ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ލޯބި – ޗެޕްޓަރ 17
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ހަމަހިމޭންކަމުގެ ނިވަލުގައިވާ ކަންތައްތައް

ވިލިނގިއްޔަށް ފަތިސްވީ އާދަޔާ ޚިލާފު ހަމަހިމޭންކަމަކާ އެކުގައެވެ. އެއީ މުޅި ރަށް ރޭގަނޑުގެ ނުތަނަވަސްކަމުން އަދިވެސް އަރައިނުގަނެވިފައިވާ ފަދަ ގޮތަކަށެވެ. ރުކުގެ ފަންތަކުގެ ތެރެއިން ޖެހެމުންދިޔަ ރޯޅިތައް ވެސް ކުރިއަށްވުރެ މަޑުމައިތިރިވެފައި، ފުރާޅުތަކުގެ މަތިން ދިޔައީ ބިރުގަނެފައިވާ ފަދަ ގޮތަކަށެވެ.

ރީޝާއަށް އެރޭ ނިދުނީ ވަރަށް ކުޑަކޮށް، ވަރަށް އުނދަގުލުންނެވެ. އޭނާގެ ހަށިގަނޑަށް އަރާމު ލިބުނު ނަމަވެސް، ސިކުނޑި ވަނީ ދެބަދޭތެރޭގައެވެ. ކަނު އަނދިރީގައި އޭނާގެ ދޮރުމަތީގައި ހުރި ރުޝްދާންގެ ސޫރައާއި، އޭނާ ހިފައިގެން އައި ބިރުވެރި ހަޤީޤަތުގެ ތެރޭގައެވެ. އޭނާއަށް މީހަކު ފާރަލަމުންދާ ކަމާއި، އޭނާގެ ވިސްނުމަށް ވެސް ނާންނަ ފަދަ ކަމެއްގެ ވަށައިގެން ކަންތައްތަކެއް އެނބުރެން ފަށާފައިވާ ކަމުގެ ހަޤީޤަތެވެ.

މިހާރު އޭނާ ކުޑަދޮރު ކައިރީގައި އިށީނދެލައިގެން އިނީ ފިނިވެފައިވާ ސައިތަށީގައި ހިފަހައްޓައިގެންނެވެ. ރޭގަނޑުގެ ކޮންމެ ބަހެއް، ރުޝްދާންގެ ރާގަށް އައި ބަދަލުތައް އަދި ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ކޮންމެވެސް އަސަރެއް އޭނާގެ ހިތަށް ސިފަވަމުން ދިޔައެވެ.

އޭނާގެ ބޮޑުދައިތަ ބަދިގޭގައި ހެނދުނުގެ ސައި ތައްޔާރުކުރަމުން ދިޔައިރު މާގިނަ ސުވާލުތަކެއް ނުކުރި ނަމަވެސް، އެ ހަމަހިމޭންކަމުގެ ފަހަތުގައި ކަންބޮޑުވުމެއް ވާކަން ރީޝާއަށް އިޙުސާސް ކުރެވެއެވެ.

އެންމެ ފަހުން ރީޝާ ވާހަކަ ދައްކަން ފެށިއެވެ.

“ބޮޑުދައިތާ..” އޭނާ މަޑުމައިތިރިކަމާއެކު ގޮވާލިއެވެ.

ބޮޑުދައިތަ އެނބުރި ބަލާލިއެވެ. “ލައްބަ ދަރިފުޅާ؟”

“އަޅުގަނޑަށް ހީވަނީ.. އަޅުގަނޑު އެނބުރި ދާންވީހެން.”

އެ ބަސްތައް ދުލުން ބޭރުވިއިރު، އެއީ އޭނާ ހީކުރި ވަރަށްވުރެ ބަރު ބަސްތަކެކެވެ. އެއީ އޭނާ އެހެން ބުނަން ބޭނުން ނުވާތީއެއް ނޫނެވެ. ނަމަވެސް އެއީ ހަޤީޤަތުގައި ވެސް އެކަން ކުރަން ޖެހިފައިވާތީއެވެ.

ބޮޑުދައިތަ އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ފުރަތަމަ އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނު ނަމަވެސް، މަޑުމަޑުން އެ މޫނުމަތިން ހަމްދަރުދީ އާއި ސަމާލުކަން ފެންނަން ފެށިއެވެ.

“އެއީ އޭނާގެ ސަބަބުންތަ؟” ބޮޑުދައިތަ މަޑުމަޑުން އަހާލިއެވެ.

ރީޝާ ވަގުތުން ބޯހޫރުވާލިއެވެ.

