ބޮލީވުޑްގެ މަޝްހޫރު އަދި ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރް، ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށިތާ 42 އަހަރު ފުރުން ފާހަގަކޮށް، އޭނާގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.
މި މުނާސަބަތާ ގުޅިގެން އަނޫޕަމް ކޭރް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މުމްބާއީއަށް އޭނާ އައީ 3 ޖޫން 1981 ގައި ކަމަށާއި، އޭގެ ފަހުން ފިލްމީ ދާއިރާގައި އޭނާ ކުރި ދަތުރަކީ ވަރަށް ތަފާތު އަދި އުނދަގޫ ދަތުރެއް ކަމަށެވެ. އޭނާ ފިލްމީ ދާއިރާއަށް ރަސްމީކޮށް ތައާރަފްވީ 1984 ވަނަ އަހަރު ރިލީޒްކުރި މަޝްހޫރު ފިލްމު “ސާރާންޝް” އިންނެވެ.
އަނޫޕަމް ކޭރްގެ މި ޕޯސްޓުގައި އޭނާ ވަނީ ޝިމްލާ ފަދަ ކުޑަ ރަށަކުން އައިސް، ފިލްމީ ދުނިޔޭގައި ފައިތިލަ ސާބިތުކުރުމަށް ކުރި މަސައްކަތްތައް ހަނދާން އައުކޮށްފައެވެ. އަދި އޭނާއަށް މިހާ ދިގު މުއްދަތެއްގައި މި ދާއިރާގައި ދެމިހުރެވުނީ ފޭނުންގެ ބޮޑު ތަރުހީބާއި ލޯތްބެއްގެ ސަބަބުން ކަމަށް ބުނެ، އެ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.
މީގެ އިތުރުން، އޭނާގެ ކާމިޔާބީގައި އެހީތެރިވެދިން ޑައިރެކްޓަރުންނާއި، ޕްރޮޑިއުސަރުން އަދި އޭނާއާއެކު މަސައްކަތްކުރި އެކި ފަރާތްތަކުގެ ނަންތައްވެސް ވަނީ ފާހަގަކޮށްފައެވެ. އަނޫޕަމް ކޭރަކީ މިހާތަނަށް 500 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށް، ގިނަ އަދަދެއްގެ އެވޯޑުތައް ހާސިލްކޮށްފައިވާ އެކްޓަރެކެވެ.
މި ޕޯސްޓާއެކު އޭނާގެ ފޭނުންނާއި ބޮލީވުޑްގެ އެހެނިހެން ތަރިން ދަނީ އޭނާއަށް މަރުހަބާ ކިޔައި، އޭނާގެ މަސައްކަތްތަކަށް ތައުރީފު ކުރަމުންނެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް ބެލުންތެރިން މުނިފޫހިފިލުވައިދިނުމުގައި ދެމިހުންނާނެއެވެ.
