ފީފާ ވޯލްޑް ކަޕްގައި ޓިއުނީޝިއާގެ މައްޗަށް 5-1 ގެ ބޮޑު ތަފާތަކުން ކުރި ހޯދައި، ސްވިޑެން އިން މުބާރާތުގެ ފެށުން ވަރަށް ވަރުގަދަކޮށްފިއެވެ.
އެންމެ ފަހުން ބޭއްވި ގަތަރު ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު ނަމަވެސް، މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ހޯދި ތިން ޕޮއިންޓާއެކު ސްވިޑެން މިހާރު އޮތީ ގުރޫޕް އެފްގެ އެއްވަނައިގައެވެ. މި ގުރޫޕްގައި ހިމެނޭ ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު، ހަތްވަނަ މިނިޓުގައި ސްވިޑެން އިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔަސީން އަޔާރީއެވެ. މިއީ ވިކްޓާ ޔޯކެރޭޒް ފޮނުވާލި ބޯޅައެއް ޓިއުނީޝިއާގެ ޑިފެންޑަރު ބްލޮކް ކުރި ވަގުތު އޭރިއާ ބޭރުން ލިބުމުން އަޔާރީ ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 30 ވަނަ މިނިޓުގައި އެލެކްޒެންޑާ އީސާކް ވަނީ ސްވިޑެންގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ.
ޓިއުނީޝިއާ އިން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޅުން ރަނގަޅުކޮށް، 43 ވަނަ މިނިޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަކުރިއެވެ. ހަނިބަލް މެޖްބްރީ ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އޮމަރު ރެކީކްއެވެ.
ދެވަނަ ހާފުގައި ސްވިޑެން އިން އަލުން މެޗުގެ ކޮންޓްރޯލް ހޯދައި، 59 ވަނަ މިނިޓުގައި ވްކްޓޯ ޔޯކެރޭސް ވަނީ އެ ޓީމަށް ތިންވަނަ ލަނޑު ޖަހައިދީފައެވެ. ސްވިޑެންގެ ހަތަރުވަނަ ލަނޑު 84 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަޓިއަސް ސްވަންބާގްއެވެ. އޭނާ މި ލަނޑު ޖެހީ ކުޅެން ނުކުތްތާ އެންމެ 18 ސިކުންތު ތެރޭގައެވެ. މި ލަނޑު ޖެހި ވަގުތު އޮފްސައިޑް ކަމަށް ފުރަތަމަ ނިންމި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ސައްޙަ ލަނޑެއް ކަމަށް ނިންމާފައެވެ.
މި މެޗުގައި ޔޯކެރޭސް އާއި އީސާކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ޔޯކެރޭސް ވަނީ އީސާކް ޖެހި ގޯލު އެސިސްޓް ކޮށްދީފައެވެ. އަދި އީސާކް ވަނީ ޔޯކެރޭސް އާއި ސްވަންބާގް ޖެހި ގޯލުތައް ކާމިޔާބުކުރުމަށް އެހީތެރިވެދީފައެވެ.
ސްވިޑެންގެ ފަހު ލަނޑު، އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖެހި އަޔާރީއެވެ. ޓިއުނީޝިއާ އާއި މޮރޮކޯ ނަސްލަށް ނިސްބަތްވާ ނަމަވެސް ސްވިޑެންއަށް އުފަން އަޔާރީ، އޭނާގެ ފުރަތަމަ ގޯލަށްފަހު އުފާފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ގޯލަށް ފަހު އޭނާ ވަނީ ޝުކުރުގެ ސަޖިދައެއް ކޮށްފައެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި، މިރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްޕެއިން އާއި ކަބޯ ވާޑޭއެވެ.
