ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރޫޙީ ލޯބި – ކުރު ވާހަކަ

އަހަރެމެން ހަތަރު އެކުވެރިންނަކީވެސް އެއް އަވަށެއްގައި ދިރިއުޅޭ، އަދި އެއްކޮށް ސްކޫލަށް ގޮސް އުޅުނު ކުދިންނެވެ. އިއްފަތުގެ ގެ ހުންނަނީ ސީދާ އަހަރެމެން ގޭގެ ކުރިމަތީގައެވެ. އޭނާއަކީ އަހަންނާ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާއަކީ ތެދުވެރި، ހިތްހެޔޮ އަދި އަޚްލާގު ރަނގަޅު ކުއްޖެކެވެ. އަހަރެން ގިނައިން އޭނާގެ ގެއަށް ގޮސް އުޅުނު ނަމަވެސް، އޭނާ އަހަރެމެންގެ ގެއަށް އަންނަނީ ވަރަށް މަދުންނެވެ. އެއީ އޭނާގެ ބައްޕަދެކެ ގަންނަ ބިރުގެ ސަބަބުންނެވެ. އިއްފަތުގެ ބައްޕައަށް އެންމެން ގޮވާ އުޅެނީ ‘މަލިކް ސާހިބު’ގެ ނަމުންނެވެ. އެއީ ވަރަށް ދީންވެރި، އަދި ޝަރަފުވެރި ބޭފުޅެކެވެ. ނަމަވެސް މިޒާޖު ތަންކޮޅެއް ހަރުކަށި ބޭފުޅެކެވެ.

އިއްފަތަށް ސްކޫލަށް ދިއުން ފިޔަވައި އެހެން އެއްވެސް ތަނަކަށް ދިއުމުގެ ހުއްދައެއް ނޯވެއެވެ. ސްކޫލުން ޕިކްނިކް ދިޔަސް އޭނާއަކަށް ހުއްދައެއް ނުލިބެއެވެ. އެކުވެރިއެއްގެ އުފަންދުވަހުގެ ޕާޓީއެއް ނުވަތަ އެހެންވެސް ހަފުލާއެއް އޮތަސް އަހަރެމެން ތިން ކުދިން ދާއިރު، އިއްފަތަށް ބައިވެރިއެއް ނުވެވެއެވެ. މިފަދަ ކަންކަމުން މަހުރޫމްވުމުގެ ސަބަބުން އޭނާގެ ޝަހުސިއްޔަތަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. އޭނާ އަބަދުވެސް ހުންނަނީ ކަންބޮޑުވެ، ހާސްވެފައެވެ. ކިޔެވުމަށް ދަށްވަމުން ގޮސް، ސިއްހީ ހާލަތުވެސް ދަށަށް ދާން ފެށިއެވެ. އޭނާގެ މަންމަ އޭނާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުންޏެވެ. “މީނާގެ އެއްވެސް ބައްޔެއް ނެތެވެ. މި އަންހެން ކުއްޖާއަށް ބޭނުންވަނީ އުފާވެރިކަމެވެ. އޭނާ އުފަލުގައި ބަހައްޓައި، ބޭރަށް ހިނގާލަން ގޮސް ހަދާނަމަ ރަނގަޅުވާނެއެވެ.”

މަލިކް ސާހިބަކީ ތަނަވަސް ބޭފުޅެކެވެ. އަދި އިއްފަތަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާ ދަރިފުޅުދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް އޭނާ ހިފަހައްޓަމުން އައީ އޭނާގެ ބޯދާ އުސޫލުތަކުގައެވެ. ދަރިފުޅު އުފަލުގައި ބެހެއްޓުން މުހިންމުކަން ޑޮކްޓަރު ބުނުމުން، އޭނާ ކަންބޮޑުވެ، ދަރިފުޅު އުފާކޮށްދޭނެ ގޮތަކާ މެދު ވިސްނަން ފެށިއެވެ.

އޭނާގެ އަނބިމީހާ ގާތު އެހިއެވެ. “ހަމަ ހަގީގަތުގައިވެސް އަހަރެމެންގެ ދަރިފުޅު އެހާ ބޮޑަށް ދެރަވެފައި ހުންނަނީ ހެއްޔެވެ؟” އަނބިމީހާ ޖަވާބު ދިނެވެ. “އާނއެކެވެ. އޭނާ ގޭގައި ހުންނަނީ ވަރަށް އެކަނިވެރިވެފައެވެ. ވާހަކަ ދައްކާލާނެ އެހެން ކޮއްކޮއެއް ނުވަތަ ބޭބެއެއް ނެތެވެ. އެކުވެރިންގެ ގެއަށް ދިއުމުގެ ހުއްދަ ދެއްވަނީއެއް ނޫނެވެ. ދެން އޭނާ ދެރަނުވެ ހުންނާނީ ކިހިނެއް ހެއްޔެވެ؟”

