ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހަމްޕްބެކް ވޭލް އެއް ކަނޑުތައް ހުރަސްކޮށް 15,000 ކިލޯމީޓަރުގެ ދަތުރެއް ކޮށް ސައިންސްވެރިން ހައިރާންކޮށްލައިފި

އޮސްޓްރޭލިއާ އާއި ބްރެޒިލްއާ ދެމެދު ދެ ހަމްޕްބެކް ވޭލް (ބޮޑުމަސް) މުޅި ކަނޑު ހުރަސްކޮށް ކުރި ދަތުރާއެކު، ހިޖުރަކުރުމުގެ އާ ރެކޯޑުތަކެއް ގާއިމުކޮށް ސައިންސްވެރިން ހައިރާންކޮށްލައިފިއެވެ. ސައިންސްވެރިން ވަނީ އިރުމަތީ އޮސްޓްރޭލިއާ އާއި ބްރެޒިލްގެ އައްސޭރިފަށުގެ އާލާވާ ސަރަހައްދުތަކުގެ ދެމެދުގައި މި ދިރުންތައް ދަތުރުކުރިކަން ފުރަތަމަ ފަހަރަށް ލިޔެކިޔުންތަކުން ކަށަވަރުކޮށްފައެވެ.

މި ހޯދުމުން ހާމަވި ގޮތުގައި، މި ވޭލްތައް ވަނީ 14,000 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑު ހުރަސްކޮށް ކަނޑުފަހަނައަޅާ ގޮސްފައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ވަކިވަކި ހަމްޕްބެކް ވޭލްތަކުގެ މެދުގައި ފާހަގަކުރެވުނު އެންމެ ދިގު ދަތުރުގެ ރެކޯޑެވެ.

“މިފަދަ ހޯދުންތަކަކީ އެތައް އަހަރަކަށް ދެމިގެންދާ ދިރާސާތަކާއި ބައިނަލްއަގުވާމީ އެއްބާރުލުމުގެ ނަތީޖާ، މި ވޭލްތަކުގެ ފޮޓޯ ނަގާފައިވަނީ އެތައް އަހަރެއްގެ ފަރަގަކާއެކު، ދުނިޔޭގެ ދެކޮޅުން ތަފާތު ދެ ކަނޑެއްގެ ތެރެއިން ތަފާތު މީހުން. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މިވަނީ އެ ދަތުރުތައް އެކަތި އަނެކައްޗާ ގުޅުވާލެވިފަ.” ގްރިފިތު ޔުނިވަރސިޓީގެ ޕީއެޗްޑީ ކެންޑިޑޭޓް އަދި މި ދިރާސާގެ އެއް މުސައްނިފު ސްޓެފަނީ ސްޓެކް ވިދާޅުވިއެވެ.

ދިހަވަރަކަށް އަހަރުގެ ފޮޓޯތަކުން ހާމަވި ބޮޑު ހިޖުރަ

މި ހޯދުން ހޯދުމަށްޓަކައި ސައިންސްވެރިން ވަނީ ވޭލްގެ ނިގޫފަތުގެ އެތައް ހާސް ފޮޓޯއެއް އަޅާކިޔާފައެވެ. ކޮންމެ ވޭލްއެއްގެ ނިގޫފަތުގައި ހުންނަ ކުރެހުމަކީ އިންސާނުންގެ އިނގިލީގެ ނިޝާން ފަދަ ޚާއްސަ އެއްޗަކަށް ވާތީ، ވަކިވަކި ވޭލްތައް ދެނެގަތުމަށް ސައިންސްވެރިން މި ފޮޓޯތައް ބޭނުންކުރެއެވެ. މިގޮތުން ކުރި މަސައްކަތުން، އިރުމަތީ އޮސްޓްރޭލިއާ އާއި ބްރެޒިލްއިން ވެސް ފެނިފައިވަނީ އެއް ވޭލްތަކެއް ކަން ވަނީ ކަށަވަރުވެފައެވެ.

