ވަގުތަކީ ދުވަހުގެ ހަވީރު ވަގުތެވެ. އަތިރިމައްޗަށް ނުކުމެލީ އެހެން ވެސް ދުވަސްތައް ފަދައިން އިރުއޮއްސޭމަންޒަރުގެ ފޮޓޯކޮޅެއް ނަގާށެވެ. ވިޔަފާރީގެ ބޭނުމަށް ރައްކާކުރާށާއި ސޯސަލް މީޑިޔާގައި ހިއްސާ ކޮށްލާށެވެ.
ކުޑަކުދިންގެ ޕާކާއި ދިމާއިން އަތިރިއަށް ނުކުތީ މިދުވަސްވަރު އެންމެ ރަނގަޅު ލޮކޭޝަނaކީ އެތަން ކަމަށް ވާތީއެވެ. އޮއްސެމުންދިޔަ އިރާއި އެސަރަހައްދުގެ ގޮނޑުދޮށުގައި ހުރި ގަސްތައް އެކުގައި ފޮޓޯއަށް ވަރަށް ނަލައެވެ.
ފޮޓޯތައް ޒޫމްކޮށް ބަލައިލި ވަގުތު ކުއްލިއަކަށް ކަމެއް ލޮލުގައި އަޅައިގަތެވެ. ކެމެރާ ތިރިކޮށްލަމުން އެދިމާއަށް ބަލައިލެވުނީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ.
ގޮނޑު ދޮށުގައި އިށީންދެލައިގެން އިރާއި ދިމާއަށް ބަލަހައްޓައިގެން އިން އަންހެންކުއްޖާއާ ގާތްވެލަމުން މަޑުމަޑުން ގޮވައިލީމެވެ. ހާލު އަހާލަމުން ނަން ވެސް އަހައިލީމެވެ. ބަލައިލަމުން ހިނިތުންވެލުން ފިޔަވައި އެހެން ކަމެއް އޭނާ ނުކުރިއެވެ.
” އަހަރެންނަށް ކިޔަނީ މިންހާލް ” ސަލާމްކޮށްލުމަށް އަތް ދިއްކޮށްލަމުން މިންހާލް އަމިއްލައަށް ތަޢާރަފް ވިއެވެ. އެ ވަރުން ވެސް އޭނާ އަނގައިން ނުބުންޏެވެ. ސަލާމަށް ޖަވާބެއް ވެސް ނުދިނެވެ.
މަޑުމަޑުން ތެދުވަމުން އެއްގަމާއި ދިމާއަށް ހިނގައިގަތް ވަގުތު އެހެން ކަމެއް ފާހަގަވިއެވެ. އެމޫނުމަތިން ފެނުނު ހިތާމަ އާއި ހިތްދަތިކަން މިންހާލްގެ ހިތާއި ކުޅެލިއެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެއްދިއެވެ.
” މާދަމާ ވެސް މިގަޑީ މިތަނުން ދިމާވާނެކަމަށް މި ބަލަނީ. ” މިފަހަރު ވެސް ވާހަކަ ދެއްކީ މިންހާލް އެވެ. ފަހަތަށް އެނބުރިލަމުން ހިނިތުންވެލުން ފިޔަވައި އެހެން ކަމެއް އޭނާ ނުކުރިއެވެ. ދިޔަގޮތަށް ދިޔައީ އެވެ.
އޮއްސުނުއިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވެއެވެ. މަގުތަކާއި އާންމު މައިދާންތަކުން ހަމަހިމޭންކަމާއި ފަޅުކަން ފާޅުވިއެވެ. ދީނީކަންކަމަށް ސަމާލުކަން ދިން މީހުން އެބައި މީހުންގެ ވާޖިބުތަކާއިގެން އަވަސްވެގަތެވެ. މަޣްރިބު ނަމާދަށް މިސްކިތަށް އެރި ގޮތަށް ޤުރްއާން ކިޔަވަން މިސްކިތުގައި މަޑުކޮށްލި ބަޔަކު ވެސް ތިއްބެވެ.
ރައްޓެހިންތަކަކާއިއެކު އައިސް ކެފޭއަށް ވަން މިންހާލް އަދިވެސް އިނީ އެތަނުގައެވެ. ބޭކާރު ވާހަކަތައް ދައްކައި ތާކުންތާކު ނުޖެހޭ އަނގަ ތަޅާށެވެ. އެތަނުގައި ތިބީ ބިދޭސީ އަންހެން ކުދިންނާއި ފޮށޭށެވެ.
ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް މިންހާލް އަކަށް ނޭނގެއެވެ.
މިންހާލްއަށް ގެއާއި ހަމައަށް ދެވުނުއިރު އަށެއް ޖަހައި ބޮޑުވެއްޖެއެވެ. އިޝާނަމާދުން ފައިބައިގެން އައި ބައްޕަ އާއި ކޮއްކޮ ތިބީ އޭރު ރޭގަނޑަށް ކާށެވެ.
މިންހާލްގެ ހިތުގައި އެއަންހެން ކުއްޖާގެ ސޫރަ ބިންވަޅުނެގުނެވެ. އެއީ ކޮން އަންހެން ކުއްޖެއްތޯ ބަލަން ބޭނުންވިއެވެ.
އެރޭގެ ހަތަރުދަން ކަހަލަ ގޮތަކަށް މިންހާލް ހޭދަކޮށްލީ އެފޮޓޯތައް ބެލުމުގައެވެ.
އައު ދުވަހަކަށް އިރު އަރައި ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއިރު ވެސް މިންހާލު އޮތީ ނިދައިފައެވެ.
ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް އޭނާ ބުނި ގަޑިއަށް އެތަނަށް މިންހާލް ދިޔައެވެ. މިންހާލް އަތިރިއަށް ނުކުތްއިރު އެއަންހެންކުއްޖާއެއް ނެތެވެ. ލިބުނު މާޔޫސްކަމާއިއެކު ހިތްހަމަ ނުޖެހުން ވެސް އިތުރުވިއެވެ. ފަހަރެއްގައި ތަންކޮޅެއް ފަހުން ވެސް އޭނާ އައިސްދާނެ ކަމަށް ހީވުމުން މިންހާލް މަޑުކޮށްލިއެވެ. ދިއުމަކުން ނުވަތަ މަޑުކޮށްލުމަކުން އޭނާއަކަށް ގެއްލޭނެ އެއްޗެއް މަދުވާނެ އެއްޗެއް ނެތެވެ.
ގަސްތަކުގެ ގޮފިތަކަށް ކުއްލި ލޮޅުމެއް އައެވެ. މިންހާލްގެ ނަޒަރު އެދިމާއަށް އަމާޒުވި ވަގުތާއި އެއަންހެންކުއްޖާ ގަސްތައް ކައިރިން ނުކުތް ވަގުތުވީ އެއް ވަގުތަކަށެވެ.
” އަދިވެސް ނަމެއް ނުބުނަމެއްނު. ” މިންހާލުގެ ނަޒަރުގައި ގުޅުމަކަށް އެންމެ މުހިންމު ކަމަކަށް ވާނީ އެކަކު އަނެކަކަށް އެނގުމެވެ. އެކަމަށް އެންމެ މުހިންމު ވާނީ އެކަކަށް އަނެކަކުގެ ނަން އެނގުމެވެ.
” މައިނާ … ދެން ދަނީ. ” މައިނާ އިސްވެ މިންހާލްއާ ސަލާމް ކޮށްލިއެވެ. އަދި އަވަސް އަވަހަށް އެއްގަމާއި ދިމާއަށް ހިނގައިގަތެވެ.
” ކުޑަކޮށް ވާހަކަ ދައްކާލަން މަޑުކޮށްލެވޭކަށް ނެތްތަ؟ ” މިންހާލްގެ ސުވާލަށް ޖަވާބު ދޭކަށް މައިނާ ސަމާލުކަމެއް ނުދިނެވެ.
ޕާކަށް ކުދިން ގޮވައިގެން އައިސް ތިބި ދެމީހެއްގެ ނަޒަރު، އެމީހުނާއި ދިމާއަށް އަމާޒުވެފައި ހުރި މަންޒަރު މިންހާލްގެ ސަމާލު ކަމަށް އައެވެ. ހާލަތާއި ވަގުތައް ބަލާއިރު އެންމެ ރަނގަޅު ވާނީ މައިނާއަށް އޭނާ ބޭނުންވާ ވަގުތު ދިނެވެ.
އޮއްސުނުއިރާއިއެކު އަނދިރިކަން ވެރިއެވެ.
މައިނާއަށް ސިއްރުން އޭނާގެ ފަހަތުން މިންހާލް ދިޔަކަމެއް މައިނާ އަކަށް ނޭނގެއެވެ.
