ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 05

“އޯ އިވްރިޝާ! އަހަރެން މަގޭ އިވްރިޝާ މަތިން ވަރަށް ހަނދާންވި،” ހަލީމާ ދައްތަ އަހަރެން އޭނާގެ މަޑު ހަށިގަނޑުގައި ޖައްސާ ބާރުކޮށްލިއެވެ. އޭނާ ބޭނުންކޮށްފައި ހުރި ސެންޓުގެ މީރުވަސް ދުވުމުން އަހަންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

“ހަލީމާ ދައްތާ، އަހަރެން މާ ބޮޑަށް ހަނދާންވި،” ރޮވޭ ފަދަ ރާގަކަށް ބުނަމުން އަހަރެން ވެސް ދައްތަގެ ގައިގައި ބައްދާލީމެވެ.

ހޯލަށް ވަން ވަގުތުން ފެށިގެން، އަހަރެންގެ އާއިލާގެ މެންބަރުން—ދެބޭންގެ ދެދަރި ކުދިންނާއި، ބޮޑުދައިތައިންނާއި، ބޮޑުބޭޭބެއިން—އަހަރެންގެ ގާތަށް ޖަމާވެ، ބައްދާލައި ތައުރީފު ކުރަން ފެށިއެވެ.

އަހަރެން އާއިލާ މަތިން ވަރަށް ހަނދާންވިއެވެ. ލަންކާގައި އަހަރެންނާއި، ތަސްނީމް، ހަމްޒާ އަދި މަންމަ އެކަނި އުޅުނު ދުވަސްތަކުގައި އަހަންނަށް އާއިލާގެ ހަގީގީ މާނަ ވިސްނުނެވެ.

“ދަރިފުޅު ތިޔަހުރީ ކިހާ ނަލަވެފައިކަން އެނގޭތަ! މާޝާﷲ!” މަންމަގެ އެންމެ ދޮށީ ދައްތަ، ރުޤިއްޔާ ދައްތަ އަހަރެންގެ ކޮލަށް ބޮސްދެމުން ތައުރީފު ކުރިއެވެ.

މަންމައާއި އެހެން އެއްބަނޑު އެއްބަފާ މީހުންނެކޭ އެއްފަދައިން، އޭނާއަކީ ވެސް ދޮން މީހެކެވެ. މަންމައަކީ ދެ ނަސްލަކުން އުފެދިފައިވާ މީހެކެވެ. މަންމަގެ ބައްޕަ، އަހަރެންގެ ކާފަ އުމަރު މުޙައްމަދަކީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ އަރަބި މީހެކެވެ.

ކާފަ މިސްރަށް ކުރި ޗުއްޓީ ދަތުރެއްގައި، މަންމަގެ މަންމަ، އަހަރެންގެ މާމަ އާމިނަތު ސާލިޙްއާ ދިމާވިއެވެ. މާމައަކީ ރާއްޖޭ މީހެއް ނަމަވެސް، މާމަގެ އާއިލާ އުޅުނީ މިސްރުގައެވެ. އެމީހުން ކައިވެނިކޮށްގެން ފަހުން ރާއްޖެއަށް ބަދަލުވީއެވެ.

އެމީހުންގެ އާއިލާ ބިނާކުރީ އެ ރާއްޖޭގައެވެ.

ރުޤިއްޔާ ދައްތައަކީ އެންމެ ދޮށީ ދަރިފުޅެވެ. އޭނާގެ އުމުރަކީ 50 އަހަރެވެ. ދެން ހުރީ 48 އަހަރުގެ ހަލީމާ ދައްތައެވެ. އެއަށްފަހު ފާތިމަތު ނަމަކަށް ކިޔާ އަހަރެންގެ މަންމައެވެ. މަންމަގެ އުމުރަކީ 45 އަހަރެވެ.

އެ އާއިލާގައި ތިބީ ޖުމްލަ ހަ ކުދިންނެވެ. މަންމަގެ ފަހަތުން ދެން ތިބީ 35 އަހަރުގެ ޒައިދު ބޭބެއާއި، 28 އަހަރުގެ އަސަދު ބޭބެއެވެ. އެންމެ ހަގު ކުއްޖަކީ 24 އަހަރުގެ ނައިނާ ދައްތައެވެ.

އަހަންނަށް މި ހޯލުން އެ އެންމެންނާ ބައްދަލުވިއިރު، އެމީހުންގެ ފަރާތުން ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

ހިތާމައަކީ އަހަރެން ކުޑައިރު ކާފައާއި މާމަ ނިޔާވެފައިވާ ކަމެވެ. އެމީހުންނަށް ވީގޮތެއް އަހަރެން ހަނދާނެއް ނެތެވެ. ނަމަވެސް އާމިނާ މާމަ ފިހެދޭ ކުކީޒްގެ ރަހައާއި، އުމަރު ކާފަގެ ބުރަކަށީގައި ބައިންދައިގެން ދުއްވާ ހަނދާންތައް އަދިވެސް ހުރެއެވެ.