އޭގެ ތެރެއިން އެއް ވޭލް އެންމެ ފުރަތަމަ ފޮޓޯ ނަގާފައިވަނީ 2007 ވަނަ އަހަރު ކުއީންސްލޭންޑްގެ ހާވީ ބޭއިންނެވެ. އޭގެ ފަހުން 2013 ގައި އެ ސަރަހައްދުން އަލުން ފެނުމަށްފަހު، 2019 ވަނަ އަހަރު ބްރެޒިލްގެ ސައޮ ޕައުލޯގެ އައްސޭރިން ވަނީ ފެނިފައެވެ. މި ދެ ސަރަހައްދުގެ ދެމެދުގައި ހުރި ސީދާ ރާސްތާއަކީ ގާތްގަނޑަކަށް 14,200 ކިލޯމީޓަރެވެ. މިއީ ސިޑްނީ އާއި ލަންޑަނާ ދެމެދު ހުންނަ ރާސްތާއާ އެއްވަރުގެ ދުރުމިނެކެވެ. ނަމަވެސް، ސައިންސްވެރިންނަށް އެނގެނީ ހަމައެކަނި ފޮޓޯ ނެގި ތަންތަން ކަމަށްވެފައި، އެ ސޮރު ދަތުރުކުރި ސީދާ މަގު ނޭނގޭތީ، ހަގީގަތުގައި އެ ސޮރު ދަތުރުކޮށްފައިވާނެ ދުރުމިން މިއަށްވުރެ މާ ބޮޑުވުން އެކަށީގެންވެއެވެ.

މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ދިގު ހަމްޕްބެކް ވޭލްގެ ދަތުރު

ދެވަނަ ވޭލް ވަނީ މިއަށްވުރެ ވެސް ހައިރާންކުރުވަނިވި ރެކޯޑެއް ގާއިމުކޮށްފައެވެ.

ދިރާސާވެރިން އެންމެ ފުރަތަމަ މި ވޭލްގެ ފޮޓޯ ނަގާފައިވަނީ 2003 ވަނަ އަހަރު ބްރެޒިލްގެ ބަހިއާ އައްސޭރިފަށުގައިވާ އަބްރޮލްހޯސް ބޭންކުންނެވެ. އެއީ ބްރެޒިލްގައި ހަމްޕްބެކް ވޭލްތައް ވިހާ އާލާވާ މައިގަނޑު ސަރަހައްދެވެ. އެ ދުވަސްވަރު އެ ސޮރު ފެނިފައިވަނީ ނުވަ ވޭލްގެ ހަރަކާތްތެރި ގްރޫޕެއްގެ ތެރެއިންނެވެ.

އޭގެ ބާވީސް އަހަރު ފަހުން، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ހަމަ އެ ވޭލް ވަނީ އޮސްޓްރޭލިއާގެ ހާވީ ބޭއިން އެކަނި އޮއްވާ ފެނިފައެވެ. މި ދެ ފަހަރު ފެނުނު ތަންތަނުގެ ދެމެދުގައިވާ ދުރުމިނަކީ ގާތްގަނޑަކަށް 15,100 ކިލޯމީޓަރެވެ. މިއީ އެއް ވޭލްއެއް ދެ ތަނަކުން ފެނުނު ދެމެދުގައިވާ ދުރުމިނަށް ބަލާއިރު، މިހާތަނަށް ދުނިޔޭގައި ރެކޯޑުކުރެވުނު އެންމެ ދިގު ރާސްތާއެވެ.

މި ސިއްރު ހޯދުމުގައި އާންމުންގެ އެހީތެރިކަން

މި ދިރާސާ ބިނާވެފައިވަނީ 1984 އާއި 2025 އާ ދެމެދު އިރުމަތީ އޮސްޓްރޭލިއާ އާއި ލެޓިން އެމެރިކާއިން އެއްކުރެވުނު 19,283 ފޮޓޯގެ މައްޗަށެވެ. މީގެ ތެރޭގައި ޕްރޮފެޝަނަލް ދިރާސާވެރިންނާއި، ‘ހެޕީވޭލް’ ކިޔާ ބައިނަލްއަގުވާމީ ޕްލެޓްފޯމެއް މެދުވެރިކޮށް އާންމުން ހިއްސާކޮށްފައިވާ ފޮޓޯތައް ހިމެނެއެވެ.

ސައިންސްވެރިން ވަނީ އޮޓޮމޭޓެޑް އިމޭޖް ރިކޮގްނިޝަން ސިސްޓަމެއް ބޭނުންކޮށްގެން މި ހުރިހާ ފޮޓޯތަކެއް ސްކޭންކޮށް، އެއްގޮތް ފޮޓޯތަކެއް ހުރިތޯ ބަލާފައެވެ. އަދި ދިމާވާ ކޮންމެ ފޮޓޯއެއް ސައިންސްވެރިން ވަނީ ވަކިވަކިން އަލުން ޗެކްކޮށް ކަށަވަރުކޮށްފައެވެ.