މައިނާމެން ގޭ ދޮރާށި ކައިރިން ޒުވާން ފުރައިގެ އެހެން އަންހެން ކުއްޖަކާއި ދިމާވިއެވެ. ފެންނަ ފެނުމަށް މައިނާއާ ކިތަންމެ ވައްތަރު ނަމަވެސް އެއީ މައިނާ ނޫންކަން މިންހާލްއަށް ޔަގީނެވެ.
” އާދޭ އެތެރެއަށް. ” ދޮރާށި ހުޅުވާލަމުން އެއަންހެން ކުއްޖާ ދައުވަތު ދިނެވެ. އެއަންހެން ކުއްޖާގެ ފަހަތުން މިންހާލް ގޯތި ތެރެއަށް ވަނެވެ. މިންހާލް އާއި އެއަންހެންކުއްޖާ މަޑުކޮށްލީ ގޯތިތެރޭ ހުރި ކުޑަވަރެއްގެ ހަޓެއްގައެވެ. އެތަނަކީ ކޮފީ ބުއިމަށް ހާއްސަ ކޮށްފައިވާ ތަނެކެވެ. އެތަނުގައިވާ ފަނޑު އަލިކަމާއި ގޯތިތެރޭގެ ފެހިކަން، މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވިއެވެ.
” ކޮފީއެއް ބޯލަން ވީނު. ކަޅުތަ؟ ކިރުތަ؟ ” އިށީންނާނެ ގޮނޑިއެއް ދައްކައިލަމުން ވާހަކަ ދެއްކި، އެއަންހެންކުއްޖާގެ ކިބައިން ފެނުނީ ގާތްކަމާއި އެކުވެރިކަމެވެ.
” ކަޅުކޮފީއެއް ރަނގަޅު ވާނެ. ” ގޯތިތެރެއަށް ނަޒަރު ހިންގައިލަމުން، މިންހާލް އިށީނެވެ.
” ކޯޗެއް ތި ހޯދަނީ …. ދޮންތަ ދޯ؟ … އަހަރެންނަށް ކިޔަނީ މައިހާ. އެއީ މައިނާ. އޭނަ ކުޑަކޮށް ސައިކޯ ވާނެ. ” މިންހާލްގެ ކޮނޑުގައި އަތް އަޅައިލަމުން މައިހާ މަޑުމަޑުން ގާތް ވެލިއެވެ.
” އެހެން ވިޔަސް އަހަރެން ބޭނުންވަނީ އޭނާއާ ވާހަކަ ދައްކަން. ތިއީ އަހަރެން ވަރަށް ފޫހިވާ ވައްތަރެއް. ” މިންހާލްގެ ކިބައިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.
” އޯހް … އެހެންތަ؟ ވަރަށް ބޮޑަށް ސޮރީ. އެކަމު … އަދި ޗޭންޖު ވާނެ. ” މައިހާއަށް އޮތް ޔަގީންކަން ބޮޑެވެ.
” ނުވާނެ. ” މިންހާލް ތެދުވެގެން ހިނގައިގަތެވެ. މައިހާއަށް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ފަސްއެނބުރި ބަލައި ވެސް ނުލިއެވެ.
” ދަރިފުޅާ! … މާޔޫސް ނުވޭ. އަދި ވާނެ. ކިހިނެތް ހަދަންވީ؟ ” ކުއްލިއަކަށް އިވުނީ ފިރިހެނެއްގެ އަޑެވެ. އެއަޑުން ފާޅުވީ އޯގާތެރިކަމާއި ކުލުނެވެ. އެހީތެރިވުމަށް ފެންބޮވައިގެންފައިވާ ވަރެވެ.
ގަސްތަކުގެ ފުރަގަހުން މެދުއުމުރުގެ ފިރިހެނަކު ނުކުތެވެ. އޭނާ ހުރީ ރަޖާގަނޑެއް ކަހަލަ ބޮޑު ފޮތިގަނޑަކުން މޫނުން ބަޔަކާއި ހަށިގަނޑުން ބައެއް ނިވާކޮށްގެންނެވެ. ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭ ކަހަލައެވެ.
” އަދި ދޫކޮށްލާ.” މައިހާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ.
މިންހާލް ބަލަމުން ދިޔައީ މައިނާއާ ބައްދަލުކުރާނެ ފުރުސަތެއް ލިބޭނެ ގޮތަކަށެވެ. ކޮންމެ ގޮތަކުން ވެސް މައިނާއާ ބައްދަލު ކުރަން އޭނާ ބޭނުންވެއެވެ.