މަލިކް ސާހިބު އޭނާގެ ދަރިފުޅާ ސުވާލުކުރިއެވެ. “އިއްފަތު، ދަރިފުޅާ! ދަރިފުޅު އުފާވާނީ ކޮން ކަމެއް ކޮށްދިނީމަ ހެއްޔެވެ؟ ބޭނުން ކޮންމެ ކަމެއް ބުނާށެވެ. ބައްޕަ އެކަމެއް ކޮށްދޭނަމެވެ. ހަމައެކަނި އުފަލުގައި ހުރެބަލާށެވެ.” ފުރަތަމަ ފަހަރަށް ބައްޕަ އެހާ ލޯތްބާއެކު ވާހަކަ ދެއްކުމުން އިއްފަތު ހައިރާންވިއެވެ. ބައްޕަ ތަކުރާރުކޮށް އެދުމުން އޭނާ ބުންޏެވެ. “ބައްޕާ! އަހަރެން ކާރު ދުއްވަން ވަރަށް ބޭނުމެވެ. އެކަން ކޮށްދީފިނަމަ އަހަރެން ވަރަށް އުފާވާނެއެވެ.”

ދަރިފުޅުގެ މި އާދަޔާ ހިލާފު އެދުމުން މަލިކް ސާހިބު ހައިރާންވެ އަންތަރީސްވިއެވެ. ގޭގެ ފާރުން ބޭރަށް ފިޔަވަޅެއް އަޅަން ހުއްދަ ނެތް ކުއްޖަކު މި އެދުނީ ކާރު ދުއްވާށެވެ. އޭނާއަށް ވިސްނުނީ ކާރު ދުއްވަން ދަސްވުމުން ދަރިފުޅު އަތުން ދޫވެގެން ހިނގައިދާނެ ކަމަށެވެ. މަލިކް ސާހިބު ބުންޏެވެ. “ދަރިފުޅާ! ދަރިފުޅު އެކަނި ބޭރަށް ގޮސް ކާރު ދުއްވުމަކީ ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟” އިއްފަތް ބުންޏެވެ. “އަހަރެން މަންމަ ގޮވައިގެން ދާނީއެވެ.” ދަރިފުޅުގެ އެ މައުސޫމް ޖަވާބުން އޭނާއަށް ހިނިތުންވެވުނެވެ.

އެ ދުވަސްވަރު އިނގިރޭސިވިލާތުން މަލިކް ސާހިބުގެ ކޮއްކޮއާއި، ފަހަރި އަދި އެމީހުންގެ ދަރިން އައެވެ. ކޮއްކޮގެ ދަރިފުޅު ދުރުދާނާ އަކީ އިއްފަތާ އެއް އުމުރެއްގެ ކުއްޖެކެވެ. ނަމަވެސް އޭނާ އިއްފަތާ ވަރަށް ތަފާތެވެ. އޭނާއަކީ ހިތްވަރުގަދަ، އަމިއްލަ ނަފްސަށް އިތުބާރު އޮތް ކުއްޖެކެވެ. އޭނާ ފިރިހެން ހެދުން ލައި، ކާރުވެސް ދުއްވައެވެ. ދުރުދާނާ އައުމުން ގޭގެ މާހައުލު މުޅިން ބަދަލުވިއެވެ. ބައްޕަގެ ކޮއްކޮވެސް އިއްފަތަށް ތާއީދުކުރުމުން، މަލިކް ސާހިބު އިއްފަތަށް ކާރު ދުއްވަން ދަސްކުރުމުގެ ހުއްދަ ދިނެވެ. މިހާރު އޭނާ ކޮންމެ ދުވަހަކު ދުރުދާނާ ގާތުން ކާރު ދުއްވަން ދަސްކުރެއެވެ. އަދި ވަރަށް އަވަހަށް ދަސްވެސް ވިއެވެ. މިކަމުގެ ސަބަބުން އޭނާގެ ސިއްހަތަށް ވަރަށް ހެޔޮ ބަދަލެއް އައެވެ. ދުރުދާނާއަކީ މެހުމާނަކަށް ވުމުން މަލިކް ސާހިބު އޭނާއަށް އެއްޗެކޭ ނުބުނެއެވެ. އަދި އޭނާ އިއްފަތު ގޮވައިގެން ބޭރަށް ގޮސް އުޅެއެވެ. އެ ދުވަސްވަރު އިއްފަތު ހުންނަނީ އިންތިހާއަށް އުފަލުންނެވެ.

މެޓްރިކްގެ ނަތީޖާ ލިބިއްޖެއެވެ. އަހަރެމެން ތިން އެކުވެރިން ކޮލެޖަށް ވަނުމަށް ނަން ނޯޓުކުރީމެވެ. ނަމަވެސް އިއްފަތުގެ ކަންތައް އޮތީ އަދިވެސް ވަކި ގޮތެއް ނުނިމިއެވެ. އޭނާގެ މަންމަ ރުހުނަސް ބައްޕަ އެއްބަހެއް ނުވިއެވެ. ބައްޕަ ދެކޭގޮތުގައި އަންހެން ކުދިންނަކީ ކައިވެނިކޮށްގެން އުޅެންޖެހޭ ބައެކެވެ. އެހެންކަމުން މާ ގިނައިން ކިޔަވައިގެން ކުރާނެ ފައިދާއެއް ނެތެވެ. ދުރުދާނާ ދުވަސްކޮޅަކު އުޅުމަށްފަހު އެނބުރި ލަންޑަނަށް ހިނގައްޖެއެވެ. އޭނާ ދިއުމާއެކު އިއްފަތުގެ ގެއަށް އަނެއްކާވެސް މާޔޫސްކަން ވެރިވިއެވެ.