ޕެސިފިކް ވޭލް ފައުންޑޭޝަނުގެ އިސް ދިރާސާވެރިޔާ ޑރ. ކްރިސްޓީނާ ކާސްޓްރޯ ވިދާޅުވީ، “މި ދިރާސާއިން ހާމަވަނީ އާންމު ރައްޔިތުންގެ ފަރާތުން ލިބޭ މައުލޫމާތާއި ފޮޓޯތަކުގެ މުހިންމުކަން. ކޮންމެ ފޮޓޯއަކީ ވެސް ވޭލްގެ ދިރިއުޅުން ދެނެގަތުމަށް ލިބޭ މުހިންމު އެހީއެއް. މީގެ ސަބަބުން މިހާތަނަށް ފެނުނު އެންމެ އާދަޔާޚިލާފު ހިޖުރަކުރުންތައް ހާމަވެގެން މިދިޔައީ.”

ނާދިރު ދަތުރުތަކެއްގެ މުހިންމުކަން

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިފަދަ ދިގު ދަތުރުތަކަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ހަތަރު ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދެނެގަނެވުނު ގާތްގަނޑަކަށް 20,000 ވޭލްގެ ތެރެއިން އޮސްޓްރޭލިއާ އާއި ބްރެޒިލްއާ ދެމެދު ދަތުރުކޮށްފައިވަނީ އެންމެ ދެ ވޭލްއެވެ. މިއީ މުޅި ޖުމްލަ އާބާދީގެ އެންމެ 0.01 އިންސައްތައެވެ.

“މިއީ ނާދިރު ކަމެއް ނަމަވެސް، ވޭލްގެ އާބާދީ ދިގު މުއްދަތަކަށް ދެމެހެއްޓުމަށް މިފަދަ ގުޅުންތައް މުހިންމު،” ސްޓެކް ވިދާޅުވިއެވެ. “މިގޮތަށް ދުރު ސަރަހައްދުތަކަށް ދަތުރުކުރާ ވޭލްތަކުގެ ސަބަބުން ޖެނެޓިކް ސިންދަފާތުކަން (genetic diversity) ހިފެހެއްޓުމަށް އެހީތެރިވެދޭ. އަދި އެއް ސަރަހައްދެއްގެ ވޭލްތައް ލަވަކިޔާ ގޮތް ނުވަތަ ‘މިއުޒިކް’ އަނެއް ސަރަހައްދަށް ފެތުރުމުގައި ވެސް މީގެ ދައުރެއް އޮވެދާނެ.”

އެންޓާކްޓިކާގެ ކާނާ ހޯދާ ސަރަހައްދުތަކުން ޖަވާބު ލިބިދާނެ

މި ހޯދުންތަކުން ބާރު ލިބެނީ ސައިންސްވެރިން ގަބޫލުކުރާ “ސަދަން އޯޝަން އެކްސްޗޭންޖް” ތިއަރީއަށެވެ. މި ތިއަރީ ބުނާގޮތުން، ތަފާތު ސަރަހައްދުތަކަށް ނިސްބަތްވާ ވޭލްތައް އެންޓާކްޓިކާގެ ފިނި ފެނުގައި ކާނާ ހޯދަން އުޅުމުގެ ތެރޭގައި އެކަތި އަނެކައްޗާ ބައްދަލުވެއެވެ. އަދި އެނބުރި ދާއިރު، ބައެއް ވޭލްތަކަށް އޮޅިގެން ނުވަތަ ގަސްތުގައި ތަފާތު ހިޖުރަކުރުމުގެ މަގަކުން ގޮސް އާ ސަރަހައްދަކަށް ދެވެނީއެވެ.

ދިރާސާވެރިން ލަފާކުރާ ގޮތުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ އާދަޔާޚިލާފު ދަތުރުތައް އިތުރުވުން އެކަށީގެންވެއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ އައިސް ފަށަލައަށް އަންނަ ބަދަލުތަކާއި، ވޭލްގެ މައިގަނޑު ކާނާ ކަމަށްވާ ‘ކްރިލް’ ފެންނަ ސަރަހައްދުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ވޭލްތައް ކަނޑު ހުރަސްކޮށް މިފަދަ ދިގު ދަތުރުތައް ކުރުމަށް މަޖުބޫރުވެދާނެއެވެ.

މި ދިރާސާ “First evidence of bidirectional exchange between distant humpback whale breeding populations in eastern Australia and Brazil” މިހާރު ވަނީ ‘ރޯޔަލް ސޮސައިޓީ އޯޕަން ސައިންސް’ މަޖައްލާގައި ޝާއިޢުކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top