“އިވްރިޝާ، އާދޭ އެހެން ބައެއް ބޮޑުދައިތައިންނާ ސަލާމްކޮށްލަން،” މަންމަގެ އެންމެ ހަގު ކޮއްކޮ ނައިނާ ދައްތަ، ރުޤިއްޔާ ދައްތައާއި ހަލީމާ ދައްތަގެ ކައިރިން އަހަރެން ދަމާފައި ގެންދިޔައެވެ.

ނައިނާ ދައްތަ ހުރީ ކަރުވަޅުގައި އެމްބްރޮއިޑަރީ ކުރި ހުދު ކުލައިގެ ދިވެހި ހެދުމެއްގައެވެ. ބޮލުގައި އޮތީ ކަޅު ކުލައިގެ ފޮތިގަނޑެއް އޮޅާލާފައެވެ. މޫނުގައި މާ ގިނަ މޭކަޕެއް ނެތް ނަމަވެސް އޭނާ ހުރީ އައިނު އަޅައިގެންނެވެ.

“މިހާރުވެސް ފައިގައި ރިއްސަން ފަށައިފި،” އޭނާގެ ދިގު އިނގިލިތަކުގައި ހިފަހައްޓާލަމުން އަހަރެން ޝަކުވާ ކުރީމެވެ.

“އޭއި، ކެތްތެރިވޭ. އަދި ޚަލީލްއާއި އޭނާގެ އާއިލާއެއް މިތަނަކަށް ނާދޭ. އެހެންވީމާ ތިޔަވާ ތަދު މިހާރުން މިހާރަށް ފިލުވާލާ،” އޭނާ ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.

އަހަންނަށް އައްޑޫ ބަހުން ދައްކާ ކުދިކުދި ވާހަކަ ވިސްނުނަސް ހުރިހާ އެއްޗެއް ނޭނގެއެވެ. އެ ބަސް ދަސްކުރަން އަހަރެން ބޭނުންވަނީ، މީހުން އަހަރެންގެ ވާހަކަ އެ ބަހުން ދައްކާއިރު އަހަންނަށް އެނގޭނެތީއާއި، އެކަނިވެފައި ހުންނަން ބޭނުން ނުވާތީއެވެ.

“އޭ! އަހަރެންގެ ފޭވަރިޓް ކަޒިން!” ފިރިހެން ސެންޓެއްގެ ގަދަވަސް ނޭފަތުގައި ޖެހުމާއެކު، މީހަކު އަހަރެންގެ ގައިގައި ބާރަށް ބައްދާލިއެވެ.

މިކަހަލަ ކަމެއް ކުރާނީ ކާކުކަން ވަގުތުން އަހަންނަށް އެނގުނެވެ. “މާލިކް!” އަހަރެން އެނބުރިލަމުން ހަޅޭއްލަވައިގަތީމެވެ.

އަހަރެން ހީކުރި ގޮތަށް، އަބަދުވެސް ހުންނަ ފޮނި ހިނިތުންވުމާއެކު އޭނާ ހުއްޓެވެ. އޭނާގެ އައިނު ހުރީ އެއްފަރާތަށް އަރިވެފައެވެ.

ޢަބްދުލް މާލިކަކީ ރުޤިއްޔާ ދައްތަގެ ހުރި ހަމައެކަނި ދަރިއެވެ. އޭނާއަކީ އަހަރެންގެ އުމުރުގެ، 22 އަހަރުގެ ކުއްޖެކެވެ. އޭނާ ޔުނިވާސިޓީ ނިންމީ މި އަހަރުއެވެ. އާއިލާގައި ހުރި ހަމައެކަނި ދަރިއަށް ވުމުން، އޭނާއަކީ ކިހާ ނާޒުކުކޮށް ގެންގުޅޭ، ބޭނުންވާ ކޮންމެ ކަމެއް ކޮށްދީފައިވާ ކުއްޖެއްކަން އަމިއްލައަށް ތަސައްވަރު ކޮށްލެވޭނެއެވެ.

“އަހަރެން މަތިން ހަނދާންވިއޭ ވެސް ނުބުނާނަންތަ؟” ބޯ އަރިކޮށްލަމުން އޭނާ ފޮނިވެލާފައި ބުންޏެވެ. “އެހެންވިއްޔާ އަހަރެން ބުނި އެތި އަނބުރާ ގެންގޮސްފިން.”