އަހަރެން ދެތިން ފަހަރަކު އޭނާގެ ގެއަށް ދިޔައީމެވެ. އޭނާ ކޮލެޖަށް ވަންނަނީތޯ ބެލުމަށެވެ. އޭނާ ރޮމުން ބުންޏެވެ. “އަހަރެން ކޮލެޖަށް ދާން ބޭނުމެވެ. ނަމަވެސް ބައްޕަ އެއްބަހެއް ނުވެއެވެ. ގޭގައި ބަންދުވެފައި އިނުމުން އަހަރެން ނޭވާ ހާސްވެއެވެ. މިހާރު ދުރުދާނާވެސް ހިނގައްޖެއެވެ.” ކޮލެޖަށް ވަނުމުގެ ފުރުސަތު ނިމިގެން ދިޔައިރުވެސް، ބައްޕަ އޭނާއަށް ހުއްދައެއް ނުދިނެވެ. އަހަރެމެން އެންމެން އެކަމާ ވަރަށް ދެރަވިއެވެ. އަދި އޭނާ އަނެއްކާވެސް ބަލިވެދާނެތީ ބިރުގަތެވެ.

އިއްފަތުގެ ބައްޕަ ގައުމުން ބޭރަށް ގޮސް އުޅުނު ދުވަސްވަރެއްގައި، އިއްފަތުގެ ގޭގެ ކުރިމަތީގައި ހުރި ގެއަށް އާ ބަޔަކު ބަދަލުވިއެވެ. އެ ގޭގައި ޒާހިދު ކިޔާ ރީތި ޒުވާނަކު އުޅެއެވެ. އޭނާއަކީ ލާހޫރުގައި ކިޔަވަން އުޅޭ ކުއްޖެކެވެ. ޗުއްޓީއަށް ރަށަށް އައިސް އުޅުނު ދުވަސްވަރު، އިއްފަތު ފެނުމުން އޭނާގެ ހިތް އެ މައުސޫމް ކުއްޖާއަށް ދެވުނެވެ. އޭނާ ކިޔަވައި ނިމިގެން އެ ކުއްޖާއާ ކައިވެނިކުރުމަށް މަންމަ ގާތު ބުނަން ނިންމިއެވެ. އިއްފަތުގެ ކޮޓަރި ހުންނަނީ މަތީ ބުރީގައެވެ. ބައްޕަ ރަށުގައި ނޫޅޭ ދުވަސްވަރު، އޭނާ ކޮޓަރީގެ ކުޑަދޮރު ކައިރީ އިށީނދެގެން ބޭރު ބަލަން އިނުމަކީ އޭނާގެ ފޫހިފިލުވައިދޭ ކަމެކެވެ. ޒާހިދަށް އިއްފަތު ފެނުނީ މަގުމަތީގައި ކުދިން ކުޅޭތަން ބަލަން އިއްފަތު އިންދައެވެ. އިއްފަތުގެ ނަޒަރު ޒާހިދަށް ހުއްޓުނު ހިނދު، ޒާހިދު އޭނާއަށް ބަލަން ހުރިތަން ފެނުމުން އޭނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުން ޒާހިދުގެ ހިތުގައި ބިންވަޅު ނެގުނެވެ. ދުވަސްކޮޅަކަށްފަހު ޒާހިދު އެނބުރި ލާހޫރަށް ހިނގައްޖެއެވެ.

ޒާހިދު ފެންނަން ނެތުމުން، އިއްފަތު ކުޑަދޮރު ކައިރީގައި އިނުމުގެ ބަދަލުގައި މަންމަ ގާތު ބުންޏެވެ. “އަހަންނަށް ކާރުގެ ތަޅުދަނޑި ދޭށެވެ. އަހަރެން ދުއްވާލަން ދާން ބޭނުމެވެ.” އޭނާ މާ ބޮޑަށް އެހެން ކިޔަން ފެށުމުން މަންމަ ތަޅުދަނޑި ދެމުން ބުންޏެވެ. “މާ ދުރަށް ނުދާށެވެ. އަދި އަވަހަށް އަންނާށެވެ.” އެދުވަހު އިއްފަތު އަހަރެމެން ގެއަށް އައިސް ބުންޏެވެ. “ފައުޒީ ހިނގާބަލަ، އަހަރެން ކަލޭ ގޮވައިގެން ބުރެއް ޖަހާލަން ދާނަމެވެ. އަހަރެން މިހާރު ކާރު ދުއްވަން ދަސްކޮށްފީމެވެ.” އަހަރެން ބުނީމެވެ. “ނޫނެކެވެ! އަހަރެންގެ ފުރާނަ ދުއްވާލާކަށް ބޭނުމެއް ނޫނެވެ. ކަލޭ ކާރު ދުއްވަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ!” އޭނާ ބުންޏެވެ. “ވަރަށް މޮޅަށް ދުއްވަމެވެ. އަހަރެން މިއީ މިހާރު މޮޅު ޑްރައިވަރެކެވެ. ހިނގާބަލަ އަމިއްލައަށް ބަލާލަން.” ގިނަ ދުވަސްތަކަކަށްފަހު އޭނާ އުފަލުން ހުއްޓާ ފެނުމުން އަހަންނަކަށް ދެކޮޅެއް ނުހެދުނެވެ. އަދި އޭނާއާއެކު ކާރަށް އެރީމެވެ. ގޭގެ ކައިރީގައި އޮތް ބޮޑު ހުސްބިމެއްގައި އޭނާ ކާރު ދުއްވައި ދެއްކިއެވެ. އޭނާ ހަގީގަތުގައިވެސް ވަރަށް މޮޅަށް ދުއްވަން ދަސްކޮށްފިއެވެ. އޭނާ ބުންޏެވެ. “ބައްޕަ ވިޔަފާރި ދަތުރެއްގައި އެމެރިކާއަށް ގޮސް އެބަހުއްޓެވެ. މި ދުވަސްކޮޅު އަހަރެން މިއީ މިނިވަނެކެވެ.” އޭގެ ފަހުން ތިން ހަތަރު މަސް ވަންދެން އަހަރެން އޭނާއާ ދިމައެއް ނުވެއެވެ. އަހަރެން އުޅުނީ ކިޔެވުމުގެ މަސައްކަތުގައި ވަރަށް ބިޒީކޮށެވެ.

