ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗުން ފަސޭހަކަމާއިއެކު އެމެރިކާ މޮޅުވެއްޖެއެވެ.
މެކްސިކޯ އާއި އެމެރިކާ އަދި ކެނެޑާގައި ބާއްވާ މިއަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ މެޗުގައި ބައްދަލުކުރީ އެމެރިކާ އާއި ޕެރަގުއޭއެވެ.
އަމިއްލަ ޤައުމުގައި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެމެރިކާއިން ކުޅުނު މި މެޗު އެ ޓީމުން ފެށީ ވަރުގަދަކޮށެވެ. މެޗު ފެށުމާއިއެކު އެމެރިކާއިން ޕެރަގުއޭގެ ޑިފެންސަށް ބާރުބޮޑު ކުރަން ފެށިއެވެ. ގާތްގާތުގައި ރަނގަޅު ފުރުސަތު ހޯދިއެވެ.
މެޗުގެ ފުރަތަމަ ލަނޑު އެމެރިކާއިން ޖެހީ ހަތްވަނަ މިނިޓްގައެވެ. މި ލަނޑަކީ އެމެރިކާއިން އުފެއްދި ހަމަލާއެއް ހުއްޓުވަން މަސައްކަތްކުރި ޕެރަގުއޭގެ ޑާމިއަން ބޮބަޑިއްލާ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅުނީ އެމެރިކާއެވެ. އެ ޓީމުގެ ފަރާތުން ރީތި ޕާސިންގް ގޭމެއް ފެނުނު މި މެޗުގައި އެ ޓީމުން ޖެހި ދެވަނަ ލަނޑު ޖެހީ 31 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ފޮލަރިން ބަލޮގުންއެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ޕެރަގުއޭއަށް ފުރުސަތެއް ފަހި ކުރެވޭ ވަރަށްވުރެ އެމެރިކާގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އެމެރިކާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ފޮލަރިން ބަލޮގުންއެވެ.
ފުރަތަމަ ހާފު ނިމުނީ 3-0 އިން އެމެރިކާ ކުރީގައި އޮވެއެވެ.
ދެވަނަ ހާފު ވެސް ފަށައިގެން ރަނގަޅަށް ކުޅުނީ އެމެރިކާއެވެ.
ދޭތެރެއަކުން ކުޅުން ރަނގަޅުކުރި ޕެރަގުއޭއިން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ދެވަނަ ހާފުގައި ކުޅެފައެވެ. އަދި ފުރުސަތުތައް ވެސް ހޯދައިފައެވެ.
ޕެރަގުއޭއިން އެ ޓީމުގެ ލަނޑު ޖެހީ 73 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މައުރީސިއޯއެވެ.
ލަނޑުގެ ތަފާތު ކުޑަކޮށްލަން ޕެރަގުއޭއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް އެންމެ އެދެވޭ ގޮތެއްގައި ނުކުރެވުނެވެ.
މެޗު ނިމުމުގެ ކުރިން އެމެރިކާއިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖިއޯ ރެއިނާއެވެ.
