މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު މޮޅު ޖަރުމަނު ހޯދައިފިއެވެ.
ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކިއުރަސާއޯއާ ޖަރުމަން ބައްދަލުކުރި މެޗުން ޖަރުމަނު މޮޅުވީ 7-1 އިންނެވެ. މި މެޗަކީ މިއަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ތަފާތުބޮޑު ނަތީޖާއެވެ.
މެޗު ފެށިގޮތަށް ލަނޑެއް ޖެހޭތޯ ޖަރުމަނުން މަސައްކަތްކުރިއިރު، ކިއުރަސާއޯއިން އިސްކަން ދިނީ ބައިކޮޅަށް ގޯލެއް ވަނަ ނުދިނުމަށެވެ. މުޅި ޓީމު އެ ޓީމުގެ ހާފުތެރޭގައި ތިބެގެން ކުޅެމުންދިޔަ ކިއުރަސާ ކޮޅަށް ގޯލެއް ޖެހުމަށް ލިބުނު ފުރަތަމަ ތިން ހަތަރު ފުރުސަތުގެ ބޭނުން ޖަރުމަނަށް ހިފޭގޮތެއް ނުވިއެވެ.
ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ޖަރުމަނުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ 9 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފެލިކްސް އެންމެޗާއެވެ.
ފަސޭހަކަމާއިއެކު މެޗުގެ ކުރީކޮޅު ކާމިޔާބު ކުރެވުނު މި ލަނޑާއިއެކު ޖަރުމަނު ޓީމުން ކޮންމެވެސް ވަރަކަށް މަޑުޖެހިލިއެވެ.
ވޯލްޑް ކަޕްގައި ކުޅޭ އެންމެ ކުޑަ ޤައުމުގެ ގޮތުގައި އޮތް ކިއުރަސާއޯއިން، ޖަރުމަނުގެ ލަނޑަށްފަހު ކުޅުން ރަނގަޅު ކުރިއެވެ. ލިބުނު މަދު ފުރުސަތުގައި ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އަރައި ލަނޑެއް ޖެހޭތޯ މަސައްކަތް ފެށިއެވެ.
ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ނުލިބުނު ކިއުރަސާއޯއިން އެ ޓީމަށް ލިބުނު ދެވަނަ ފުރުސަތުގައި ޖަރުމަނު ސިއްސުވާލިއެވެ. 23 ވަނަ މިނިޓްގައި ކިއުރަސާއޯއަށް މި ލަނޑު ޖަހައިދިނީ ކޮމެނެންސިއާއެވެ. ކޮމެނެންސިއާ ފޮނުވާލި ބޯޅަ ޖަރުމަނުގެ ގޯލަށް ވަނީ ޖަރުމަނު ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
ދެވަނަ ފަހަރަށް ޖަރުމަނުން ލީޑު ނެގީ 37 ވަނަ މިނިޓްގައެވެ. އެ ޓީމަށް ލިބުނު ކޯނަރުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ޖަރުމަނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ނިކޯ ޝްލޮޓަބެކްއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކިއުރަސާއޯއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.
ދެވަނަ ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނު ޖަރުމަނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާފައެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ޖަރުމަނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ.
ދެވަނަ ހާފުގައި މޮޅަށް ކުޅުނު ޖަރުމަނުން ވަނީ ދެވަނަ ހާފު ފެށިތަނުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖަމާލް މުސިއާލާއެވެ.
ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރަމުން ދިޔަ ޖަރުމަނުން އެ ޓީމުގެ ފަސްވަނަ ލަނޑު ޖެހީ ނަތަނިއެލް ބުރައުންއެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ޖަރުމަނުން ވަނީ އެ ޓީމުގެ ހަވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ޑެނިޒް އުންޑޭވްއެވެ.
މުޅި މެޗު އެ ޓީމުގެ ކޮންޓްރޯލްގެ ދަށުގައި ބާއްވައިގެން ކުޅުނު ޖަރުމަނުން ވަނީ މެޗު ނިމުމުގެ ކުރިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖަހާފައެވެ. 88 ވަނަ މިނިޓްގައި ކައި ހަވާޓްޒް ޖަހައިދިން އޭނާގެ ދެވަނަ ލަނޑު ވެގެން ދިޔައީ މެޗުގައި ފެނުނު އެންމެ ރީތި އެއް ލަނޑަށެވެ.
މި ގުރޫޕްގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 4 ޖަހާއިރުއެވެ. މި މެޗުގައި ބައްދަލުކުރާނީ އައިވަރީ ކޯސްޓާއި އިކުއެޑޯއެވެ.