އެއްދުވަހަކު އޭނާގެ މަންމަ އަހަރެންގެ މަންމައާ ބައްދަލުކުރަން އައެވެ. ވާހަކައިގެ ތެރެއިން އިއްފަތުގެ ވާހަކަ ދެކެވުނެވެ. އޭނާގެ މަންމަ ބުންޏެވެ. “އިއްފަތުގެ ބައްޕަ ބޭނުންވަނީ އޭނާގެ ދައްތަގެ ދަރިއަކާ އިއްފަތު ކައިވެނިކުރުވާށެވެ. އެމީހުންނަކީ އަވަށެއްގައި ދިރިއުޅޭ ދަނޑުވެރިންނެވެ. ނަމަވެސް އިއްފަތު އަވަށެއްގައި ދިރިއުޅޭކަށް ބޭނުމެއް ނޫނެވެ. އޭނާ މި ކައިވެންޏާ ރުހޭކަށް ނެތެވެ. އެހެންވެ އޭނާ އަބަދު ރުޅިއައިސްގެން ކާރު ހިފައިގެން ގެއިން ބޭރަށް ނިކުމެގެން ދެއެވެ.” އޭނާ ބުނި ގޮތުގައި މަލިކް ސާހިބު ކެތްތެރިވާން ޖެހެއެވެ. އެހެނީ އޭނާގެ ރުޅިއަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ކޮންމެވެސް ދުވަހަކުން ބޮޑު ކަމެއް ވެދާނެތީ އޭނާ ބިރުގަނެއެވެ. އިއްފަތު މިހާރު ހަމައެކަނި އިތުބާރު ހުރި ކުއްޖަކަށް ވީއެއް ނޫނެވެ. އޭނާ ވަނީ ގޭގެ އުސޫލުތަކާ ދެކޮޅުވެރިވެފައެވެ. އަދި ރުޅިއަންނަ ވަގުތުތަކުގައި ވަރަށް ބާރަށް ކާރު ދުއްވައެވެ. އެންމެ ފަހުން އެ ބާރުމިނުގައި ދުއްވުން ވީ އޭނާގެ ފުރާނަ ދިޔަ ސަބަބަށެވެ. އޭނާގެ ބައްޕަ ފައިސަލްއާބާދަށް ގޮސް އުޅުނު ދުވަހަކު، މަންމަ މަނާކުރަމުން ދަނިކޮށް އޭނާ ކާރު ހިފައިގެން ނިކުމެ ހައިވޭއަށް އެރިއެވެ. ބާރުމިނުގައި ދުއްވާފައި ދަނިކޮށް ކުރިމަތިން އައި ލޮރީއެއްގައި ޖެހި، ހަމަ އެ ވަގުތު އޭނާ މަރުވިއެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ނަވާރަ އަހަރެވެ.

މިއީ އެ މައިންބަފައިންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން އެމީހުން ތިބީ މަރުވެފައި ތިބި ބައެއް ފަދައިންނެވެ. ހާއްސަކޮށް އޭނާގެ މަންމައަށް ލިބުނު ހިތާމައިން ހީވަނީ މޮޔަވެދާނެ ހެންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެމީހުން ކެތްކުރަން ދަސްކުރިއެވެ. ނަމަވެސް މަލިކް ސާހިބު މިހާރު ހިތާމަކުރެއެވެ. މިހާރު އެހުރިހާ އާދަކާދަތަކާއި މުއްސަނދިކަމަކީ ބޭކާރު އެއްޗެކެވެ. އެހުރިހާ އެއްޗެއް ޖަމާކުރީ ދަރިފުޅަށްޓަކައެވެ. އެ ދަރިފުޅު ނެތް ދުނިޔެއެއްގައި އެ އެއްޗެހީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މަލިކް ސާހިބު ކުރިންވެސް ގޭގައި އުޅެނީ ވަރަށް މަދުންނެވެ. މިހާރު އޭނާ ގިނަ ވަގުތު ހޭދަކުރަނީ ބޭރުގައެވެ. ގެއަށް އަތުވެއްޖެނަމަ އަމިއްލަ ކޮޓަރީގައި ބަންދުވެއެވެ. އިއްފަތުގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުންނަތަން ފެނުމުން އޭނާއަށް ކެތެއް ނުކުރެވެއެވެ. އެތަނަށް ގޮސް ރޮނީއެވެ. އޭނާގެ މަންމަވެސް މަސައްކަތު މީހާ ގޮވައިގެން ކޮޓަރި ސާފުކުރަން ގޮސް ދަރިފުޅުގެ ސާމާނު ފެނުމުން ރޮއެ ހަދައެވެ.

