ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އައު ފިލްމު “ޖަންނަތު” ރިލީޒްކުރާ ޓިކެޓް ބުކިންގްއަށް މިއަދު ހުޅުވާލައިފިއެވެ.
ފިލްމު ބަލަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އޮންލައިންކޮށް ޓިކެޓް ރިޒާވް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޓިކެޓް ބުކް ކުރުމަށްޓަކައި 9911229 މި ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖެއް ފޮނުވަން ޖެހެއެވެ. މެސެޖުގައި ހިމަނަންޖެހޭ ތަފްސީލުތަކަކީ:
- ފިލްމު ބަލަން ބޭނުންވާ ތާރީޚް
- ބޭނުންވާ ސީޓުގެ އަދަދު
- ގުޅޭނެ ފޯނު ނަންބަރު
މި މަޢުލޫމާތުތައް ފޮނުވުމުން ބުކިންގް ކަށަވަރުކޮށްދޭނެ ކަމަށް ޑާކް ރެއިން އެންޓަޓެއިންމަންޓުން ބުނެއެވެ.
ފިލްމު “ޖަންނަތު” އޮލިމްޕަސް ސިނަމާގައި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ. މި ފިލްމަކީ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކެއްގެ ތެރެއިން އުފާވެރިކަމާއި ހަމަޖެހުން ހޯދަން ކުރާ ދަތުރެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.
“ޖަންނަތު”ގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ޝަރަފުއްދީން ޢަބްދުﷲ، އާމިނަތު ޝުހާ، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)، އާއިދާ، އަންޖީ އަދި ޓައިޓްލް ރޯލުން ފެނިގެންދާ މަހްރީން މުޙައްމަދު ޢަލީއެވެ.
ޢާއިޝަތު ފުވާދު ތައުފީޤް އަދި އަޙްމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ “ޖަންނަތު” ޑައިރެކްޓްކޮށް އެޑިޓްކުރަނީ މޮޅު އުފެއްދުންތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ޢަލީ ޝިފާއު (ޗިއްޕެ) އެވެ. ޕްރޮޑިއުސްކުރީ މުޙައްމަދު ޢަލީ (މޮގާ) އާއި ޢާއިޝަތު ފުވާދު ތައުފީޤެވެ.
ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލާލާއިރު، ސިނެމަޓޯގްރަފީގެ މަސައްކަތް ކުރަނީ އަޙްމަދު ޒިފާފް (ޒިއްޕެ) އެވެ. ޙަސަން އާދަމްގެ މޭކަޕްތައް ފެނިގެންދާއިރު، ޓެކްނިކަލް އިންޗާޖެއްގެ ގޮތުގައި މަސައްކަތްކުރަނީ އުމަރު އަޝްފާޤެވެ. އަދި ފިލްމުގެ މާކެޓިންގ ހެޑަކީ ހޫދު އިބްރާހީމެވެ.
ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމުތަކަކޭ އެއްފަދައިން މި ފިލްމަކީ ވެސް ފެންވަރު ރަނގަޅު، ބަލާލަން ހިތްގައިމު އުފެއްދުމަކަށް ވާނެކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ.
