ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކާހބޯ ވެރްޑޭގެ ތާރީޚީ ވޯލްޑް ކަޕް ދަތުރު: އުފަލާއި ހައިރާންކަމުން ފުރިގެންވާ އުންމީދީ ފެށުމެއް

ޖޫން މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު، ބޮސްޓަންގެ ލޯގަން އެއާޕޯޓުގެ އިންޓަނޭޝަނަލް އެރައިވަލްސްއިން ފެނިގެންދިޔައީ އާދަޔާޚިލާފު މަންޒަރެކެވެ. ސަތޭކައެއްހާ މީހުން ދިދަ ހިފައިގެން، ކަރުގައި އޮޮޅާލާ ފޮށާ އަޅައިގެން، ލަވަކިޔައި އުފާފާޅުކުރަމުން ދިޔައީ ކޮންމެވެސް ބޮޑު ކަމެއް ފާހަގަކުރުމަށެވެ. އެތަނުގައި ތިބި އާންމުން ހިތަށްއެރިއެވެ؛ “މިއީ ކޮން ކާހބޯ ވެރްޑޭ އެއް ހެއްޔެވެ؟ އަދި މިމީހުން މިހާ ބޮޑަށް މި އުފާކުރަނީ ކީއްވެގެން ހެއްޔެވެ؟”

ކާހބޯ ވެރްޑޭއަކީ އާބާދީގެ ގޮތުން ބަލާއިރު ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނައަށް އެންމެ ކުޑަ ގައުމެވެ. އަދި ބިމުގެ ނިސްބަތުން ދެވަނައަށް އެންމެ ކުޑަ ގައުމެވެ. ހިތްދަތި އަދި ހިތްވަރުގަދަ މާޒީއެއް އޮތް މި ގައުމުގެ ކުޅުންތެރިން އެމެރިކާއަށް ފޭބުމާއެކު، އެމެރިކާގައި ދިރިއުޅޭ އެ ގައުމުގެ އެތައް ހާސް ބަޔަކު އެމީހުންނަށް ހޫނު މަރުހަބާއެއް ކިޔެވެ. އެމެރިކާގެ މެސެޗޫސެޓްސްގައި އެކަނިވެސް ކޭޕް ވާޑްގެ 70,000 މީހުން ދިރިއުޅެއެވެ.

އެއާޕޯޓުގެ އޮފިޝަލުން ކުޅުންތެރިން ސީދާ ބަހަށް އެރުވުމުން، ސަޕޯޓަރުންނާ ބައްދަލުނުވުމުގެ ކުޑަ މާޔޫސްކަމެއް އައި ނަމަވެސް، އެމީހުން ވަގުތުން ލަވަކިޔައި އުފާފާޅުކުރަން ފެށިއެވެ. އެމީހުންގެ ލަވައިގެ މާނައަކީ:

“ބަލަބަލާށެވެ،

އަހަރެމެން މިތިބީ މުޅި ދުނިޔެއަށް ފެތުރިފައެވެ.”

މި ލަވައިން ރަމްޒުކޮށްދެނީ ކޭޕް ވާޑްގެ ރައްޔިތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިޖުރަކޮށްފައިވާ މިންވަރެވެ.

“ބްލޫ ޝާކްސް”ގެ ނަމުން މަޝްހޫރު މި ޓީމުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކޭޕް ވާޑްގެ ރައްޔިތުންނަށް ބޮޑު އުފާވެރިކަމެއް ގެނެސްދީފައެވެ. އެފްރިކާ ބައްރުގެ ހުޅަނގު އައްސޭރިން 350 މޭލު ބޭރުގައި، އެޓްލާންޓިކް ކަނޑުގައި އޮންނަ މި ޖަޒީރާ ގައުމަކީ ޕޯޗުގީޒުންގެ އިސްތިއުމާރުގެ ދަށުގައި 500 އަށްވުރެ ގިނަ އަހަރު އޮތް ގައުމެކެވެ.