މައިނާމެން ދިރިއުޅޭ ގެ ފެންނަ ހިސާބުގައި މިންހާލް ހުރި ކަމެއް އޭނާ ފިޔަވައި އެހެން މީހަކަށް ނޭނގެއެވެ.
މިންހާލްއަށް މައިނާ ފެނުނީ ދޮރޯށި ކައިރިއަށް ނުކުމެލި ވަގުތު އެވެ. ފުރުސަތު ލިބުމާއިއެކު މިންހާލް ގޮސް މައިނާއާ ބައްދަލު ކުރިއެވެ. އެހެނަސް މިންހާލް އެދޭ ފަދައިން އޭނާއާ ވާހަކަ ދައްކަން އެތަނުގައި މަޑުކުރާކަށް މައިނާ ބޭނުމެއް ނުވިއެވެ.
” މިންހާލް! މިންހާލް ތިޔަ އެދޭ ފަދައިން މިންހާލްއާ ވާހަކަ ދައްކަން މަޑުކުރެވޭކަށް އަހަރެންނަކަށް ނެތް. ބައްޕައަށް ފެނިއްޖެއްޔާ ވަރަށް ގޯސްވާނެ. މިންހާލްއަށް ކޮންމެ ފަދަ ގޮތެއް ވެސް ހަދައިފާނެ. އަވަހަށް ދޭ. ” މައިނާ އުޅުނީ ގޭތެރެއަށް ވަންނާށެވެ. މިންހާލްއަށް ދެރައެއް ލިބޭން މައިނާ ބޭނުން ނުވާކަން އޭނާގެ ވާހަކަތަކުން އެނގުނެވެ.
ގޯތިތެރެއަށް ވަންނަން ހިނގައިގަތް މައިނާގެ އަތުގައި މިންހާލް ހިފެހެއްޓި އެވެ. އެނބުރި ފަހަތަށް ބަލައިލި މައިނާގެ މޫނުމަތިން ފެނުނީ މާޔޫސްކަމާއި ހިތްދަތި ކަމެވެ. ގޮތް ހުސްވެފައިވާ ވަރާއި ކުރިމަތީގައި އޮތް މަޖުބޫރެއްގެ ބޮޑުކަމެވެ.
އޭނާގެ އަތުން މިންހާލްގެ އަތް ނައްޓާލަމުން ދުވެފައި ކަހަލަ ގޮތަކަށް މައިނާ ގޯތިތެރެއަށް ވަނެވެ. އަދި އަވަސް އަވަހަށް ދޮރު ލެއްޕި އެވެ.
އެހެން ގޮތެއް ނެތުމުން، ގެއާ ދިމާއަށް މިންހާލް ހިނގައިގަތެވެ.
” އޭރު ވެސް އަހަރެން ބުނީމެއްނު އޭނާ ކުޑަކޮށް ސައިކޯ ވާނެއޭ. ” ފަހަތުން އިވުނީ މައިހާގެ އަޑެވެ.
މިންހާލްއަށް އެކަން ޔަގީނެވެ. ލިބުނު ނާކާމިޔާބީން ކުރިމަތިވި މާޔޫސްކަމަށްވުރެ މިންހާލްގެ ހިތުގައި އުފެދުނު ހިތްހަމަ ނުޖެހުން ބޮޑުވިއެވެ. މައިހާއާ ވާހަކަ ދައްކަން މަޑުކުރުމުގެ އެއްވެސް ޝަޢުޤުވެރިކަމެއް މިންހާލްގެ ނެތެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ މިންހާލް ހިނގައިގަތެވެ.
” އެންމެ ފަހަރަކު ވެސް ގޮތް ދޫކޮށްފައި އަހަރެން މި ދައްކާ ވާހަކަ ގަބޫލުކޮށްބަލަ. މިންހާލް ކިތަންމެ މަސައްކަތެއް ކުރިޔަސް ތިކަމެއް ނުވާނެ. އެކަމު … އަހަރެން މިހުރީ މިހާރު ވެސް ތައްޔާރަށް. އާދޭ …. ގޭތެރެއަށް އާދޭ. ” މައިހާ ދަޢުވަތު ދިނެވެ.
