އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި އޮސްޓްރޭލިޔާއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެއެވެ.
ސައުވީސް އަހަރަށްފަހު ވޯލްޑްކަޕުން ޖާގަ ހޯދި ތުރުކީ އާއި އޮސްޓްރޭލިޔާ ބައްދަލުކުރި މި މެޗު ކުޅެފައިވަނީ ކެނެޑާގައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައި ކުޅެފައިވާ ތުރުކީގެ ފަރާތުން މި މެޗުގައި ވެސް ފެނުނީ މޮޅު ކުޅުމެކެވެ. މުޅި މެޗަށް ބަލާއިރު އެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ޓީމުން އަށާވީސް ހަމަލާ ފޮނުވާލާފައިވާއިރު ހަތް ހަމަލާ ވަނީ ގޯލާއި އަމާޒުވެފައެވެ.
މުޅި ޓީމު އެކުގައި ކަހަލަ ގޮތަކަށް އެ ޓީމުގެ ހާފުތެރޭ ތިބެ، ކުޅެމުންދިޔަ އޮސްޓްރޭލިޔާއިން އިސްކަން ދިނީ ލިބޭ ފުރުސަތުގައި ގިނަ ކުޅުންތެރިންތަކެއް ކުރިޔަށް އަރައި ލަނޑެއް ޖެހޭތޯއެވެ. އެ ޓީމުން ބޭނުންވި ފުރުސަތު މަދުން ނަމަވެސް ލިބުނު އޮސްޓްރޭލިޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ 27 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނެސްޓޯރީ އިރަންކުންޑާއެވެ.
މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދި ތުރުކީގެ ހަމަލާތައް ހުއްޓުވުމުގައި އޮސްޓްރޭލިޔާގެ ކީޕަރ ޕެޓްރިކް ބީޗް ދައްކާފައިވާ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.
މި މެޗުގެ ފުރަތަމަ ހާފު 1-0 އިން އޮސްޓްރޭލިޔާ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ތުރުކީއެވެ.
ދެވަނަ ހާފުގައި ވެސް އޮސްޓްރޭލިޔާއިން އިސްކަން ދިނީ ކައުންޓާރ އެޓޭކަށެވެ.
އޮސްޓްރޭލިޔާއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 75 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯނާ މެޓްކާފްއެވެ.
2-0 އިން މޮޅުވެ މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު އޮސްޓްރޭލިޔާ މިވަނީ ގުރޫޕް ޑީ ގެ ދެވަނައަށް ޖެހިލައިފައެވެ. މި ގުރޫޕްގައި ހިމެނޭ ހަތަރު ޓީމުންކުރެ ކޮންމެ ޓީމެއް އެއް މެޗު ކުޅެފައިވާ ގުރޫޕްގެ އެއްވަނައިގަ އޮތީ އެމެރިކާއެވެ. ދެވަނައިގައި އޮސްޓްރޭލިޔާ އޮތްއިރު ތިންވަނައިގައި އޮތީ ތުރުކީއެވެ. ހަތަރުވަނަ ޓީމަކީ ޕެރަގުއޭއެވެ.