އޭނާ އައްޑޫ ބަހުން ބުނި އެއްޗެއް ނޭނގުނަސް، އަހަރެން ހުނުން މެދުކަނޑާލުމަށްފަހު އޭނާގެ ގައިގައި ބައްދާލީމެވެ. މުޅި ހޯލު އޮތީ މީހުން އެކަކު އަނެކަކަށް ސަލާމްކޮށް ހާލުބަލާ އަޑުން ގުގުމާފައެވެ.

ހޯލު ތެރޭގައި ހުދު ފޮތި އަޅާފައިވާ އަށް މީހުންގެ ޖާގައިގެ މޭޒުތަކާއި ގޮނޑިތައް އަތުރާފައި ހުއްޓެވެ. ތަނުގެ ފަރުމާ ހުރީ ރަނާއި ރޯޔަލް ބްލޫ ކުލައިންނެވެ. އެއީ އަހަރެންގެ ހެދުމާ ވަރަށް ގުޅޭ ކުލަތަކެކެވެ. ހޯލުގެ އަލިގަދަކަމުން އެންމެންގެ ރީތި މޫނުތައް ވަރަށް ސާފުކޮށް ފެނެއެވެ.

“ކަލޭ ތިޔަހުރީ ހާދަ ފަލަވެފައޭ،” ބައްދާލައިގެން ހުރުމަށްފަހު ދުރަށް ޖެހިލި ވަގުތު މާލިކް ބުންޏެވެ. އަހަރެން އޭނާގެ ކޮނޑުގައި ބާރަށް ޖެހުމުން އޭނާ ތަދުވެގެން ހަޅޭއްލަވައިގަތެވެ. “ތަ މުވަ ވިއްޔާ؟” އޭނާ އަހަރެންގެ އަތް ފޮޅުވާލަމުން އެހިއެވެ.

އޭނާ އައްޑޫ ބަހުން އެ ބުނީ ކަލޭ މޮޔަވީތަ ނުވަތަ އެފަދަ އެއްޗެކޭ ކަން އަހަންނަށް ވިސްނުނެވެ.

“އަދި އެއްފަހަރު ތިޔަހެން ބުނެބަލަ، ދެން ޖަހާނީ މޫނުމަތީގަ. އޭރުން އެއްވެސް އަންހެން ކުއްޖަކަށް ކަލޭ ކަމަކު ނުދާނެ،” އަހަރެން ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ބުނީމެވެ.

އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން އޭނާ ބުންޏެވެ، “ކަލެއަކަށް ތިޔަކަމެއް ނުކުރެވޭނެ.”

އަހަރެން ބާރަށް ހޭން ފެށުމަށްފަހު ދޫ ނެރުނީމެވެ. މާލިކަކީ އަހަރެން ދުށް އެންމެ މިނިވަންކޮށް އުޅޭ މީހާއެވެ. މިފަދަ ހަފުލާއަކަށް އައިއިރު އޭނާ އެހުރީ އެނިމޭ ޓީޝާޓަކާއި ކަޅު ކުލައިގެ ސްޕޯޓްސް ޓްރެކްޝޫޓެއްގައެވެ!

“ބަލަން ހުރޭ ކުރެވޭތޯ،” އަހަރެން އޭނާގެ އަތުގައި ހިފައިގެން މީހުންނާ ސަލާމްކުރަން ދިޔައީމެވެ.

އަހަންނަށް ނޭނގޭ ބައެއް މީހުންނާ ވެސް ސަލާމްކޮށް، އެމީހުން އައީތީ ޝުކުރު އަދާކުރީމެވެ.

“ދެން އަހަރެން ދޫކޮށްލަބަލަ. ސަޅިސަޅި ބިޓުން ތަކެކޭ އެއޮއް އަންނަނީ،” ދެންމެ ހިނގާފައި ދިޔަ ތަސްނީމްގެ އުމުރުގެ ކުއްޖަކަށް އެއްލޯ މަރާލަމުން މާލިކް ބުންޏެވެ.

މާލިކަކީ އަންހެން ކުދިންގެ ހިތްތައް އަތުލުމަށް މޮޅު މީހެކެވެ. އޭނާއަކީ މުއްސަނދި، ޒުވާން އަދި ރީތި މީހެކެވެ. ބުއްދި ހުރި ކޮންމެ އަންހެން ކުއްޖަކު ވެސް އޭނާގެ އެކުވެރިއަކަށް ވާން ބޭނުންވާނެއެވެ.

އޭނާ ދުވެފައި ދިއުމުގެ ކުރިން އަހަރެން އޭނާގެ ކޮނޑުގައި އެންމެ ފަހު ފަހަރަށް ޖެހީމެވެ. އެވަގުތު އަހަންނަށް ފެނުނީ އަސަދު ބޭބެގެ ދަރިއަކާއެކު ނާރާ ދުވާތަނެވެ. އެ ކުއްޖާގެ ނަމެއް އަހަރެން ހަނދާނެއް ނެތެވެ. އެކަމަކު އޭނާއަކީ ނާރާގެ އުމުރުގެ ކުއްޖެކެވެ.

