ރީތި އައިޝާ އަދި އަމާން ރަށް
ދިވެހިރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި އޮތް “ދުންހުރާ” އަކީ ގުދުރަތީ ރީތިކަމުގެ ނަމޫނާއެކެވެ. ރަށުގެ ވަށައިގެންވާ ހުދު ފިނޮޅުތަކާއި، ފެހިކަން ގަދަ ރުއްތަކުގެ މެދުގައި އޮންނަ ބޮޑު ކުޅިއަކީ އެ ރަށުގެ އެންމެ ސިހުރުވެރި، އެހެނަސް ހިތްގައިމު މަންޒިލެވެ. މި ކުޅީގެ ފެންގަނޑަކީ އެހާމެ ފުން، އަދި އެހާމެ ނާމާން ތަނެއް ކަމަށް ރަށުގެ މީހުން ކިޔައި އުޅެއެވެ. ނަމަވެސް، އެ ރަށުގެ އެންމެ ރީތި އަންހެން ކުއްޖާ، އައިޝާއަށް އެ ކުޅިއަކީ އޭނާގެ ހިތުގެ ހަމަޖެހުމެވެ.
އައިޝާއަކީ އުމުރުން 19 އަހަރުގެ، ބަލައިލި ކޮންމެ މީހެއްގެ ހިތްކަތިކޮށްލާ ފަދަ ފުރިހަމަ ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. އޭނާގެ ގަދަ މުށިކުލައިގެ ފަން އިސްތަށިގަނޑާއި، މަޑު މުށިކުލައިގެ ދެލޮލަކީ އޭނާގެ ރީތިކަން އިތުރުކޮށްދޭ ދެ ސިފައެވެ. އައިޝާއަކީ އަޚްލާޤީ ގޮތުން ނަމޫނާ، ނަމާދަށް ފަރުވާތެރި، އަދި މައިންބަފައިންނަށް ކިޔަމަންތެރި ކުއްޖެކެވެ.
އިރުއޮއްސޭ ވަގުތެވެ. އުޑުމަތި ރަންވިލާތަކުން ފުރިފައިވާއިރު، އައިޝާ އިނީ ކުޅީގެ އައްސޭރީގައި ހުރި ބޮޑު ނިކަގަހެއްގެ ދަށުގައެވެ. އޭނާގެ އަތުގައި އޮތް ފޮތް ކިޔަމުން ދިޔައިރު، ފިނި ރޯޅިއަކުން އޭނާގެ އިސްތަށިގަނޑާ ކުޅެލިއެވެ.
“އައިޝާ! ދަރިފުޅާ، އިރުއޮއްސެނީއޭ. ދެން އަވަހަށް ގެއަށް އާދޭ،” އައިޝާގެ މަންމަ، ފާތުމަގެ އަޑު ދުރުން އިވުނެވެ.
އައިޝާ ތެދުވެ، އޭނާގެ ހެދުމުގައި ހުރި ވެލިތައް ފޮޅާލިއެވެ. އެވަގުތު، ކުޅީގެ ފެންގަނޑުގެ ތެރެއިން މީހަކު އޭނާއަށް ބަލަހައްޓައިގެން ހުރިހެން ހީވެގެން އޭނާ ފަސް އެނބުރި ބަލައިލިއެވެ. ނަމަވެސް އެތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހަމައެކަނި ފެންގަނޑުގެ މަތީގައި އުފެދިފައިވާ ކުދި ރާޅުތަކެއް ފިޔަވައެވެ.
އައިޝާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. “ކާކު؟” އޭނާ މަޑުމަޑުން އަހާލިއެވެ. ޖަވާބެއް ނައެވެ. ނަމަވެސް، ވަރަށް މަޑުމަޑުން އައި ފިނި ވަޔަކާއެކު، އޭނާގެ ކަންފަތް ކައިރީގައި މީހަކު ނޭވާލީހެން ހީވިއެވެ. އައިޝާ ބާރުބާރަށް ހިނގާފައި ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.
ފަރުދާގެ ފުރަގަހުން އައި ރީތި ޒުވާނާ
އެރޭގެ ދެބައިވީ ފަހެވެ. މުޅި ރަށް އޮތީ ނިދީގެ ފުންމިނުގައެވެ. އައިޝާ އޮތީ އޭނާގެ ކޮޓަރީގައި ނިދަން އޮށޯވެއެވެ. ކުއްލިއަކަށް ކޮޓަރީގެ ތެރޭގައި މީރު ވަހެއް ދުވަން ފެށިއެވެ. އެއީ މީގެ ކުރިން އޭނާއަށް ދުވަހަކުވެސް ދުވާފައިވާ ވަހެއް ނޫނެވެ. ކުޑަދޮރުން ވަން ހަނދުވަރުގެ އަލީގައި، ކޮޓަރީގެ ކަނެއްގައި ހިޔަންޏެއް ހުރިތަން އޭނާއަށް ފެނުނެވެ.
