މިއަހަރުގެ އަޟްޙާ ޢީދު ނުވަތަ ބޮޑު އީދުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ކިޔާފައިވާ ޚާއްސަ ލަވަ “އުފަލުން ހެމާ” އަދަދު މީޑިއާއިން ރިލީޒްކޮށްފިއެވެ.
ހިޖުރީގޮތުން 1447 ވަނަ އަހަރުގެ ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން ނެރުނު މި ލަވައަކީ، މުޅި ރާއްޖޭގައި ޢީދުގެ ފޯރި ގަދަކުރުމަށާއި ޢީދުގެ އުފާވެރިކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ މަޤުސަދުގައި ތައްޔާރުކޮށްފައިވާ އޮފިޝަލް މިއުޒިކް ވީޑިއޯއެކެވެ. “އުފަލުން ހެމާ” މި ލަވަ މިހާރު ވަނީ އަދަދުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކޮށްފައެވެ.
އަޝްފާގެ ހިތްގައިމު އަޑުން ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން ފެނިގެންދަނީ ޢީދުގެ ސަގާފީ އަދި އުފާވެރި މާހައުލެވެ. މިއީ ޢީދުގެ މުނާސަބަތުގައި ރައްޔިތުންނަށް ދޫކޮށްލި ހަދިޔާއެއްގެ ގޮތުގައި އަދަދު މީޑިއާއިން ފާހަގަކުރެއެވެ.
ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް ތަފާތު މިއުޒިކީ އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް އަންނައިރު، އަޝްފާގެ މި ލަވައަކީ މިއަހަރުގެ ޢީދުގެ ފޯރި އިތުރުކޮށްދޭނެ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މި ލަވައަށް މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.
