ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރު، އޭނާގެ ކާމިޔާބު ފިލްމު “މަމް” ގެ ދެވަނަ ބައެއް ނުވަތަ ސީކުއަލްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ރަސްމީކޮށް ހާމަކޮށްފިއެވެ.
2017 ވަނަ އަހަރު ރިލީޒްކުރި “މަމް” އަކީ ބޯނީ ކަޕޫރުގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ މުހިންމު ރޯލެއް ކުޅުނު، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބޯނީ ކަޕޫރު ބުނީ “މަމް 2” ގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށާއި، ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ.
ބޯނީ ކަޕޫރު މި ނިންމުން ނިންމާފައިވަނީ ފުރަތަމަ ފިލްމަށް ލިބުނު ބޮޑު ކާމިޔާބީއަށާއި، އެ ފިލްމުގެ ވާހަކަ ކުރިއަށް ގެންދިއުމަށް ބެލުންތެރިންގެ ފަރާތުން ލިބެމުންދާ އެދުންތަކަށް ރިޢާޔަތްކޮށްފައެވެ. “މަމް” އަކީ ސްރީދޭވީގެ 300 ވަނަ ފިލްމު ކަމަށްވާއިރު، އެ ފިލްމުގައި އޭނާ ދެއްކި މޮޅު އެކްޓިންއަށް މަރުވުމަށްފަހު ވަނީ އެންމެ މޮޅު ބަތަލާގެ ގައުމީ އެވޯޑުވެސް ލިބިފައެވެ.
ފުރަތަމަ ފިލްމުގައި ދައްކުވައިދެނީ ދޮންދަރިއަކަށް ލިބުނު އަނިޔާއެއްގެ ބަދަލު ހިފުމަށް މައަކު ކުރާ ވަރުގަދަ މަސައްކަތްތަކެވެ. ބޯނީ ކަޕޫރު ހާމަކުރި ގޮތުގައި، ދެވަނަ ބައިގައި ވެސް ފެނިގެންދާނީ ހަމަ އެފަދަ ވަރުގަދަ އިހުސާސްތަކެއް އެކުލެވިގެންވާ މައެއްގެ ވާހަކައެވެ.
މި ފިލްމުގެ ދެވަނަ ބައިން ފެނިގެންދާނެ ތަރިންނާއި، ޑައިރެކްޓަރުގެ މަޢުލޫމާތު ބޯނީ އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމަކީ ސްރީދޭވީގެ ހަނދާނުގައި އުފައްދާ ހާއްސަ ފިލްމަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ބޯނީ ކަޕޫރުގެ މި އިއުލާނާއެކު، ސްރީދޭވީގެ ފޭނުންނާއި ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.
