ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ކުނީގެ ބޮޑު މައްސަލައަށް އުންމީދީ ހައްލެއް ހޯދުމުގެ ގޮތުން، އެންމެ ހަ ދުވަހުގެ ތެރޭގައި އަމިއްލައަށް ނެތިގެންދާ “ދިރުންހުރި ޕްލާސްޓިކް” (ލިވިންގ ޕްލާސްޓިކް) އެއް ސައިންސްވެރިން އުފައްދައިފިއެވެ.
ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯގެ ސައިންސްވެރިން އުފެއްދި މި ޕްލާސްޓިކަކީ ތިމާވެއްޓާ ރައްޓެހި، އަދި އަމިއްލައަށް ފަނާވެދާ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މި އީޖާދުގެ އެންމެ ހާއްސަ ސިފައަކީ، ޕްލާސްޓިކްގެ ތެރޭގައި “ބެކްޓީރިއާ ސްޕޯރސް” ނުވަތަ ދިިރޭ ކުދި މައިކްރޯބްސް ހިމަނާފައިވުމެވެ.
މި ޕްލާސްޓިކް އުފެއްދުމުގައި ބޭނުންކޮށްފައިވަނީ “ބެސިލަސް ސަބްޓިލިސް” ކިޔާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ ޕްލާސްޓިކްގެ ތެރޭގައި އޮންނަނީ ނިދާފައިވާ ހާލަތެއްގައެވެ. ނަމަވެސް، މި ޕްލާސްޓިކް ކުނީގެ ގޮތުގައި އުކާލުމުން ނުވަތަ ކޮމްޕޯސްޓް ކުރަން ފެށުމުން، އެއަށް ބޭނުންވާ މާއްދާތައް ލިބި ބެކްޓީރިއާތައް ހޭލައި، ޕްލާސްޓިކް ކާން ފަށައެވެ. ސައިންސްވެރިން ހާމަކުރި ގޮތުގައި މި މަރުހަލާގައި އެންމެ ހަ ދުވަހުގެ ތެރޭގައި ޕްލާސްޓިކްގެ 90 އިންސައްތަ ފަނާވެ، ނެތިގެންދެއެވެ.
މި ހޯދުމުގެ ބޭނުމަކީ ކަނޑުތަކާއި އެއްގަމުގައި ޕްލާސްޓިކް ކުނި ގިނަވެ، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކް ފަނާވުމަށް އެތައް ސަތޭކަ އަހަރެއް ނަގާއިރު، މި “ލިވިންގް ޕްލާސްޓިކް” އަކީ ދެމެހެއްޓެނިވި ގޮތެއްގައި މިކަމަށް އޮތް ހައްލެއް ކަމަށް ދިރާސާވެރިން ގަބޫލުކުރެއެވެ.
މި އައު އީޖާދުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އުފައްދާ ތަފާތު ތަކެތީގައި މިފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
