މިހާރު ކުރިޔަށްދާ އެފްއޭއެމް ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސެންޓްރަލް ރީޖަންގެ ޗެމްޕިއަންކަން އެފްއޭއެމުން ނިންމި ނިންމުމާއިއެކު ހުރައަށް ލިބިއްޖެއެވެ.
މި ރީޖަންގައި ހުރާ އާއި ކުޑަހުވަދޫ އެންމެ ފަހުން ކުޅުނު މެޗުން 4ـ1 އިން މޮޅުވެ 11 ޕޮއިންޓާއިއެކު ޓޭބަލްގެ އެއްވަނަ ކުޑަހުވަދޫ ހޯދި ނަމަވެސް، އެމެޗުގައި ރީނދޫ ކާޑު ހަމަވެފައިވާ ދެކުޅުންތެރިން ކުޅުވާފައިވާތި، އެފްއޭއެމުން އެމައްސަލަ ބަލައި، އެމެޗުން 2-0 އިން ހުރާ މޮޅުވި ކަމަށް ނިންމުމާއިއެކު 13 ޕޮއިންޓް ހުރައަށް ހަމަވެ ރީޖަންގެ ޗެމްޕިއަންކަން އެޓީމަށް ވަނީ ލިބިފައެވެ.
މިމެޗު ނިމުމާއިއެކު، ރަސްމިއްޔާތު ނުބާއްވައި އެފްއޭއެމްގެ އޮފިޝަލުން ވަނީ ދަނޑު ދޫކޮށް ގޮސްފައެވެ.
ޗެމްޕިއަން ޓީމަށް ޝީލްޑް ހަވާލު ކުރުމުގެ ރަސްމިއްޔާތު ނުބޭއްވި ނަމަވެސް ސެންޓްރަލް ރީޖަންގެ ޗެމްޕިއަންއަކީ ކުޑަހުވަދޫ ކަމަށް އެފްއޭއެމްގެ ރީޖަނަލް ލީގު ފޭސްބުކް ޕޭޖްގައި އިއުލާން ކުރިއެވެ.
އޭގެ އިރުކޮޅެއް ފަހުން އެ ޕޯސްޓް ޑިލީޓްކޮށް، އެ މެޗުގެ މައްސަލައެއް ބަލަމުންދާ ކަމަށް އެފްއޭއެމުން ވަނީ އިއުލާން ކޮށްފައެވެ.
ކަންތައްތައް ހިނގައިދިޔަ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ ކުޑަހުވަދޫ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވާގޮތުން އެ މެޗަށް ކުޑަހުވަދޫން ނެރެފައިވާ ޓީމު ނެރެފައިވަނީ އެފްއޭއެމްގެ ފަރާތުން ބަލަން ޖެހޭ އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައެވެ.
އެ މެޗާއި ގުޅިގެން އެފްއޭއެމުން ނިންމި ނިންމުން އިއުލާން ކުރީ މިރެއެވެ.
މި ރީޖަންގެ ޗެމްޕިއަންކަން ހުރާ ހޯދުމާއިއެކު ތިން ރީޖަންގެ ޗެމްޕިއަން ޔަގީން ވިއެވެ. އެއީ މާލެ ރީޖަންގެ ޗެމްޕިއަން ބިސްބުރާއި ނޯތު ރީޖަންގެ ޗެމްޕިއަން ދިއްދޫ އަދި ސެންޓްރަލް ރީޖަން ޗެމްޕިއަން ހުރާ އެވެ.