މައިހާއަށް އެއްވެސް ސަމާލުކަމެއް ނުދީ މިންހާލް، ދިއުން ވެގެން ދިޔައީ މައިހާގެ ހިތަށް ނުހަނު ތަދުކުރި ކަމަކަށެވެ. އަދި މިންހާލްއާމެދު ދެވަނަ ވިސްނުމަކަށް ދާން ޖެހުނު ކަމަކަށެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. އެރެއަށްފަހު މިންހާލް އަކަށް މައިނާއެއް ނުފެނެއެވެ. މައިނާ ފެނޭތޯ އޭނާ އެތައް މަސައްކަތެއް ކޮށްފިއެވެ. އެގެ ކައިރިއަށް ވެސް އެތައް ފަހަރަކު ގޮސްފިއެވެ. ކާމިޔާބެއް، ކުރިއެރުމެއް ނުލިބުނެވެ.
ހަނދުމަހެއްގެ ސާދަވިލޭރެއެވެ. ދީފައިވާ ނަލަ ހަނދުވަރުގެ އަލިން މުޅި ބިން ވަނީ އަލިވެފައެވެ.
އެރެއަކަށްޓަކައި ލޯބިވެރިން އެންމެ އިންތިޒާކުރާ ރޭ އައިސްފިކަމުގެ އަލާމާތްތައް އަތިރިމަތިން ފެންނަމުން ދިޔައެވެ. ލޯބިވެރިންގެ ޖޯޑުތައް އަތިރިމަތީގެ އެކި ހިސާބުތަކުން ފެންނަމުން ދިޔައެވެ. ލޯބީގައި އާވާރާވެފައިވާ ލޯބިވެރިންގެ ޖޯޑުތަކާއި ލޯބީގެ ނަމުގައި ހައްދު ފަހަނަ އަޅާފައިވާ ލޯބިވެރިންގެ ޖޯޑުތައް ވެސް މަދެއް ނޫނެވެ. ފުރުސަތަކަށް އެދި ފެންބޮވައިގެންފައިވާ ބަޔަކު ވެސް ތިއްބެވެ.
އިރުމަތީފަރާތު ތުނޑިއާއި މާ ދުރުނޫން ހިސާބެއްގެ ގޮނޑޮދޮށުގައި ހެދިފައިވާ ބޯކަށިކެޔޮ ގަސްތައް ދަށުގައި ވެސް ދެ ލޯބިވެރިޔަކު ތިއްބެވެ. އެމީހުނާއިމެދު ވިސްނައިފި މީހަކު ކަންބޮޑުވާނެކަން ޔަގީނެވެ. ވަގުތެއް ހާލަތެއް ތަނެއް އެމީހުންނަކަށް މުހިންމެއް ނޫނެވެ. ބޭނުންވި ވަގުތު ލިބުން ލަސްވެފައި ތިބި ކަހަލަ އެވެ.
ހެނދުނު ހައެއް ޖަހާކަން ހާއިރެވެ.
މައިނާ އާއި މިންހާލް ބައްދަލުވީ ބަނދަރުމަތިންނެވެ. އޭރު އެމީހުން ތިބީ މާލެ ދާން ނުކުމެއެވެ. މައިނާއާއެކު އޭނާގެ ބައްޕަ އާއި ކޮއްކޮ މައިހާ ވެސް ތިއްބެވެ. އަޅާފައި ހުރި ބޮޑު އައިނާއި ބޮލުގައި އަޅައިގެން ހުރި ތޮފީގެ ކުރިމަތި ހުރިގޮތުން އެ ފިރިހެން މީހާގެ މޫނު ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. އޭނާގެ އަމަލުތައް ހުރިގޮތުން، އެހެން މީހުނަށް އޭނާގެ މޫނު ފޮރުވަން މަސައްކަތް ކުރާހެން ވެސް މިންހާލްއަށް ހީވިއެވެ.
މައިނާއާ ދިމާއަށް މިންހާލް ހިނގައިގަތުމާއިއެކު، އޭނާއާ ދިމާއަށް މައިނާ ހިނގައިގަތެވެ. ހިތްހަމަ ނުޖެހުމާއިއެކު އެމީހުނަށް ބަލަހައްޓައިގެން ހުރި މައިހާއަށް އެމީހުން ސަމާލުކަމެއް ނުދިނެވެ.
” ދަނީ … ދެން ނޭނގެ ދިމާވާނެކަމެއް ވެސް. ހިތްހެޔޮ ކުރާތި. އަހަރެން މިންހާލްއާ ވާހަކަ ދައްކަން ބައްދަލުކުރަން ބޭނުން ނުވި ސަބަބު އަދި އެނގޭނެ. ބާއްޖަވެރި ރައްކާތެރި އަމާން މުސްތަގުބަލަކަށް އެދެން. ” މިންހާލްއާ ސަލާމް ކޮށްލަން އަތް ދިއްކޮށްލަމުން މައިނާ ވާހަކަ ދެއްކިއެވެ.