އައިޝާ ދެލޯ ބޮޑުކޮށްލާފައި ތެދުވިއެވެ. “މަންމާ…” އޭނާ ގޮވަން އުޅުނެވެ.
“ބިރުނުގަނޭ، އައިޝާ،” ވަރަށް ފިރިހެންވަންތަ، އެހާމެ މަޑުމައިތިރި އަޑަކުން މީހަކު ބުންޏެވެ.
އައިޝާ ބިރުން ގަނޑުވިއެވެ. އޭނާގެ ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު، ރީތި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. އޭނާގެ ލޮލުން ނޫކުލައިގެ އާދަޔާ ޚިލާފު ވިދުމެއް ފެންނަން ހުއްޓެވެ. އޭނާ ލައިގެން ހުރީ ދިވެހި ހެދުމެއް ނޫނެވެ. އެއީ އިހު ޒަމާނެއްގެ ރަސްކަލަކު ލައިގެން ހުންނާނެ ކަހަލަ ޝާހީ ހެދުމެކެވެ.
“ކާކު ތީ؟ ކިހިނެއް މިތަނަށް ވަނީ؟” އައިޝާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.
“އަހަރެންގެ ނަމަކީ މިޒްޔާން. އަހަރެންނަކީ އިންސާނެއް ނޫން. އަހަރެން އުޅެނީ އެ ކުޅީގަ،” އެ ޒުވާނާ، އެބަހީ މިޒްޔާން ޖަވާބުދިނެވެ. “އަހަރެން ކަލޭގެ ރީތިކަމަށް ހިތްކިޔާތާ ވަރަށް ދުވަސްވެއްޖެ. ކޮންމެ ދުވަހަކު ކަލޭ އެތަނަށް އަންނަ އިރު، އަހަރެން ހުންނަނީ ފެންގަނޑުގެ އަޑިން ބަލާން.”
އައިޝާގެ ނޭވާ އަވަސްވިއެވެ. ޖިންނިއެއް! އޭނާގެ ކުރިމަތީގައި މިހުރީ ޖިންނިއެކެވެ. “އަހަރެންނަށް އުނދަގޫ ނުކުރޭ. އަހަރެންނަކީ މުސްލިމެއް. އަހަރެން ބިރުގަންނަނީ ހަމައެކަނި ﷲ ދެކެ،” އައިޝާ ހިތްވަރުކޮށްފައި ބުންޏެވެ.
މިޒްޔާން ހިނިތުންވެލިއެވެ. “އަހަރެންވެސް މިއީ މުސްލިމެއް، އައިޝާ. އަހަރެން އައީ ކަލެއަށް އަނިޔާއެއް ކުރާކަށް ނޫން. ހަމައެކަނި ކަލެއާ ވާހަކަ ދައްކާލަން. ކަލޭގެ ހިތުގެ ސާފުކަން އަހަރެންގެ ހިތް އަތުލައިފި.”
އެވަގުތު ބޭރުން ބަންގީގެ އަޑު އިވުނެވެ. ފަތިސް ނަމާދުގެ ބަންގިއެވެ. މިޒްޔާންގެ ސިފަ ފަނޑުވާން ފެށިއެވެ. “އަހަރެން ދަނީ. އެކަމަކު އަހަރެން އަދި އަންނާނަން. ކުޅި ކައިރިން އަހަރެމެން ބައްދަލުވާނެ،” މިހެން ބުނެފައި އޭނާ ވައިގެ ތެރެއަށް ވިރިގެން ދިޔައެވެ.
ބަދަލުވަމުންދާ އައިޝާ
ޖެހިގެން އައި ދުވަސްތަކުގައި އައިޝާ ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އޭނާ ގިނަ ވަގުތު ހޭދަކުރަނީ ހިމޭންކަމުގައެވެ. ކެއުމާއި ބުއިމަށް އޮތް ޝައުގުވެރިކަން ކުޑަވިއެވެ. އޭނާގެ މަންމަ ފާތުމައަށް މިކަން ފާހަގަކުރެވުނެވެ.
“އައިޝާ، ދަރިފުޅު ބަލީތަ؟ މޫނުމަތިން މާބޮޑަށް ވަރުބަލިކަން ފެންނާތީ މި އަހަނީ،” ފާތުމަ ކަންބޮޑުވެފައި އެހިއެވެ.
“ނޫން މަންމާ، ބައްޔެއް ނޫން. ހަމަނިދި ނުލިބޭތީ،” އައިޝާ އިސްދަށަށް ޖަހައިގެން ހުރެ ބުންޏެވެ. އޭނާއަށް އޭނާގެ މަންމަ ގާތު ތެދަށް ބުނާކަށް ނުކެރުނެވެ. އޭނާގެ ހިތުގައި ބިރުވެރިކަމަށްވުރެ ބޮޑަށް އުފެދިފައިވަނީ އާދަޔާ ޚިލާފު ޝައުގުވެރިކަމެކެވެ. މިޒްޔާންގެ އެ ނޫކުލައިގެ ދެލޮލާއި، އޭނާގެ މަޑުމައިތިރި ބަސްމަގު އައިޝާގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ.
