ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އަސަރުގަދަ ލަވަތަކުގެ ތެރޭގައި ހިމެނޭ “ހަމް ދިލް ދޭ ޗުކޭ ސަނަމް”ގެ “ތަޅަޕް ތަޅަޕް ކޭ” އަކީ އަސްލު އެ ފިލްމަށް އުފެއްދި ލަވައެއް ނޫން ކަމަށް މިއުޒިކް ކޮމްޕޯޒަރ އިސްމާޢީލް ދަރުބާރް ހާމަކޮށްފިއެވެ.
މި ފަހަރުގެ “އިންޑިއަން އައިޑޮލް” ގެ އެޕިސޯޑެއްގައި ވާހަކަދައްކަމުން އިސްމާޢީލް ދަރުބާރް ބުނީ، މި ލަވަޔަކީ 1999 ވަނަ އަހަރު ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު “ހަމް ދިލް ދޭ ޗުކޭ ސަނަމް” ގެ މަސައްކަތް އޭނާއަށް ލިބުމުގެ ކުރިން އެހެން ބޮޑު ފިލްމަކަށް ތައްޔާރުކުރި “ސްކްރެޗް” ޓްރެކެއް ކަމަށެވެ.
އޭނާގެ ދިރިއުޅުމުގެ އުނދަގޫ ދުވަސްވަރެއްގައި އުފެއްދި މި ލަވަ ބަންސާލީއަށް އިއްވުމުން، އެއީ ފިލްމުގެ އެންމެ މުހިންމު ވަގުތުތައް ނިންމުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަން ކަމަށް ބަންސާލީ ބުނި ކަމަށް އިސްމާޢީލް ހާމަކުރިއެވެ. ބަންސާލީ ބުނި ގޮތުގައި، އެ ލަވަ އަޑުއިވުމާއެކު ފިލްމުގެ އިންޓަވަލް އަންނާނެ ތަނާއި ފިލްމު ނިމޭނެ ގޮތް އޭނާއަށް ސިފަވެ، ފިލްމު ފުރިހަމަވެއްޖެކަމުގެ އިޙުސާސް ކުރެވުނެވެ.
މި ލަވަ ކިޔާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭކޭއާ ބެހޭގޮތުން ވާހަކަދައްކަމުން އިސްމާޢީލް ބުނީ، ފުރަތަމަ މި ލަވަ އަޑުއިވުމުން މިއީ އޭނާގެ ސްޓައިލްގެ ލަވައެއް ނޫން ކަމަށް ބުނެ ކޭކޭ ލަވަކިޔަން ފަސްޖެހުނު ކަމަށެވެ. ނަމަވެސް، ކޭކޭގެ އަޑުގެ ރޭންޖަށް އިތުބާރު އޮތް ކަމަށް ބުނެ، ހަމައެކަނި ލަވަކިޔުމަށް އިސްމާޢީލް ބާރުއެޅިއެވެ.
މި ލަވައިގެ ރެކޯޑިންގ ނިމުނު ވަގުތުވީ ވަރަށް އަސަރުގަދަ ވަގުތަކަށެވެ. އިސްމާޢީލް ހާމަކުރި ގޮތުގައި، ލަވަ އަޑުއަހާފައި އެންމެ ފުރަތަމަ ރޯން ފެށީ ކޭކޭގެ އަނބިމީހާއެވެ.
ސަލްމާން ޚާން އާއި އައިޝްވާރިޔާ ރާއީ ފެނިގެންދާ މި ލަވަޔަކީ މިއަދުވެސް ހިންދީ ސިނަމާގައި ލޯބީގެ ނާކާމިޔާބީއާ ގުޅުވައިގެން ކިޔާ އެންމެ މަގުބޫލު އެއް ލަވައެވެ. މިއީ ކޭކޭގެ މިއުޒިކީ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