މިގޮތަށް ދުވަސްތަކެއް ދިޔުމަށްފަހު، މަސައްކަތު މީހާވެސް މަތީ ބުރިއަށް ދިއުން ހުއްޓާލިއެވެ. ކޮޓަރި ސާފުނުކޮށް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެތަނުގައި ހިރަފުސް ބޯވެ، މަކުނުވާ އަޅާފައި ހުއްޓެވެ. އެ ގޭގެ ކުރިމަތީގައި އޮތް ހުސްބިމުގައި ޒާހިދުގެ ބައްޕަ ގެއެއް ބިނާކުރިއެވެ. އިއްފަތު ދިރިހުރި ދުވަސްވަރު އެމީހުން އެގޭގައި އުޅުމަށްފަހު، އެނބުރި ކުރީގެ ގެއަށް ބަދަލުވެ، އެ ގެ ކުއްޔަށް ދިނީއެވެ. ދެ އަހަރު ފަހުން ޒާހިދުގެ ކިޔެވުން ނިމި ވަޒީފާ ލިބުމުން، އެމީހުން ކުލީ މީހުން އަތުން ގެ އަތުލައި އެ ގެއަށް ބަދަލުވިއެވެ. ޒާހިދު ގިނަ ދުވަސްތަކެއް ވަންދެން އެ ތަނާ ދުރުގައި އުޅުނަސް، އިއްފަތުގެ ސޫރައެއް އޭނާ ހަނދާނެއް ނުނެތެއެވެ. އޭނާ އެނބުރި އައިސް އެންމެ ފުރަތަމަވެސް ބަލާލީ މަލިކް ސާހިބުގެ ގޭގެ ކުޑަދޮރާ ދިމާލަށެވެ. އޭނާއަށް ފެނުނީ އިއްފަތު ހަމަ ކުރީގެ ގޮތަށް އެތަނުގައި ހިނިތުންވެފައި އިންދައެވެ. ހީވަނީ ދުވަހަކުވެސް އެތަނުން ތެދުވެގެން ނުދާ ހެންނެވެ. އޭގެ ފަހުން ޒާހިދުގެ އާދައަކަށްވީ ހެނދުނާއި ހަވީރު އެ މަގުން ހިނގާފައި ދާއިރު މަތީ ބުރިއަށް ބަލާލުމެވެ. އިއްފަތު ހިނިތުންވެފައި ބަލަން އިނުމުން އޭނާގެ ހިތަށް ވަރަށް ބޮޑު އުފަލެއް ލިބެއެވެ.