އެ ދުވަހުގެ ހަވީރު، އައިޝާ އާދައިގެ މަތިން ކުޅި ކައިރިއަށް ދިޔައެވެ. މިފަހަރު އޭނާ ދިޔައީ ބިރަކުން ނޫނެވެ. އޭނާގެ ހިތް އެދެމުން ދިޔައީ މިޒްޔާންއާ ބައްދަލުކުރުމަށެވެ. ކުޅީގެ ފެންގަނޑު މިއަދު އޮތީ ވަރަށް މަޑުމައިތިރިކޮށެވެ. އައިޝާ ކުޅީގެ އައްސޭރީގައި ހުރި ފުނަ ގަހެއްގެ ހިޔަލުގައި އިށީނދެ، ފެންގަނޑަށް ބަލަހައްޓައިގެން އިނެވެ.
“މަށަށް އެނގިއްޖެ ކަލޭ އަންނާނެކަން،” ކުއްލިއަކަށް އައިޝާގެ ފުރަގަހުން މިޒްޔާންގެ އަޑު އިވުނެވެ.
އައިޝާ ސިހިފައި ފަސް އެނބުރި ބަލައިލިއެވެ. މިޒްޔާން ހުރީ ހިނިތުންވެފައެވެ. “މިޒްޔާން… ކަލޭ ތިއީ ކޮންތަނެއްގެ މީހެއް؟” އައިޝާ ސުވާލުކުރިއެވެ.
މިޒްޔާން އައިސް އައިޝާގެ ކައިރީގައި އިށީނެވެ. “އަހަރެންނަކީ މި ކުޅީގެ އަޑީގައި އޮންނަ ބޮޑު ސިޓީއެއްގެ ރަސްކަލެއްގެ ދަރިއެއް. އަހަރެމެންގެ ދުނިޔެއަކީ އިންސާނުންގެ ލޮލަށް ނުފެންނަ، އެކަމަކު ހަމަ މި ބިމުގައިވާ ދުނިޔެއެއް. އަހަރެން މި ކުޅީގަ އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ. ނަމަވެސް އިންސާނަކަށް ހިތްކިޔާ މިއީ ފުރަތަމަ ފަހަރު.”
“އެކަމަކު މިޒްޔާން، އިންސާނުންނާއި ޖިންނީންގެ ގުޅުމަކީ ދުވަހަކުވެސް ކާމިޔާބުވާނެ ކަމެއް ނޫން. އަހަރެމެންގެ ދުނިޔެ ތަފާތު. އަހަރެމެންގެ ދީނުގައިވެސް އެކަން އޮންނަނީ އެހެން.” އައިޝާ ބުންޏެވެ.
މިޒްޔާންގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. “މަށަށް ތިކަން އެނގޭ. އެކަމަކު ލޯތްބަކީ ބާރުގަދަ އެއްޗެއް. އަހަރެން ކަލެއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވެދާނަން. އައިޝާ، އަހަރެން ބޭނުންވަނީ ކަލޭ އަހަރެންގެ ރާނީއަކަށް ހަދަން. އަހަރެންގެ ދުނިޔެއަށް ގެންދަން.”
އައިޝާގެ ހިތް ތެޅިގަތެވެ. އޭނާގެ އަމިއްލަ ރަށް، މައިންބަފައިން އަދި އޭނާގެ ދިރިއުޅުން ދޫކޮށްލާފައި ޖިންނިއަކާއެކު ދިޔުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ “ނޫން، މިޒްޔާން. އެއީ ވާނެ ކަމެއް ނޫން. އަހަރެންގެ މައިންބަފައިން އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަރެން އެމީހުން ދޫކޮށްލާފަ ނުދާނަން.”
މިޒްޔާން އިސްދަށަށް ޖަހާލިއެވެ. “އަހަރެން މަޖުބޫރެއް ނުކުރާނަން. އެކަމަކު ހަނދާންކުރާތި، އަހަރެންގެ ލޯތްބަކީ ތެދުވެރި ލޯތްބެއް. ކަލެއަށް ކަމެއް ދިމާވާ ކޮންމެ ވަގުތަކު އަހަރެން ހުންނާނީ ކަލޭގެ ހިމާޔަތުގަ.”
ކައިވެނީގެ ރޭވުން
އައިޝާގެ ދިރިއުޅުމަށް ބޮޑު ތޫފާނެއް އައީ އޭނާގެ ބައްޕަ، އަހުމަދުފުޅު، އޭނާގެ ކައިވެނި ރަށުގެ މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިފުޅު، ނަހްޔާންއާ ކުރަން ނިންމި ހިސާބުންނެވެ. ނަހްޔާނަކީ ބޮޑާ، ނުލަފާ ސިފަތަކެއް ހުންނަ މީހެކެވެ. ރަށުގެ އެންމެންވެސް އޭނާދެކެ ބިރުގަނެއެވެ.