މި ގައުމުގެ މީހުން ގައުމު ދޫކޮށް ދާންޖެހުނު އެންމެ ބޮޑު ސަބަބަކީ މޫސުމެވެ. ވާރޭ ނުވެހުމުގެ ސަބަބުން ކުރިމަތިވި ތަދާއި ބަލިމަޑުކަމުގެ ސަބަބުން، ގައުމުގައި ދިރިއުޅޭ މީހުންނަށްވުރެ (5 ލައްކަ) ބޭރުގައި ދިރިއުޅޭ މީހުންގެ އަދަދު (1.5 މިލިއަނާއި 2 މިލިއަނާ ދެމެދު) މާ ގިނައެވެ. އެމީހުންގެ ތާރީޚަކީ ކަރުނައާއި، ވަކިވުމާއި، އަދި ކަނޑުމަތީގެ ބިރުވެރި ދަތުރުތަކުގެ މައްޗަށް ބިނާވެފައިވާ ތާރީޚެކެވެ.

މިހާރު އެމެރިކާގައި ދިރިއުޅޭ ކޭޕް ވާޑްގެ ގިނަ މީހުންނަކީ މީގެ އެތައް އަހަރެއް ކުރިން “ވޭލިންގް” ނުވަތަ ބޮޑުމަސް ބޭނުމުގެ މަސައްކަތަށް އެމެރިކާއަށް އައި މީހުންގެ ދަރިފަސްކޮޅެވެ. މި މީހުންގެ ހިތްތަކުގައި ގައުމަށް އޮތް ލޯބި ނުހަނު ބޮޑެވެ.

“އަހަރެމެންނަކީ ހިތްވަރުގަދަ ބައެއް. އަހަރެމެންނަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،” އެޑް ލޯޕޭސް ނަމަކަށް ކިޔާ ޒުވާނަކު ބުންޏެވެ.

ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެފްރިކާގެ ވަރުގަދަ ކެމަރޫން ފަހަތަށް ޖައްސާލުމަށްފަހު ހޯދި މި ފުރުސަތަކީ، ބޫޓަކާ ނުލައި ވެލިގަނޑުމަތީގައި ބޯޅަ ކުޅޭ ކުދިންނަށާއި، ބުރަ މަސައްކަތްކުރާ މަސްވެރިންނަށާއި، މާރުކޭޓުގައި އެއްޗެހި ވިއްކަން އުޅޭ މީހުންނަށް ލިބުނު ފަޚުރެކެވެ.

ބާމިއުޑާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 10,000 އެއްހާ ސަޕޯޓަރުން ބައިވެރިވިއެވެ. މެޗު ނިމުމުން ކުޅުންތެރިން ވަނީ ސަޕޯޓަރުންނާ ބައްދަލުކޮށް، ފޮޓޯ ނަގައި، ގާތްގުޅުމެއް ބާއްވާފައެވެ. މިއީ އެހެން ބޮޑެތި ޓީމުތަކުން ފެންނަ ކަމެއް ނޫނެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކާހބޯ ވެރްޑޭ ފުރަތަމަ މެޗުގައި މިރޭ ނުކުމެ އެ ތިބީ ވަރުގަދަ ސްޕެއިންއާ ދެކޮޅަށެވެ. ސްޕެއިންއަކީ 2010 ގެ ވޯލްޑް ކަޕް އަދި 2024 ގެ ޔޫރޯ ޗެމްޕިއަނުންނެވެ. ސްޕެއިންގެ ލަމީން ޔަމާލް ފަދަ ތަރިންނާ ދެކޮޅަށް ކާހބޯ ވެރްޑޭ ނުކުންނައިރު، އެ ޓީމުގެ ކޯޗު ބުބިސްޓާ ބުނީ އޭނާގެ ޓީމު ނުކުންނާނީ އެއްވެސް ބިރެއް ނެތި ކަމަށެވެ. ގްރޫޕް އެޗް ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top