މިކަން ދެތިން މަސް ވަންދެން ކުރިއަށް ދިޔައެވެ. ޒާހިދަށް ޔަގީންވީ އިއްފަތު ވެސް އޭނާދެކެ ލޯބިވާ ކަމަށެވެ. އެހެންކަމުން އެއްދުވަހަކު އޭނާ މަންމަ ގާތު ބުންޏެވެ. ކުރިމަތީ ގޭގެ މަލިކް ސާހިބުގެ ދަރިފުޅާ ކައިވެނިކުރަން އޭނާ ބޭނުންވާ ކަމަށާއި، އެކަމާ ވާހަކަ ދައްކަން ދިއުމަށެވެ. ޒާހިދުގެ މަންމަ އެ ގެއަށް ދިޔަ ނަމަވެސް، އެއްވެސް އަންހެން ކުއްޖަކު ފެންނާކަށް ނެތެވެ. އެކި ވާހަކަ ދެއްކުމަށްފަހު އޭނާ އެހިއެވެ. “ދަރިފުޅުގެ ކޮޓަރި ހުންނަނީ މަތީގައި ހެއްޔެވެ؟” އިއްފަތުގެ މަންމައަށް ހީވީ އަވަށްޓެރި މީހާއަށް އިއްފަތު މަރުވި ޚަބަރު ލިބިގެން ތައުޒިޔާ ކިޔަން އައީ ކަމަށެވެ. ނަމަވެސް އެ އަންހެންމީހާ އެހީ “ދަރިފުޅު އުޅެނީ މަތީގައި ހެއްޔެވެ؟ އޭނާ ކުޑަ އިރުކޮޅަކަށް ތިރިއަށް ފޮނުވާލަދީބަލާށެވެ” މިހެންނެވެ. އިއްފަތުގެ މަންމަ ފުން ނޭވާއެއްލުމަށްފަހު ބުންޏެވެ. “އޭނާ އުޅެނީ މަތީގައެވެ. ނަމަވެސް އަހަންނަކަށް އޭނާ ތިރިއަކަށް ނުގެނެވޭނެއެވެ. އޭނާ ވަނީ އަހަރެމެންނާ މާ ދުރަށް ގޮސްފައެވެ.” އޭނާ ބުންޏެވެ. “އަހަންނަކަށް ނޭނގުނެވެ.” އިއްފަތުގެ މަންމަ ކިޔައިދިނެވެ. “އިއްފަތް ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. އެކަމަށް މިހާރު ދެ އަހަރު ވެއްޖެއެވެ. އަވަށްޓެރިން މި ވާހަކަ ކިޔައެއް ނުދޭ ހެއްޔެވެ؟” އޭނާ ޖަވާބު ދިނެވެ. “އަހަރެމެން މި ގެއަށް ބަދަލުވި ފަހުން ގެއިން ނިކުމެލާނެ ވަގުތެއް ނުލިބެއެވެ. މިއަދު މިއީ ފުރަތަމަ ފަހަރެވެ. ވަރަށް ދެރަވެއްޖެއެވެ. އެހެންވީމާ އެ މަތީ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލަން އެ އިންނަނީ ކާކު ހެއްޔެވެ؟ އެއީ ތިޔަބޭފުޅުންގެ ދެވަނަ ދަރިފުޅު ހެއްޔެވެ؟” އިއްފަތުގެ މަންމަ ބުންޏެވެ. “އެއްވެސް މީހަކު ނޫޅޭނެއެވެ! ފަހަރުގައި މަސައްކަތު މީހާ ސާފުކުރަން ގޮސް އިންދާ ފެނުނީ ކަމަށް ވެދާނެއެވެ. އަހަރެން އެ ކޮޓަރިއަށް ދިއުންވެސް މިހާރު ހުއްޓާލައިފީމެވެ. އެއީ އެތަނަށް ދިއުމުން ދަރިފުޅުގެ ހަނދާންތައް އާވެ ހިތަށް ކެތްނުވާތީއެވެ. މަލިކް ސާހިބުވެސް މިހާރު މަތީ ބުރިއަށް ނުދެއެވެ.” ޒާހިދުގެ މަންމަ މި ވާހަކަ އަޑުއަހާފައި ހިމޭންވިއެވެ. އަދި ގެއަށް ގޮސް ދަރިފުޅަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

ޒާހިދު އޭނާގެ މަންމައަށް ޔަގީންކޮށްދިނެވެ. އޭނާއަށް ކޮންމެ ދުވަހަކުވެސް މަލިކް ސާހިބުގެ ދަރިފުޅު މަތީ ބުރީގެ ކުޑަދޮރުގައި އިށީނދެގެން އިންނާތީ ފެނެއެވެ. އޭނާ ހަމައެކަނި ބަލަނީއެއް ނޫނެވެ، އޭނާއަށް ބަލާފައި ހިނިތުންވެސްވެއެވެ. ޒާހިދު ހީކުރީ އެމީހުން އެ ހަދަނީ ދޮގު ކަމަށާއި، އެއީ ކައިވެންޏަށް އިންކާރު ކުރުމަށް ދެއްކި ބަހަނާއެއް ކަމަށެވެ. ޒާހިދު ބުންޏެވެ. “ކޮންމެއަކަސް، މަންމަގެ ހިތްހަމަޖެހުމަށްޓަކައި އަދި އެއްފަހަރު އެމީހުންނާ ވާހަކަ ދައްކާބަލާށެވެ.” މިފަހަރު ޒާހިދުގެ ބައްޕަ، މަލިކް ސާހިބުގެ ގާތަށް ގޮސް ކައިވެނީގެ ވާހަކަ ދެއްކިއެވެ. މަލިކް ސާހިބު ބުންޏެވެ. “ޚާން ސާހިބު! ތިޔަ ދައްކަވާ ވާހަކައެއް އަޅުގަނޑަކަށް ނޭނގުނެވެ.” އޭނާ ޖަވާބު ދިނެވެ. “އަނބިމީހާ ކިޔައެއް ނުދޭ ހެއްޔެވެ؟ އޭނާ ކުރިންވެސް އައެވެ. އަޅުގަނޑުގެ ދަރިފުޅު ޒާހިދަށްޓަކައި ތިޔަބޭފުޅުންގެ ދަރިފުޅުގެ އަތަށް އެދޭށެވެ.” މަލިކް ސާހިބު ހިތާމައާއެކު ބުންޏެވެ. “ކޮން ދަރިފުޅެއް ހެއްޔެވެ؟ އަޅުގަނޑުގެ މިހާރު އެއްވެސް ދަރިއަކު ނެތެވެ. އޭނާ މި ދުނިޔެ ދޫކުރިތާ ދެ އަހަރު ވެއްޖެއެވެ.” ޚާން ސާހިބު ހައިރާންވެފައި އެހިއެވެ. “އެހެންވީމާ މަތީގައި އެ އުޅެނީ ކާކު ހެއްޔެވެ؟” މަލިކް ސާހިބު ބުންޏެވެ. ” މައްޗަށް ދާން ހިނގާށެވެ.” އޭނާ މަސައްކަތު މީހާ އަތުން ތަޅުދަނޑި ހޯދައިގެން ޚާން ސާހިބު ގޮވައިގެން މަތީ ބުރިއަށް ދިޔައެވެ. އަމިއްލަ އަތުން އިއްފަތުގެ ކޮޓަރީގެ ތަޅު ހުޅުވިއެވެ. “މިއީ އަޅުގަނޑުގެ މަރުވެފައިވާ ދަރިފުޅުގެ ކޮޓަރިއެވެ. މިހާރު މިއީ އަބަދުވެސް ބަންދުކޮށްފައި ހުންނަ ތަނެކެވެ.” ކޮޓަރީގެ ކޮންމެ އެއްޗެއްގައި ހިރަފުސް ބޯވެ، މަކުނުވާ އަޅާފައި ހުއްޓެވެ. ދުވަސްތަކެއް ވަންދެން އެތަން ސާފުކޮށްފައި ނުވާކަން އެނގެއެވެ. އިއްފަތުގެ ފޮޓޯގައިވެސް އޮތީ ހިރަފުސް ބޯވެފައެވެ. ނަމަވެސް، ކުޑަދޮރު ހުރީ ހުޅުވިފައެވެ.