“ބައްޕާ، އަހަރެން ނަހްޔާންއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫން،” އައިޝާ ރޮމުން ބުންޏެވެ.
“އައިޝާ! ނަހްޔާނަކީ މި ރަށުގެ އެންމެ މުއްސަނދި މީހާ. އޭނާއާ ކައިވެނި ކުރުމުން އަހަރެމެންގެ ދަރަނިތައް ޚަލާޞްވާނެ. މިއީ އަހަރެން ނިންމި ގޮތް،” އަހުމަދުފުޅު ހަރުކަށިކަމާއެކު ބުންޏެވެ.
އައިޝާގެ ދުނިޔެ އަނދިރިވި ކަހަލައެވެ. އޭނާ ދުވެފައި ގޮސް ކުޅި ކައިރިއަށް ދިޔައެވެ. އޭރު ރޭގަނޑުވެ، ހަނދު އަރައިފިއެވެ. އޭނާ ބާރަށް ރޯން ފެށިއެވެ.
“އައިޝާ، ކީއްވެ ތި ރޮނީ؟” މިޒްޔާން ކުއްލިއަކަށް އައިޝާގެ ކުރިމައްޗަށް ފާޅުވިއެވެ.
އައިޝާ ހުރިހާ ވާހަކައެއް މިޒްޔާންއަށް ކިޔައިދިނެވެ. މިޒްޔާންގެ ލޯ އަލިފާންގަނޑެއް ފަދައިން ރަތްވިއެވެ. “އެ ނަހްޔާނަކީ ކާކު؟ އޭނާއަށް ކަލޭގެ ގައިގަ އަތްލުމުގެ ފުރުޞަތެއް އަހަރެން ނުދޭނަން. އޭނާއަށް އޭނާގެ ހުދޫދު އަހަރެން ދައްކާލާނަން!”
“ނޫން މިޒްޔާން! އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާތި. އަހަރެން ބޭނުމީ ހަމައެކަނި ސަލާމަތްވާން،” އައިޝާ އާދޭސްކުރިއެވެ.
“ކަންބޮޑުނުވޭ. އަހަރެން ކަލޭ ސަލާމަތް ކުރާނަން. އެކަމަކު އޭގެ ކުރިން ކަލޭ އަހަރެންނަށް އެއްބަސްވުމެއް ވާންޖެހޭނެ. ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް، ކަލޭ އަހަރެންނަށް އިތުބާރު ކުރާނަންތަ؟” މިޒްޔާން އެހިއެވެ.
އައިޝާ ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ، “އާނ، އަހަރެން އިތުބާރު ކުރާނަން.”
ނަހްޔާންގެ ނިމުން
ކައިވެނީގެ ރެއެވެ. މުޅި ގެ އޮތީ ޒީނަތްތެރިކޮށްފައެވެ. އައިޝާ ހުރީ ރަތްކުލައިގެ ދިވެހި ލިބާހެއްގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ނަހްޔާން އައިސް ކޮޓަރިއަށް ވަނެވެ. އޭނާގެ މޫނުމަތީގައި ހުރީ ނުލަފާ ހިނިތުންވުމެކެވެ.
“އައިޝާ، މިއަދުން ފެށިގެން ތިއީ އަހަރެންގެ މިލްކެއް،” ނަހްޔާން އައިޝާގެ އަތުގައި ހިފަން އުޅުނެވެ.
ކުއްލިއަކަށް ކޮޓަރީގެ ބޮކިތައް ނިވި، މުޅި ތަނަށް ގަދަ ފިނިކަމެއް ފެތުރިގެން ދިޔައެވެ. ނަހްޔާން ބިރުން ހަޅޭއްލަވައިގަތެވެ. “ކަ… ކާ… ކާކު؟ ކާކު ތީ؟”
ކޮޓަރީގެ ކަނުން ބޮޑު ހިޔަންޏެއް ފާޅުވިއެވެ. އެއީ މިޒްޔާންއެވެ. ނަމަވެސް މިފަހަރު އޭނާގެ ސިފަ ހުރީ ވަރަށް ބިރުވެރިކޮށެވެ. އޭނާގެ ލޮލުން އަލިފާން ނިކުންނަ ކަހަލައެވެ.
“އައިޝާގެ ގައިގަ އަތްލާން އުޅޭ މީހަކީ އަހަރެންގެ ދުޝްމަނެއް!” މިޒްޔާންގެ ބާރު އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ.