“ނޫން.. އޭނާގެ ސަބަބުންނެއް ނޫން.” އޭނާ އެހެން ބުނި ނަމަވެސް، އަމިއްލަ ނަފުސަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. “މިހާރު ކަންތައްތައް މިދަނީ ރަނގަޅަކަށް ނޫން. އަޅުގަނޑުގެ ސަބަބުން ބޮޑުދައިތަ ނޫނީ މަންމައަށް ދެރަގޮތެއް ވާކަށް ބޭނުމެއް ނޫން.”

ބޮޑުދައިތަ އައިސް ރީޝާގެ ކައިރީގައި އިށީނދެ، އޭނާގެ އަތުގައި ފިރުމާލިއެވެ.

“ދަރިފުޅު އަބަދުވެސް ތިޔަ ހީކުރަނީ ތިއީ ބުރައެއް ކަމަށް.” ބޮޑުދައިތަ އޯގާތެރިކަމާއެކު ބުންޏެވެ. “އެކަމަކު ތިއީ އަހަރެމެންނަށް އޮތް ބުރައެއް ނޫން. ދުވަހަކުވެސް އެހެންނެއް ނުވާނެ.”

ރީޝާ އިސްދަށަށް ޖަހާލިއެވެ.

“އަޅުގަނޑަކަށް މިވަނީ ކީއްކަމެއް މިހާރު އެއްގޮތަކަށް ވެސް ނޭނގޭ.”

ބޮޑުދައިތަ އިރުކޮޅަކު ވިސްނާލުމަށްފަހު، ވަރަށް ފަރުވާތެރިކަމާއެކު ބުންޏެވެ.

“އެހެންވީމާ، އެނބުރި އެކަމުގެ ތެރެއަށް ދިއުމުގެ ކުރިން، ވާނުވާ ހޯދަން މަސައްކަތް ކުރޭ.”

އެ ބަސްތަކަކީ ހަމައެކަނި އިރުޝާދެއް ނޫނެވެ. އެއީ ފުން މާނައެއް އެކުލެވޭ ހިކުމަތްތެރި ބަސްތަކެކެވެ.

ކަނޑުގެ އަނެއް ފަރާތުގައި، މާލޭގެ ދިރިއުޅުން އޭގެ އާންމު ހަލުވި މިނުގައި ކުރިއަށް ދިޔަ ނަމަވެސް، ރުޝްދާނަށް އެއްވެސް ކަމެއް އާންމު ގޮތަކަށް އިޙުސާސެއް ނުކުރެވެއެވެ. އޭނާ އޮފީހުގައި ކަރުދާސްތަކަކަށް ބަލަހައްޓައިގެން އިންއިރު، އޭގެ އެންމެ އަކުރެއް ވެސް ސިކުނޑިއަށް ނުވަދެއެވެ. އޭނާގެ ހިތާއި ސިކުނޑި ވަނީ އޭނާ ބޭނުން ނުވި ނަމަވެސް އެހެން ދިމާލަކަށް ދަތުރުކޮށްފައެވެ. ވިލިނގިއްޔަށެވެ. އޭނާއަށެވެ.

އޭނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެ ޚިޔާލުތަކާ ދުރަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް ކުޑަދޮރުން ބޭރު ބަލާލިއިރު، ތިރީގައިވާ ސިޓީގެ އަޑުގަދަކަން ވެސް އާދަޔާ ޚިލާފަށް ބޮޑު ކަމަށް އިޙުސާސް ކުރެވުނެވެ.

ދީނާ އާދައިގެ މަތިން މަޑުމަޑުން ކޮޓަރިއަށް ވަދެ، ފައިލެއް މޭޒުމަތީގައި ބޭއްވިއެވެ.

“އޭނާ ހުރީ ސަލާމަތުން.” ރުޝްދާން ސުވާލު ކުރުމުގެ ކުރިން ދީނާ ބުންޏެވެ.

ރުޝްދާންގެ ދަތްކުނޑިވިކާލިއެވެ.

“އަހަރެން ނާހަން.”

ދީނާ ލާނެތް ގޮތަކަށް ބުމަ އަރުވާލިއެވެ.

“އަހަން ނުޖެހޭނެކަން އެނގޭ.”

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ދީނާ ސީރިއަސްވެލާފައި ބުންޏެވެ.

“ބަޔަކު އޭނާއަށް ފާރަލަމުން އެބަދޭ.”

އެ ބުނި ބަހާއެކު ރުޝްދާން އެއްކޮށް އެނބުރިލިއެވެ.