ޚާން ސާހިބު އެހިއެވެ. “ތިޔަބޭފުޅުންގެ އެހެން ދަރިއަކު ނެތް ހެއްޔެވެ؟” މަލިކް ސާހިބު ބުންޏެވެ. “ނޫނެކެވެ.” “ދެން ކުޑަދޮރުން އެ…” މިހެން ބުނެފައި ޚާން ސާހިބު ހިމޭންވިއެވެ. އޭނާ ބޭރަށް ބަލާލިއިރު މަގުމަތީގައި ޒާހިދު ހުއްޓެވެ. “ބައްލަވާށެވެ، އެއީ އަޅުގަނޑުގެ ދަރިފުޅެވެ. އެއީ މި ކައިވެންޏަށް އެދުނު ކުއްޖާއެވެ. ހުއްދަ ދެއްވާނަމަ އޭނާ މިތަނަށް ގެނެވިދާނެ ހެއްޔެވެ؟” މަލިކް ސާހިބު ބުންޏެވެ. “އާނއެކެވެ. ގެންނަވާށެވެ. އަޅުގަނޑުގެ އެއްވެސް އިއުތިރާޒެއް ނެތެވެ.” އޭނާ ދަރިފުޅަށް ގޮވަން ކުޑަދޮރާ ދިމާލަށް ދިޔަ ވަގުތު، ކުޑަދޮރު އަމިއްލައަށް ލެއްޕުނެވެ. ޚާން ސާހިބުގެ ހިތަށް ވަނެވެ، މިއީ އާދައިގެ ކަމެއް ނޫނެވެ. ޒާހިދަށް އެ ފެންނަނީ އިއްފަތުގެ ރޫހު ކަމަށް ވެދާނެއެވެ. އެހެންނަމަވެސް، އަމިއްލަ ހިތް ހަމަޖައްސާލުމަށްޓަކައި އޭނާ ބުންޏެވެ، ފަހަރުގައި އެއީ މަސައްކަތު މީހާ ނުވަތަ އެހެން މީހަކަށް ވެދާނެއެވެ.

އޭނާ މަލިކް ސާހިބު ގާތު ބުންޏެވެ. “އަޅުގަނޑުގެ ދަރިފުޅުގެ ޝައްކު ފިލުވައިދިނުމަށްޓަކައި ތިޔަގޭގެ މަސައްކަތު މީހާއާ ބައްދަލުކޮށްލެވިދާނެ ހެއްޔެވެ؟” މަލިކް ސާހިބު ޒާހިދުވެސް މައްޗަށް ގެނައެވެ. އަދި މަސައްކަތު މީހާވެސް ގެނައެވެ. ޒާހިދު މަސައްކަތު މީހާއަށް ބަލާފައި ބުންޏެވެ. “މ އަހަންނަށް ކުޑަދޮރުން ފެންނަނީި ސޫރައެއް ނޫނެވެ..” މަސައްކަތު މީހާގެ ދަރިއަކުވެސް ނެތެވެ. ބަފަޔާއި ދަރިފުޅު މާޔޫސްވެގެން އެގެއިން ނިކުމެގެން ދިޔައެވެ. އޭގެ ފަހުން ޒާހިދު ދުވަހަކުވެސް އެ ކުޑަދޮރާ ދިމާލަކަށް ނުބަލައެވެ. ޚާން ސާހިބު ބައެއްފަހަރު ބަލާލި ނަމަވެސް، އެއްވެސް ސޫރައެއް ނުފެނެއެވެ. އަދި ކުޑަދޮރު އަބަދުވެސް ހުންނަނީ ބަންދުކޮށްފައެވެ. ޒާހިދު މިހާރު ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. އޭނާ ފެންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުންނަ ތަނެވެ. ހީވަނީ އޭނާއަށްވެސް އާދަޔާ ހިލާފު ކަމެއް އިހުސާސްވަނީ ހެންނެވެ. ނަމަވެސް އެ ވާހަކަ އެއްވެސް މީހަކާ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ.