ނަހްޔާން ބިރުން ތުރުތުރުލަމުން ދުވެފައި ކޮޓަރިން ނިކުންނަން އުޅުނެވެ. ނަމަވެސް ދޮރު ހުރީ ބަންދުވެފައެވެ. މިޒްޔާންގެ އަތުން ނިކުތް ހިޔަންޏަކުން ނަހްޔާން ހިފަހައްޓައި، ކޮޓަރީގެ ފާރަށް ނަހްޔާން ގަންނަވާލިއެވެ. ނަހްޔާން ހޭނެތިގެން ވެއްޓުނެވެ.
އައިޝާ ބިރުން ރޮމުން ދިޔައެވެ. މިޒްޔާން އައިޝާގެ ކައިރިއަށް އައިސް އޭނާގެ ސިފަ އަސްލު ރީތި ސިފައަށް ބަދަލުކޮށްލިއެވެ. “ހާސްނުވޭ އައިޝާ. އޭނާ މަރެއް ނުވޭ. އެކަމަކު ދެން އޭނާއަށް ދުވަހަކުވެސް ކަލެއަށް އުނދަގުލެއް ނުކުރެވޭނެ.”
ކުޅީގެ އަޑިއަށް
މި ހާދިސާއަށްފަހު ރަށުގެ މީހުން ނަހްޔާންގެ ވާހަކަ ދައްކަން ފެށިއެވެ. ނަހްޔާން ހޭއެރި އިރު އޭނާ ހުރީ މޮޔަވެފައެވެ. އޭނާ އަބަދުވެސް ކިޔަނީ “ކުޅީގެ ޖިންނި އަތުވެއްޖެ” ކަމަށެވެ.
ޖެހިގެން އައި ދުވަހު ނަހްޔާން އައިޝާ ވަރިކުރިއެވެ. އައިޝާގެ ކޮޓަރިއަށް ވަން ޖިންނީގެ ވާހަކަތައް އައިޝާގެ ބައްޕައަށް ނަހްޔާން ކިޔައިދިނެވެ. ނަމަވެސް އެކަން ޚުދު އަހުމަދުފުޅަށް ވެސް ޤަބޫލެއް ނުކުރެވުނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އައިޝާގެ ބޯކޮޅުބަލަމުން ދަނިކޮށް އަހުމަދުފުޅަށް ކަންކަން ސާފުވާން ފެށިއެވެ. ނަހްޔާން ދެއްކީ ހަމަޖެހޭ ވާހަކަތަކެއްކަން އެނގުނެވެ. އައިޝާގެ ބައްޕައަށް ވެގެން އުޅޭ ކަންތައްގަނޑުގެ ހަގީގަތް އެނގުނެވެ.
“އައިޝާ، ކަލޭ ޖިންނިއަކާ ގުޅުމެއް ބާއްވަނީތަ؟ ތިޔައީ މި ރަށަށް އަންނާނެ ބޮޑު މުޞީބާތެއް!” އަހުމަދުފުޅު ރުޅިގަދަވެގެން ބުންޏެވެ.
ދުވަސްކޮޅެއްގެ ތެރޭގައި ރަށުގެ މީހުންނަށްވެސް މި ކަންކަމުގެ ޚަބަރުތައް އެނގިއްޖެއެވެ. ރަށުގެ މީހުން އެއްވެ، އައިޝާ ރަށުން ބޭރުކުރަން ނިންމިއެވެ. އެމީހުން ދެކުނީ އައިޝާއަކީ ސިހުރުވެރިއެއް ނުވަތަ ޖިންނީންގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށެވެ.
އެރޭ އައިޝާ ކުޅި ކައިރިއަށް ދިޔައީ އެނބުރި ނުދާން ނިންމައިގެންނެވެ. މިޒްޔާން އޭނާގެ އިންތިޒާރުގައި ހުއްޓެވެ.
“މިޒްޔާން، އަހަރެންގެ އަމިއްލަ މީހުން އަހަރެން ބާކީކޮށްފި. މަށަށް ދެން އޮތީ ކޮން މަގެއް؟” އައިޝާ ހިތްދަތިކަމާއެކު އެހިއެވެ.
މިޒްޔާން އޭނާގެ އަތް އައިޝާއަށް ދިއްކޮށްލިއެވެ. “އަހަރެންގެ ދުނިޔެއަށް އާދޭ، އައިޝާ. އެތަނުގައި ކަލެއަށް އެއްވެސް ދެރައެއް ނުލިބޭނެ. ކަލޭ ވާނީ އަހަރެންގެ ރާނީއަށް. އަހަރެމެންގެ ލޯބި އެތަނުގަ ފުރިހަމަވާނެ.”
