ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައިންސްވެރިންގެ އާ ހޯދުމެއް: ފިޒިކްސްގެ އަސާސީ ގާނޫނަކާ ޚިލާފަށް ދަރިމައިވާ ސެލްތައް ދަތުރުކުރާކަން ހާމަވެއްޖެ
ރަހިމެއްގެ ތެރޭގައި ދަރިފަނި ދަތުރުކުރަނީ / މުނިއަވަސް އިމޭޖްސް

ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކުން، އިންސާނާގެ ދަރިމައިވާ ސެލް ނުވަތަ ‘ސްޕަރމް’ ދަތުރުކުރުމުގައި ފިޒިކްސްގެ މަޝްހޫރު ގާނޫނެއް ކަމަށްވާ ނިއުޓަންގެ ތިންވަނަ ގާނޫނާ ޚިލާފުވާކަން ދާދި ފަހުން ވަނީ ހޯދާފައެވެ.

ސައިންސްގެ ދުނިޔޭގައި ނިއުޓަންގެ ތިންވަނަ ގާނޫނު ބުނާގޮތުން، ކޮންމެ ބާރަކަށް (އެކްޝަން އަކަށް) އެއާ އެއްވަރުގެ އިދިކޮޅު ބާރެއް (ރިއެކްޝަން އެއް) އޮންނަން ޖެހެއެވެ. ނަމަވެސް، ކިޔޯޓޯ ޔުނިވަރސިޓީގެ މެތަމެޓިކަލް ސައިންސްވެރިޔާ ކެންޓާ އިޝިމޯޓޯ އަދި އޭނާގެ ޓީމުން ކުރި މި ދިރާސާއިން ދައްކާގޮތުގައި، ސްޕަރމް ސެލްތަކާއި ބައެއް ބާވަތުގެ އަލްގޭ ދަތުރުކުރާއިރު މި ގާނޫނާ އެއްގޮތަށް އަމަލެއް ނުކުރެއެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ސްޕަރމް ސެލްތައް އޮލަ ދިޔާ އެއްޗެހީގެ ތެރޭގައި ދަތުރުކުރާ ގޮތް ވަރަށް ގާތުން ބަލައިގެންނެވެ. ސައިންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި، މި ސެލްތަކުން އެސޮރުންގެ ނިގޫ ފަދަ ގުނަވަން ބޭނުންކޮށްގެން ދަތުރުކުރާއިރު، ވަށައިގެންވާ މާހައުލުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން ހަކަތަ ގެއްލިގެން ދިއުމުގެ ބަދަލުގައި، ވަރަށް ފަސޭހަކަމާއެކު ކުރިއަށް ދެއެވެ. މިއީ ފިޒިކްސްގެ އާންމު އުސޫލުތަކާ ހިލާފު ކަމެކެވެ.

މި ހައިރާންކުރުވަނިވި ހަރަކާތަށް ސައިންސްވެރިން ދީފައިވާ ނަމަކީ “އޮޑް އިލާސްޓިސިޓީ” އެވެ. މީގެ މާނައަކީ، މި ސެލްތަކުގެ ބައްޓަމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ބޭރުން ކުރިމަތިވާ ބާރުތަކަށް ދޭންޖެހޭ ރިއެކްޝަން ނުވަތަ އިދިކޮޅު ބާރު ކުޑަވެ، ހަކަތަ އިސްރާފުވުމެއްނެތި ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންދެއެވެ.

މި ދިރާސާގެ ސަބަބުން ބަޔޮލޮޖިކަލް ސިސްޓަމްތައް މަސައްކަތްކުރާ ގޮތާ ބެހޭ އާ މައުލޫމާތުތަކެއް ލިބިގެން ގޮސްފައިވާއިރު، މިއީ ކުރިމަގުގައި އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ދަތުރުކުރެވޭ ފަދަ ކުދި މައިކްރޯ ރޮބޮޓްތައް އުފެއްދުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.

މި ހޯދުމަކީ ދިރޭތަކެތީގެ ހަށިގަނޑުގައިވާ ނިޒާމުތައް ފަރުމާކުރައްވާފައިވާ ފުރިހަމަކަމާއި، ސައިންސްގެ އާންމު ގާނޫނުތަކަށްވުރެ މާ ފުން ގޮތްތަކަކަށް ދިރޭތަކެތީގެ ހަރަކާތްތައް މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ޚަލްޤުކުރައްވާފައިވާކަން ހާމަކޮށްދޭ ހެއްކެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top