އޭނާގެ ކޮއްކޮ ނުދްރަތު ބައެއްފަހަރު އަހަރެންގެ ގާތަށް އާދެއެވެ. އޭނާ ބުންޏެވެ. “އަހަރެންގެ ބޭބެއަށް ވީގޮތެއް ނޭނގެއެވެ. ކުރިން އޭނާއަކީ މިހާ ދެރަވެފައި ހުންނަ މީހެއް ނޫނެވެ. މިހާރު އޭނާ ކާއެއްޗެހިވެސް ނުކައެވެ. ސިއްހަތުވެސް ދަށަށް ދަނީއެވެ. ރައްޓެހިން އައުމުންވެސް ބައްދަލެއް ނުކުރެއެވެ.” އޭނާގެ މަންމަވެސް ޒާހިދަށްޓަކައި ދުވާލާއި ރޭގަނޑު ރޮނީއެވެ. އެއްދުވަހަކު ނުދްރަތު ބުންޏެވެ، ޒާހިދު ބަލިވެފައިވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ބުނަނީ އޭނާގެ އެއްވެސް ބައްޔެއް ނެތް ކަމަށެވެ. ހުރިހާ ރިޕޯޓެއްވެސް ރަނގަޅެވެ. އޭނާ ބުންޏެވެ. “ބޭބެއަށްޓަކައި ދުއާކޮށްދޭށެވެ. މިހާރު އޭނާ ވާހަކައެއްވެސް ނުދައްކައެވެ. ހީވަނީ މަންމަނެއް ހެންނެވެ. ހަމައެކަނި ހުސްކަމަށް ބަލަހައްޓައިގެން އިނދެއެވެ.”

މިހާރު ޒާހިދު ސައުވީސް ގަޑިއިރު ހުންނަނީ ގޭގައި ބަންދުވެފައެވެ. އަވަށްޓެރިންނަށްވެސް މިކަން ފާހަގަކުރެވުނެވެ. މީހުން އޭނާއަށް ޒިޔާރަތްކުރަން އައުމުން، އޭނާ ދުވެފައި ގޮސް ފާޚާނާގައި ފިލައެވެ. މިކަމުގެ ސަބަބުން މީހުން ބުނަން ފެށީ ޚާން ސާހިބުގެ ދަރިފުޅު މޮޔަވީ ކަމަށެވެ. މޮޅަށް ކިޔަވައިގެން ހުރި، ވަޒީފާ އަދާކުރާ އުމުރުގެ ޒުވާނަކު މީހުން ފެނުމުން ބިރުން ފިލާނަމަ މީހުން އެހެން ބުނާނެއެވެ. ޚާން ސާހިބު އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުން، ޑޮކްޓަރު ބުންޏެވެ. މިއީ ނަފްސާނީ ބައްޔެއް ކަމަށާއި ފަރުވާ ދޭންޖެހޭ ކަމަށެވެ. ދިން ބޭސްތަކަކީ ނިދާ ބޭސްތަކަކަށް ވުމުން، ޒާހިދު ގިނަ ވަގުތު އޮންނަނީ ނިދާފައެވެ. މި ފަރުވާއިންވެސް އޭނާ ރަނގަޅެއް ނުވިއެވެ. އޭނާގެ ހަނދާން ބަލިވެ، އަމިއްލަ މަންމަވެސް ބައެއްފަހަރު ނޭނގެއެވެ. އެންމެ ފަހުން އެމީހުން އެ ފަރުވާވެސް ހުއްޓާލިއެވެ. މި ހާލަތުގައި އުޅެނިކޮށް، ދުވަސްކޮޅެއް ފަހުން ޒާހިދު ނިޔާވެއްޖެއެވެ. ނުދްރަތު ވަރަށް ބޮޑަށް ރޮއެފައި ބުންޏެވެ. “އަސްލު ބަލި އެނގެނީ ހަމައެކަނި އަހަރެމެންނަށެވެ. އޭނާއަށް އިއްފަތުގެ ރޫހު ފެނުނީއެވެ. އެ ރޫހު އަހަރެންގެ ބޭބެ ގެންދިޔައީއެވެ.” މިހާރު އަހަރެން ވިސްނާލަމެވެ. މިއީ ދޮގެއް ނަމަ، މަރުވިތާ ދެ އަހަރު ފަހުންވެސް ޒާހިދަށް އިއްފަތް ކުޑަދޮރުގައި އިނދެގެން ހިނިތުންވާތަން ފެނުނީ ކީއްވެ ހެއްޔެވެ؟ އެއީ ޒާހިދުގެ ހީއެއް ނަމަވެސް، ކޮންމެވެސް އާދަޔާ ހިލާފު ކަމެއް އުޅޭނެއެވެ. ފަހަރުގައި އެ ދެމީހުންގެ މެދުގައި އޮތީ ހަގީގީ ލޯބި ކަމަށް ވެދާނެއެވެ. ކޮންމެއަކަސް، ކަންކަމުގެ ހަގީގަތް ދެނެވޮޑިގެންވަނީ މާތްﷲ އެވެ!

ނިމުނީ

ނޯޓް
މިއީ އުރުދޫ ބަހުން ލިޔެފައިވާ ވާހަކަ "އަދޫރީ މުހައްބަތު"ގެ ދިވެހި ތަރުޖަމާއެކެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top