އައިޝާ މިޒްޔާންގެ އަތުގައި ހިފިއެވެ. އެވަގުތު ކުޅީގެ ފެންގަނޑު ދެބައިވެ، ހަނދުވަރުގެ އަލީގައި ރިހިކުލައިގެ ސިޑިއެއް ފާޅުވާން ފެށިއެވެ. އައިޝާ މިޒްޔާންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން އެ ސިޑިން ތިރިއަށް ފޭބިއެވެ. ފެންގަނޑުގެ ތެރެއަށް ވަދެގެން ދިޔައިރުވެސް، އައިޝާގެ ހަށިގަނޑުގައި ފެންފޮދެއް ޖެހުނުހެންވެސް ހީނުވެއެވެ. އޭނާގެ ވަށައިގެން އޮތީ ނޫކުލައިގެ ފާރެއް ފަދަ ފެންގަނޑެކެވެ. އޭގެ ތެރެއިން ރީތި ކުލަކުލައިގެ މަސްތަކާއި، ކުލަކުލައިގެ މުރަކަތައް ފެންނަން ހުއްޓެވެ. ތަންކޮޅަކަށް ދެވުނު ފަހުން ވަށައިގެންވާ ފެނުގެ ފާރުގެ ތެރެއަށް މިޒްޔާން ވަނެވެ. ނަމަވެސް އައިޝާގެ އަތުން އޭނާ ދުލެއް ނުކުރެއެވެ. އިސާހިތަކުން މިޒްޔާންގެ ދެ ފައި އެއްވެ، މަހެއްގެ ދިގު ނިގުލެއްގޮތަށް ދެފައި ބަދަލުވިއެވެ.
“ހައިރާންވެއްޖެ ދޯ! އިންސާނުން އިނގިރޭސިބަހުން ކިޔާ މާރމެއިޑުންނާ މާރމޭނުންނަކީ އަހަރުމެން. ދިވެހި ބަސްފޮތުގަ އަހަރުމެންނަށް ދީފަ އޮންނަ ނަމަކީ ‘ކަނޑުރެއްސި’. އެކަމަކު އަސްލު އެނގޭތަ؟ މާރމެއިޑުންނަކީ ވެސް ޖިންނިން. އަހަރުމެންގެ ސަހަރަށް ވަދެވުނީމަ އިތުރަށް ކަންކަން ފެނި، އެނގިގެން ދާނެ!” ހެވިލާފައި ހުރެ މިޒްޔާން އޮޅުންފިލުވައިދިނެވެ.
ފެނު އަޑީގެ ސިޓީ “ނޫރުލް ބަހުރު”
ކުޅީގެ އެންމެ ފުންމިނަށް ދެވުނުއިރު، އައިޝާގެ ކުރިމަތިން ފެނުނީ އޭނާގެ ހުވަފެނުގައިވެސް ނުދެކޭ ފަދަ ފުރިހަމަ ސިޓީއެކެވެ. ގަނޑުވަރުތައް ބިނާކޮށްފައިވަނީ ހުދު މުތީއާއި، ރަނާއި، ރިހިންނެވެ. މަގުތަކުގައި ދިއްލާފައިވަނީ އަލިގަދަ ޖަވާހިރުތަކެވެ. މިތަނަކީ މިޒްޔާންގެ ބައްޕަގެ ރަސްކަން އޮންނަ “ނޫރުލް ބަހުރު” އެވެ.
“އައިޝާގެ އާ މަންޒިލަކީ މިއީ،” މިޒްޔާން ބުންޏެވެ. “މިތަނުގެ އެންމެން އައިޝާއަށް އިޙްތިރާމް ކުރާނެ.”
ނަމަވެސް، އައިޝާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީ މިޒްޔާންގެ ބައްޕަ، ރަސްގެފާނު ޝަހްވީޒްގެ ކުރިމައްޗަށް ދިޔުމުންނެވެ. ރަސްގެފާނުގެ މޫނުމަތިން ފެންނަނީ ހަރުކަށިކަމެވެ.
“މިޒްޔާން! ކަލޭ އިންސާނަކު މިތަނަށް ގެނައީ ކީއްކުރަން؟ ތިއީ އަހަރެމެންގެ ޤާނޫނާ ޚިލާފު ކަމެއް!” ރަސްގެފާނުގެ ގަދަފަދަ އަޑު ގުގުމާލިއެވެ.
“ބައްޕާ، މިއީ އަހަރެންގެ ލޯބިވެރިޔާ. އަހަރެން ބޭނުންވަނީ މި ކުއްޖާ އަހަރެންގެ އަނބިމީހާއަށް ހަދަން،” މިޒްޔާން ހިތްވަރާއެކު ޖަވާބުދިނެވެ.
“އިންސާނަކާއި ޖިންނިއަކު ކައިވެނި ކުރެވޭނީ ހަމައެކަނި އެއް ޝަރުޠެއްގެ މަތިން،” ރަސްގެފާނު ވިދާޅުވިއެވެ. “އެއީ އެ އިންސާނަކު އޭނާގެ އިންސާނީ ސިފަ ދޫކޮށް، އަހަރެމެންގެ ދުނިޔޭގެ މީހަކަށް ބަދަލުވުން. އޭގެ މާނައަކީ އޭނާގެ އިންސާނީ ދުނިޔެއާ އޮތް ހުރިހާ ގުޅުމެއް ދާއިމަށް ކެނޑުން. އޭނާގެ ހަނދާންތަކުން އޭނާގެ އާއިލާއާ ރަށް ފޮހެވިގެންދާނެ.”