“ކޮން ބައެއް؟”

ދީނާ ވަރަށް ފަރުވާތެރިކަމާ އެކު ޖަވާބު ދިނެވެ.

“ސަބަބެއް ނެތި ކަންކަމަށް ފާރަލާ ކަހަލަ ބައެއް ނޫން އެއީ.”

ދެމީހުންގެ ދެމެދުގައި ބަރު ހަމަހިމޭންކަމެއް ފެތުރުނެވެ. ނަމަވެސް ރުޝްދާންގެ ހިތުގައި އުފެދުނީ ރުޅިވެރިކަމަށްވުރެ ބޮޑަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމުގެ އިޙުސާސެކެވެ.

“އެ ސަރަހައްދަށް ރަނގަޅަށް ފާރަލާތި.” އެންމެ ފަހުން އޭނާ ބުންޏެވެ.

ދީނާ ބޯޖަހާލިއެވެ. “އަދި ސަރ..”

ރުޝްދާން އަނެއްކާވެސް އޭނާއަށް ބަލާލިއެވެ.

“މިއީ ހަމައެކަނި ސަލާމަތީ ކަމެއް ނޫން ދެއްތޯ؟”

ސިކުންތެއްގެ ހިނދުކޮޅަކަށް ރުޝްދާންގެ މޫނުމަތިން ބުނެދޭން ނޭނގޭ އަސަރެއް ފެނިލާފައި ގެއްލުނެވެ.

“މިއީ އަބަދުވެސް ސަލާމަތީ ކަމެއް.” އޭނާ ޖަވާބު ދިނެވެ.

ނަމަވެސް އެއީ ހަމައެކަނި އެކަން ނޫންކަން އޭނާގެ އަމިއްލަ ހިތަށް ވެސް އެނގެއެވެ.

މެންދުރުވީއިރު، ރީޝާއަކަށް އެއްތަނެއްގައި މަޑަކުން ނީނދެވުނެވެ. އޭނާ ގޭތެރޭގައި އެކި މަސައްކަތްތަކުގައި އުޅެމުން ދިޔައީ ނުތަނަވަސްކަމާ އެކުގައެވެ. ބޮޑުދައިތައަށް އެހީވެ، މަންމަގެ ކަންތައްތައް ބަލަމުން ދިޔަ ނަމަވެސް، އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޝައްކާއި ވަހުމެވެ.

ފާރަލުން. ނުރައްކާ. ރުޝްދާން.

ބަދިގޭގައި ހުރެފައި އޭނާ ކުއްލިއަކަށް ހުއްޓުނެވެ. އަދި މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މިއީ މޮޔަ ކަމެއް.” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

ނަމަވެސް އޭނާއަށް އެންމެ ބޮޑަށް އުނދަގޫވަނީ ބިރުގަންނާތީއެއް ނޫނެވެ. އޮޅުންބޮޅުން ބޮޑުވުމުންނެވެ. ރުޝްދާން އައީ ކީއްވެގެންކަން އޭނާއަށް މުޅިން ސާފެއް ނުވެއެވެ.

އެ ދުވަހުގެ ހަވީރު، ރަށު ތެރެއިން ތަފާތު ކަމެއް އިޙުސާސްކުރެވެން ފެށިއެވެ. ފާޅުކަން ބޮޑު ގޮތަކަށް ނޫނަސް، ކޮންމެވެސް ބަދަލެއް އަތުވެއްޖެއެވެ. ބަނދަރު ކައިރީގައި މާގިނައިރު ވަންދެން މަޑުކޮށްގެން ބެޓެރި ސައިކަލެއްގައި އިން މީހެކެވެ. ހެލްމެޓެއް ވެސް އަޅައިގެނެވެ. ހީވަނީ ގަސްތުގައި މޫނު ފޮރުވައިގެން އިންހެނެވެ. ފިހާރައިގައި ބޭކާރު ސުވާލުތައް ކުރަމުންދިޔަ ބީރައްޓެއްސެކެވެ. ދާންޖެހޭ ވަގުތު ފާއިތުވެ ދިޔައިރުވެސް ނުފުރާ އޮތް ދޯންޏެކެވެ. ރީޝާއަށް މި ހުރިހާ ކަމެއް ފާހަގަވިއެވެ. އަދި އެއިން ކޮންމެ ކަމަކާއެކު އޭނާގެ ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.

އެރޭ ފެރީ ބަނދަރަށް ކައިރި ކުރި ވަގުތު، އޭނާއަށް ފެނުނު މަންޒަރަކަށް ރީޝާ ހުރީ ތައްޔާރުވެގެނެއް ނޫއެވެ. ބަނދަރަށް ފޭބި މީހާގެ ސޫރައަކީ އޭނާއަށް ވަރަށް ފަރިތަ ސޫރައެކެވެ.

