައި ޝާއިއުކޮށްފައެވެ. ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ ޕީޑަބަލިޔުޕީ2 ޕްރޮޓީން ހުއްޓުވައިލެވޭނެ ރައްކާތެރި ބޭހެއް އުފެއްދުމަށެވެ.