އައިޝާ ސިހުނެވެ. އޭނާގެ މަންމައާއި ބައްޕަގެ ހަނދާންތައް ފޮހެލުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
އިމްތިޙާނު
“އަހަރެން މިޒްޔާންދެކެ ލޯބިވޭ. އެކަމަކު އަހަރެންގެ މައިންބަފައިންނަކީ އަހަރެންގެ ފުރާނަ. އަހަރެން އެމީހުންގެ ހަނދާންތައް ފޮހެލާކަށް ބޭނުމެއް ނޫން.” އައިޝާ ބުންޏެވެ.
މިޒްޔާން އައިޝާގެ އަތުގައި ހިފާލިއެވެ. “ބައްޕާ، އެހެން ގޮތެއް ނެތްތޯ؟”
ރަސްގެފާނު ވިސްނާލުމަށްފަހު ވިދާޅުވިއެވެ، “އޮތް އެހެން ގޮތަކީ ‘ސިހުރުވެރި މަލުގެ އިމްތިޙާނު’. ކަލޭމެން ދެމީހުން ކަޅު ކަނޑުގެ އަޑީގައިވާ ފަރުބަދައިގެ މަތިން އެ މާ ހޯދައިގެން ގެންނަންވާނެ. އެކަމަކު އެ ދަތުރަކީ ފުރާނައަށް ނުރައްކާވާނެ ދަތުރެއް. އެ މާ ގެނެސްފިނަމަ، އައިޝާއަށް އޭނާގެ ހަނދާންތަކާއެކު މިތަނުގައި އުޅެވޭނެ.”
މިޒްޔާންއާއި އައިޝާ އެ ދަތުރަށް ފެށިއެވެ. ކަޅު ކަނޑަކީ ބިރުވެރި މަޚްލޫޤުން އުޅޭ ތަނެކެވެ. ދަތުރުގެ މެދުތެރެއިން ބޮޑު ކަނޑު ހަރުފައެއް އެމީހުންނަށް ހަމަލާދިނެވެ. މިޒްޔާން އޭނާގެ ބާރު ބޭނުންކޮށްގެން އައިޝާ ހިމާޔަތްކުރިއެވެ.
“މިޒްޔާން، އަހަރެން ދޫކޮށްލާފައި ދޭ! އަހަރެން ސަލާމަތް ނުވިޔަސް ހެޔޮ،” އައިޝާ ހަޅޭއްލަވައިގަތެވެ.
“ނޫން! އައިޝާއާ ނުލައި އަހަރެންގެ ދިރިއުޅުމަކީ މާނައެއް ނެތް އެއްޗެއް!” މިޒްޔާން ބުންޏެވެ. އޭނާގެ ލޯބީގެ ބާރުގައި އެ ހަރުފަ ބަލިކޮށްލިއެވެ.
އެންމެ ފަހުން އެމީހުންނަށް އެ ރީތި ރަންކުލައިގެ މާ ފެނުނެވެ. އެ މަލުގެ ވަށައިގެން ހުރީ އަލިގަދަ ނޫރުތަކެކެވެ. އައިޝާ އެ މަލުގައި އަތްލުމާއެކު، މުޅި ސަރަހައްދު އުޖާލާވެގެން ދިޔައެވެ.

ލޯބީގެ ކާމިޔާބީ
އެމީހުން އެނބުރި ގަނޑުވަރަށް އައެވެ. ރަސްގެފާނު ޝަހްވީޒް ހުންނެވީ ހައިރާންވެފައެވެ. “ކަލޭމެންގެ ލޯބީގެ ތެދުވެރިކަން ސާބިތުވެއްޖެ. އައިޝާ، ކަލެއަކީ ހިތްވަރުގަދަ އަންހެނެއް.”
ރަސްގެފާނު އެ މަލުގެ ފިޔައެއް އައިޝާގެ ބޮލުގައި ޖައްސާލިއެވެ. އައިޝާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އޭނާގެ ސިފައަށް އިހުނަށް ވުރެންވެސް ރީތިކަމެއް ލިބި، ފައިގެ ބަދަލުގައި ރީތި މަހެއްގެ ދިގު ނިގޫފަތެއް ފާޅުވިއެވެ. އޭނާގެ ހަންގަނޑު މުތީއެއް ފަދައިން ވިދަން ފެށިއެވެ. އޭނާ މިހާރު ހީވަނީ ކަނޑުގެ ރާނީއެއް ހެންނެވެ. ނަމަވެސް އޭނާގެ ހަނދާންތައް ހުރީ ސާފުކޮށެވެ.