ހަމަޖެހިލައިގެން، ކެތްތެރިކަމާއެކު ހުރި އެ މީހާ އެ ރަށާ އެއްގޮތަކަށްވެސް ނުގުޅެއެވެ. އެއީ ރުޝްދާނެވެ.

އޭނާ ދެފަރާތް ބަލައެއް ނުލައެވެ. އަދި ފަސްޖެހުމެއްވެސް ނެތެވެ. އޭނާ ހިނގައިގަތީ ސީދާ ރީޝާގެ ގެއާ ދިމާލަށެވެ. އެއީ އެ ދެމެދުގައި އެއްވެސް ދުރުމިނެއް ނެތް ފަދަ ގޮތަކަށެވެ. ރީޝާ ގޭގެ ދޮރުމަތީގައި ގަނޑުވެފައި ހުއްޓެވެ. އޭނާގެ ނޭވާ ތާށިވެ، ހިތުގެ ތެޅުން އަނެއްކާވެސް އާދަޔާ ޚިލާފަށް އަވަސްވެއްޖެއެވެ.

“އަނެއްކާވެސް މިތަނަށް ތިޔައީ ކީއްކުރަން؟” ރުޝްދާން ކައިރިއަށް އައުމުން ރީޝާ އެހިއެވެ. އޭނާގެ އަޑުގައި ހުރީ އޭނާ ބޭނުންވި ވަރަށްވުރެ ބޮޑު ހަރުކަށިކަމެކެވެ.

ރުޝްދާން އޭނާގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި އިރުކޮޅަކު ރީޝާއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަޑުމަޑުން ބުންޏެވެ. “މަ ބޭނުންވި ސުވާލުގެ ޖަވާބެއް ނުދެމެއްނު.”

“ދީފިން.” ރީޝާ ވަގުތުން ޖަވާބު ދިނެވެ. “އަހަރެން ބުނީ ނޫނެކޭ.”

ރުޝްދާންގެ ލޯ ކުޑަކޮށް ހަނިކޮށްލިއެވެ.

“އަދި މަ ބުނިން ރީޝާ ނުރައްކަލެއްގެ ތެރޭގައި ހުރިނަމަ، އެއީ އޮތް އިޚްތިޔާރެއް ނޫނޭ.”

“އަހަރެން ބުނެފީމެއްނު އަހަރެން ރަނގަޅޭ.”

” ތި ހުރީ ރަނގަޅަކަށް ނޫން.”

ރުޝްދާންގެ އަޑުގައި ހުރި ޔަޤީންކަމެއްގެ ސަބަބުން ރީޝާ ކުރިއަށްވުރެ ބޮޑަށް ރުޅިއައެވެ.

“އެ ގޮތް ނިންމާނީ ރުޝްދާނެއް ނޫން.” ރީޝާ ހަރުކަށިކަމާއެކު ބުންޏެވެ.

އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ރުޝްދާން ބުންޏެވެ.

“މަ މިހާރު އެގޮތަށް ނިންމައިފިން.”

ރީޝާގެ ރުޅިވެރިކަން އިތުރުވިއެވެ. “ރުޝްދާން، ކަލެޔަކީ މަގޭ ދިރިއުޅުމުގެ ވެރިޔާއެއް ނޫން.”

އެ ބުނި ބަހާއެކު ރުޝްދާންގެ މޫނުމަތިން ކޮންމެވެސް އަސަރެއް ފާޅުވިއެވެ. އެއީ ރުޅިވެރިކަމެއް ނޫނެވެ. ނަމަވެސް އެއަށްވުރެ ބާރުގަދަ، އެހެނަސް ހިފެހެއްޓިފައިވާ ނުރައްކާތެރި އަސަރެކެވެ.

“މަ އެހެންނެއް ނުބުނަން.” އޭނާ ލަސްލަހުން ޖަވާބު ދިނެވެ.

ނަމަވެސް އޭނާގެ ނަޒަރު ރީޝާގެ ލޮލާ ސީދާވެފައި ހުރީ މާ ގިނައިރު ވަންދެނެވެ. ވަރަށް ފުންކޮށް ބަލަހައްޓައިގެންނެވެ.

“އެކަމަކުވެސް.” އޭނާ މަޑުމަޑުން އިތުރުކޮށްލިއެވެ. “ރީޝާ ތިޔަ ހުރީ ކަލެއަށް އޮޅުންނުފިލާ ކަންތައްތަކެއްގެ މެދުގަ.”

