ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިން ހަވަނަ މެޗުން މޮޅުވެ ޓީސީން އުންމީދު އާކޮށްފިއެވެ.
ކޮލިފައިންގެ ހަވަނަ މެޗުގައި ބައްދަލުކުރީ ހއ. ދިއްދޫ އާއި ޓީސީ ސްޕޯރޓްސް ކުލަބެވެ.
މިއީ ކޮލިފައިންގައި މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ޓީސީގެ ފުރަތަމަ މެޗު އެއްވަރު ވެފައިވާއިރު، ދިއްދޫ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ.
ޓީސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގެ ނުވަވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑު ނަގައިފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ. ދިއްދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ދިއްދޫގެ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ދިއްދޫ ކީޕަރުގެ އަތް ކައިރިން ތިރިތިރިންނެވެ.
ދިއްދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް ޓީސީން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ.
40 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބޮޑޫ ޕްރިންސްއެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ޓީސީން އުފައްދަން މަސައްކަތްކުރި ހަމާލާ ހުއްޓުވަން މަސައްކަތްކުރި ދިއްދޫ ޓީމުގެ ދެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކަކާއި ގުޅިގެން، މުޅިން ހުސްކޮށް އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު 2-0 އިން ޓީސީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ޓީސީއެވެ.
ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ޓީސީން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 54 ވަނަ މިނިޓްގައެވެ. ޓީސީގެ މި ލަނޑަކީ އެ ޓީމުގެ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ބޮޑޫ ޕްރިންސްއަށް ޖައްސާލި ބޯޅަ ދިފާޢުކުރަން މަސައްކަތްކުރި ދިއްދޫ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
3-0 އިން ޓީސީ މޮޅުވި މި މެޗާއިއެކު ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފައެވެ.
މިހާރު ޕޮއިންޓް ޓޭބަލް އޮތްގޮތަށް ބަލައިލާއިރު އެއްވަނައިގައި އޮތީ ބިސްބުރު ސްޕޯރޓްސް ކުލަބެވެ. ބިސްބުރާއި އެއްވަރަށް ޕޮއިންޓާއި ފައިދާ ގޯލް ލިބިފައިވީ ނަމަވެސް، ޓީސީ ދެވަނައިގައި އޮތީ ޖެހި ގޯލުގެ އަދަދު ބިސްބުރަށްވުރެ މަދުވުމުންނެވެ. ގައްދޫ އާއި ދިއްދޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސް އާއި ހުރާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގެ މެޗެއް ދެން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. މި މެޗުގައި ބައްދަލު ކުރާނީ ހުރާ އާއި ދިއްދޫއެވެ.