“މިޒްޔާން، އަހަރެން މިހާރު ކަލޭގެ ދުނިޔޭގެ މީހަކަށް ވެއްޖެ،” އައިޝާ ހިނިތުންވެލިއެވެ.
އެރޭ “ނޫރުލް ބަހުރު” ގައި ބޮޑު ކައިވެނީގެ ހަފްލާއެއް ބޭއްވުނެވެ. ޖިންނީންގެ ދުނިޔޭގެ ހުރިހާ ރަސްކަލުން އެ ހަފްލާއަށް އައެވެ. މިޒްޔާންއާއި އައިޝާ ކައިވެނި ކުރިއެވެ.
ވަދާޢީ ބައްދަލުވުން
ކައިވެންޏަށްފަހު، އައިޝާ ބޭނުންވީ އޭނާގެ މައިންބަފައިންނާ އެންމެ ފަހު ފަހަރަށް ބައްދަލުކޮށްލާށެވެ. މިޒްޔާން އޭނާ ގޮވައިގެން ކުޅީގެ އައްސޭރިއަށް ދިޔައެވެ.
އައިޝާގެ މަންމަ ފާތުމަ ކުޅި ކައިރީގައި އިށީނދެގެން ރޮމުން ދިޔައެވެ. “އަހަރެންގެ ދަރިފުޅު ކޮބައިތަ؟ އަހަރެން ދޫކޮށްލާފަ ދިޔައީ ކީއްވެ؟”
އައިޝާ ފެންގަނޑުގެ ތެރެއިން މައްޗަށް އެރިއެވެ. އޭނާގެ މިހާރުގެ ސިފަ ފެނިފައި ފާތުމަ ބިރުގަތެވެ. “ދަރިފުޅާ… އައިޝާ؟”
“މަންމާ، ބިރުނުގަނޭ. މިއީ އަހަރެން،” އައިޝާ ބުންޏެވެ. “މަންމާ، އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންގެ ލޯބި އަހަރެންނަށް ލިބިއްޖެ. އަހަރެންގެ ހިތުން ދުވަހަކުވެސް މަންމަމެން ފޮހެވިގެން ނުދާނަން. ކޮންމެ ރެއަކު ހަނދު އަރާ ވަގުތު މި ކުޅިއަށް ބަލާލާތި. އަހަރެންގެ ސަލާމް މަންމައަށް އިވޭނެ.”
އައިޝާ އޭނާގެ މަންމައަށް ރީތި މުތީގެ ފަށްތަކެއް ދިނެވެ. “މިއީ މަންމައާއި ބައްޕަގެ ދިރިއުޅުން އުޖާލާކުރަން އަހަރެންދޭ ހަދިޔާއެއް.”
ފާތުމަ ރޮމުން އައިޝާގެ ބޮލުގައި އަތްލިއެވެ. “ދަރިފުޅު އުފަލުގައި އުޅޭނަމަ މަންމަގެ އެއްވެސް ޝަކުވާއެއް ނެތް. ﷲ ދަރިފުޅަށް ބަރަކާތް ލައްވާށި.”
ނިމުން
އައިޝާ އެނބުރި މިޒްޔާންގެ ގާތަށް ކުޅީގެ އަޑިއަށް ދިޔައެވެ. އޭގެ ފަހުން ދުންހުރާގެ މީހުންނަށް ކޮންމެ ހަނދުވަރު ރެއަކު ކުޅީގެ ތެރެއިން ވަރަށް ރީތި ލަވައެއްގެ އަޑު އިވެއެވެ. އެއީ އައިޝާ އޭނާގެ މަންމައަށް އިއްވާ ލަވައެވެ.
ރަށުގެ މީހުން މިހާރު އެ ކުޅި ކައިރިއަށް ގޮސް އުޅެނީ ބިރުންތިބެއެއް ނޫނެވެ. އެމީހުން ދެކެނީ އެއީ ލޯބީގެ ރަމްޒެއް ކަމަށެވެ. ނަހްޔާންގެ ނުބައިކަމުން ރަށް ސަލާމަތްވެ، އައިޝާގެ މައިންބަފައިން އެ މުތީތަކުގެ އެހީގައި މުއްސަނދި އަދި އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔައެވެ.
ޖިންނިއަކާއި އިންސާނެއްގެ މި ލޯބީގެ ވާހަކައަކީ މިއަދުވެސް ދުންހުރާގެ ކުޑަކުދިންނަށް ކިޔައިދޭ އެންމެ މަޝްހޫރު ވާހަކައެވެ. ތެދުވެރި ލޯތްބަކީ ދުނިޔޭގެ އެއްވެސް ހުރަހަކަށް ހުއްޓުވޭނެ އެއްޗެއް ނޫންކަން މި ވާހަކައިން ސާބިތުކޮށްދެއެވެ.
—
ނިމުނީ
