ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެލްނީނޯގެ އަސަރު ސްރީލަންކާއަށް ކުރާނީ ވަރަށް ކުޑަކޮށް: ތަޖުރިބާކާރުން

ޕެސިފިކް ކަނޑުގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެއް ކަމަށްވާ “އެލްނީނޯ” ގެ އަސަރު ސްރީލަންކާއަށް ކުރާނީ ވަރަށް ކުޑަކޮށް ކަމަށް އެ ގައުމުގެ މޫސުމީ ތަޖުރިބާކާރުން ބުނެފިއެވެ.

ސްރީލަންކާގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ސެކްރެޓޭރިއަޓްގެ ޑިރެކްޓަރު ލީލް ރަންދެނިޔާ ވިދާޅުވީ، އެލްނީނޯގެ އެއްވެސް އަސަރެއް ފެންނަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ކަމަށް މޫސުމާ ބެހޭ މާހިރުން ލަފާކުރާ ކަމަށެވެ.

މިހާރު ސްރީލަންކާއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ އަސަރު ކަމަށާއި، މި މޫސުން ސެޕްޓެމްބަރު މަހާ ހަމައަށް ދެމިއޮންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޖުލައި އަދި އޮގަސްޓް މަހު ދޭތެރެއަކުން ވާރޭ ވެހުނު ނަމަވެސް، ޖުމްލަގޮތެއްގައި އެ ދުވަސްވަރު ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް ބެލެވެއެވެ. އަދި އޮކްޓޯބަރުން ނޮވެމްބަރަށް އަންނަ މޫސުމަކީ އެ ގައުމަށް އަހަރަކަށް ލިބޭ ވާރޭގެ ގާތްގަނޑަކަށް 30 އިންސައްތަ ހިއްސާކުރާ ދުވަސްވަރެކެވެ.

ރަންދެނިޔާ ތަފްސީލުކޮށްދެއްވި ގޮތުގައި، އިންޑިއާ ކަނޑުގައި ސްރީލަންކާ އޮތް ސަރަހައްދާއި އެ ގައުމުގެ މެދުތެރޭގެ ފަރުބަދަތަކުގެ ސަބަބުން ވައިގެ ތެތްކަން ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. “ލަންކާ ވަށައިގެން ކަނޑު އޮތުމާއި މެދުތެރޭގައި ފަރުބަދަތައް ހުރުމުން، ވައިގެ ތެތްކަން ކުޑައެއް ނުވޭ. އެހެންކަމުން އެލްނީނޯގެ ސަބަބުން ބޮޑު އަސަރެއް ކުރުމުގެ ފުރުސަތު ކުޑަ،” އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އިރުއުތުރު މޫސުމުގައި އެލްނީނޯގެ އަސަރެއް ފެނިއްޖެނަމަ، ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެން އިގްތިސާދު ކުރުމަށް ތައްޔާރުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ނަސޭހަތްތެރިވިއެވެ. އާންމު ރައްޔިތުން ޒިންމާދާރުކަމާއެކު ފެން ބޭނުންކުރުމަށާއި، ކުރިމަތިވެދާނެ މޫސުމީ ގޮންޖެހުންތަކަށް ހަމަޖެހިގެން ރޭވުންތެރިކަމާއެކު އިޖާބަދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، ކުރިމަތިވެދާނެ ކޮންމެ ހާލަތެއްވެސް ވަރަށް ފުރިހަމައަށް މެނޭޖްކުރުމުގެ ގާބިލުކަން ސްރީލަންކާގައި ހުރި ކަމުގެ އިތުބާރު އޮތް ކަމަށްވެސް ރަންދެނިޔާ ވިދާޅުވިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top