ރީޝާގެ އަޑު މަޑުވިއެވެ. “އެހެންވީމާ އެކަން ކިޔައިދީބަލަ.”

އިރުކޮޅަކަށް ރުޝްދާން އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމައެކަނި ރީޝާއަށް ބަލަހައްޓައިގެން ހުރީއެވެ. ކޮންމެވެސް ކަމަކާމެދު ވިސްނާ ފަދައަކުންނެވެ.

“މިތާކު ނޫން.” އެންމެ ފަހުން އޭނާ ބުންޏެވެ.

އެ ވަގުތު ކަންތައްތަކެއް ހިނގިއެވެ. އެމީހުންގެ ފަހަތުން މަގުމަތިން މީހަކު ހިނގާފައި ދިޔައެވެ. ވަރަށް ލަހުން، ގަސްތުގައެވެ. އެމީހާ ހުރީ ބަލަހައްޓައިގެންނެވެ.

ރުޝްދާނަށް ވަގުތުން އެކަން ފާހަގަވިއެވެ. ރީޝާއަށް ވެސްމެއެވެ. އެމީހާ ލޯމަތިން ގެއްލެންދެން އެ ދެމީހުން ބަލަހައްޓައިގެން ތިއްބެވެ.
އަނެއްކާވެސް ހަމަހިމޭންކަން ފެތުރުނެވެ. މިފަހަރު އެ ހަމަހިމޭންކަން ތަފާތެވެ. ބަރެވެ. ހަޤީޤަތް ފާޅުވެއްޖެއެވެ.

“މިހާރު ފެނިއްޖެ؟” ރުޝްދާން މަޑުމަޑުން އަހާލިއެވެ.

ރީޝާ ކޮޅަށް ހުރެ ކަރުކެހިލިއެވެ. “އާނ..”

އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ރުޝްދާން ބުންޏެވެ.

“އެހެންވެ މަ މި އައީ.”

އޭނާ އައި ފަހުން ފުރަތަމަ ފަހަރަށް، އެ އަޑުގައި ބޮޑާކަމެއް ނެތެވެ. އޮތީ ހަމައެކަނި ޔަޤީންކަމެވެ. އަދި އޭގެ ފަހަތުގައި ފޮރުވިފައިވާ ފުން އަސަރެކެވެ. އެއީ އޭނާ ހާމަކުރަން ބޭނުންނުވާ ކަމެކެވެ.

އެރޭ ފުރަތަމަ ފަހަރަށް ރީޝާއަށް ހަމަޖެހިލައިގެން ނުނިދުނެވެ. ރުޝްދާން ބޮޑުދައިތައާ ވާހަކަދެއްކުމަށްފަހު ދިޔަ ނަމަވެސް، އަދި ބޭނުންވާ ވަރަށްވުރެ އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކި ނަމަވެސް.. އޭނާގެ ހިޔަނި އެތަނުގައި ހުއްޓެވެ. އޭނާގެ ޚިޔާލުތަކުގައެވެ. ކުޑަދޮރުން ބޭރުގައިވާ ހަމަހިމޭންކަމުގައެވެ. އަދި ރަށަކީ މިހާރު ކުރިން އޮތް ފަދަ އަމާން ތަނެއް ނޫންކަމުގެ އިޙުސާސްގައެވެ.

ކަނޑުގެ އަނެއް ފަރާތުގައި..

ރުޝްދާން ހުރީ ބެލްކަނީގައި ކަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަނދިރީގެ ތެރެއިން ވިލިނގިލި ފެންނަން ނެތް ނަމަވެސް، އޭނާގެ ވިސްނުން ވަނީ ތޫނުވެފައެވެ. ދީނާ ބުނި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

“މިއީ ހަމައެކަނި ސަލާމަތީ ކަމެއް ނޫން..”

އޭނާ ލަސްލަހުން ނޭވާ ދޫކޮށްލިއެވެ. ފުރަތަމަ ފަހަރަށް، އޭނާ އެކަމާ ދެބަހެއް ނުވިއެވެ.

ސަބަބަކީ ކޮންމެވެސް ކަމެއް ފެށިއްޖެއެވެ. އެއީ އެ ދެމީހުންގެ ތެރެއިން އެކަކަށްވެސް އަދި މުޅިން ނޭނގޭ ކަމެކެވެ. އަދި މިހާރު އެކަމުން ދުރަށް ދިއުމަށް ވަނީ މާ ލަސްވެފައެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top