” ބާއްޖަވެރި ރައްކާތެރި އަމާން ދަތުރަކަށް އެދެން. ” މައިނާއާ މިންހާލް ސަލާމް ކޮށްލިއެވެ.
މައިނާއާ ވާހަކަ ދައްކަން މިންހާލް ބޭނުންވި ނަމަވެސް އެފުރުސަތެއް ނުލިބުނެވެ. ލާންޗަށް މީހުން އަރަން ފެށުމާއިއެކު އެދިމާއަށް މައިނާ ހިނގައިގަތެވެ. ލާންޗަށް އަރަމުން މިންހާލްއަށް ހަނާ ވެސް އަޅައިލިއެވެ.
އިރުމަތީފަރާތު ތުނޑިއާއި މާ ދުރުނޫން ހިސާބެއްގެ ގޮނޑޮދޮށުގައި ހެދިފައިވާ ބޯކަށިކެޔޮ ގަސްތައް ދަށުގައި ހަބަރު ހުސްވެފައި އޮތް އަލަމްމިއާ ފެނުނީ އަށެއް ޖަހާކަން ހާއިރުއެވެ. މީހާ އޮތީ ވެލިން ތަތްތެޅިފައެވެ.
ރަސްމީ އެއްވެސް ހައިސިއްޔަތެއް ނެތި އެރަށުގައި އުޅެމުންދިޔަ އަލަމްމިއާއާ ގުޅުމެއް ހުރި އެއްވެސް މީހަކު އެރަށުގައި ހުރި ކަމަކަށް ނުވިއެވެ. އެއްވެސް މީހަކު އޭނާއާ ހަވާލެއް ވެސް ނުވިއެވެ.
ސިއްހީމަރުކަޒަށް ގެނެސް ފަރުވާދޭން ފެށުމާއިއެކު ހޭއެރިއެވެ. އެކަމަކު ސިކުނޑި މަސައްކަތެއް ނުކުރެއެވެ. އަތްފައި ހަލުވައެއް ނުލެވެއެވެ. ވާހަކައެއް ނުދެއްކެއެވެ. ލޮލަށް ފެނެއެވެ. ބީހުން ވެސް އިހުސާސެއް ނުވެއެވެ.
ވަގުތާއި ހާލަތަށް ބަލައި އަވަސް ފަރުވާއަށް އޭނާ މާލެ ފޮނުވާލެވުނެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ހިނގައިދިޔަ ހާދިސާއާމެދު އިތުރަށް ވިސްނި މީހަކު އެވާހަކަ ދެއްކި މީހަކު ނެތެވެ. ނުބީހެންޏާއި ކަނޑާ ހަމައެވެ. އެ ދުވަސް ވެސް ނިމުނީ އެވެ.
ރައްޓެހިންތަކަކާއިއެކު ކޮފީއެއްގައި އިނުމަށްފަހު މިންހާލް ގެއަށް އައިއިރު ބާރަ ޖަހައި ބޮޑުވެއްޖެއެވެ.
އެނދުގައި އޮށޯވެވުނުކަން ޔަގީނެވެ.
ދެން ވީގޮތެއް ޔަގީނެއް ނޫނެވެ.
” ކަލެއަކަށް ދެން ނޯއްނާނެ އިތުރު ގޮތެއް. ވަރަށް ގިނަ ފުރުސަތު ދީފިން. އެކަމެއް ކަލެއަށް ބަލައެއް ނުގަނެވުނު. އޭރު ވެސް އަހަރެން ބުނިންދޯ …. އެއްބަސްވުމާއި ހިލާފު ވެއްޖެއްޔާ ކަލޭގެ ކަރުގަ ހިތިރަހަ ލައްވާލާނަމޭ. ހަނދާން އެބަހުރިތަ؟ ” އިވުނީ އަންހެނެއްގެ އަޑެވެ. މީހަކު ނުފެނެ އެވެ. ރުޅިއާއި ނަފްރަތުން ފުރިގެންވީ އިންޒާރު ދިނުމެއް ފަދަ އެއަޑާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. ވިދާލި ވިދުވަރާއިއެކު ބަޔަކު ހީގަތް އަޑު ވެސް އިވުނެވެ. އެތަނުގައި އެއަންހެން މީހާގެ އިތުރުން ފިރެހެނުންތަކަކާއި އިތުރު އަންހެނުން ތަކެއް ވެސް ތިބި ކަހަލަ އެވެ.
ނުނިމޭ