އަސަދު ބޭބެ ކައިވެނިކުރީ އަހަރެމެން ލަންކާގައި ތިއްބައެވެ. އަހަރެމެންނަށް އެ ކައިވެންޏަށް ނާދެވުނީތީ އަހަރެން ވަރަށް ދެރަވިއެވެ.

އެވަގުތު މީހަކު އަހަރެންގެ ގައިގައި ލައިގަތުމުން އަހަރެން އަރި އަޅާލައި ފަޔަށް ތަދުވިއެވެ.

“އޯއި!” ފަޔަށް ވީ ތަދުން އަހަރެން ހަޅޭއްލަވައިގަތީމެވެ. އަދި އެ މީހަކާ ދިމާލަށް އެއްޗެހި ގޮވަން ތައްޔާރުވެލީމެވެ.

“ޔާﷲ! މަރިޔަމް އިވްރިޝާ މައާފްކުރޭ،” އެމީހަކު މައާފަށް އެދުނެވެ.

އަހަންނަށް އެ އަޑު ފާހަގަވިއެވެ! މަންމަ ފިޔަވައި އަހަންނަށް “މަރިޔަމް އިވްރިޝާ” ގެ ނަމުން ގޮވާ ދެވަނަ މީހަކީ އެއީއެވެ. “ހައިޘަމް!” އަހަރެން ހިނިތުންވެލަމުން އޭނާގެ ގައިގައި ބައްދާލީމެވެ.

“އަހަރެމެންގެ ރީތި މަރިޔަމް،” ބައްދާލުމަށްފަހު އޭނާ އަހަންނަށް ތައުރީފު ކުރިއެވެ.

“ދެން ހުއްޓާލާ،” އަހަރެން ލޯބިން އޭނާގެ ގައިގައި ޖަހާލީމެވެ. “މިއީ އަދި ކައިވެނި ހަފުލާއެއްވެސް ނޫން.”

“އާނ އެނގޭ، އެކަމަކު ކަލޭ ހާދަ ރީއްޗޭ. ތި ހެދުން ކަލެއާ ވަރަށް ގުޅޭ.”

އަހަރެން ހިނިތުންވެލާފައި ޝުކުރު އަދާކުރީމެވެ. ހައިޘަމަކީ ހަލީމާ ދައްތަ ބަލާބޮޑުކުރި ކުއްޖެކެވެ. އޭނާގެ އުމުރަކީ 26 އަހަރެވެ. އޭނާގެ އަސްލު އާއިލާއާ ބެހޭގޮތުން އަހަންނަށް މާ ބޮޑު އެއްޗެއް ނޭނގެއެވެ. މިހާރު އޭނާއަކީ އަހަރެންގެ އާއިލާގެ މީހެކެވެ.

ހައިޘަމް ދިރިއުޅެނީ އައްޑޫގައެވެ. ހަލީމާ ދައްތައާއި އޭނާގެ ފިރިމީހާ އަދި އަނެއް ދެ ދަރިން ކަމަށްވާ ސަބީނާއާއި ސަދީޤް އުޅެނީ ހުޅުމާލޭގައެވެ. ސަބީނާއާއި ސަދީޤަކީ އެއްމާބަނޑު ދެބެއިންނެވެ.

“ކޮން އިރަކުން އައްޑުއަށް އެނބުރި ދަނީ؟” އޭނާއާއެކު ހިނގަމުން އަހަރެން އެހީމެވެ. އަދިވެސް އަހަރެން ސަލާމްކުރަން ޖެހޭ ބައެއް މީހުން ތިއްބެވެ.

އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މަށަކަށްވެސް ހަގީގަތުގަ ތިއެއް ބުނާކަށް ނޭނގެ. ހަލީމާ މަންމަ ހުރީ އަހަރެން މިހާރު ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށަން ވަރަށް ބޮޑަށް ބޭނުންވެފަ. އެކަމަށްޓަކައި އޭނާ އަހަރެން ބަހައްޓާފަ ހުރީ އޭނާގެ ރަހުމަތްތެރިއެއްގެ ގޭގައި.”

އަހަރެން ކުޑަކޮށް ހީނލީމެވެ. “އާނ، ކަލޭވެސް ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފަށަން ވެއްޖެ. އެކަމަކު އޭނާ ކަލޭ ރަހުމަތްތެރިއެއްގެ ގޭގައި ބަހައްޓަނީ ކީއްވެ؟”

ހަލީމާ ދައްތަގެ އަތުގައި ވަރަށް ބޮޑު ގަނޑުވަރެއް ފަދަ ގެއެއް ހުރެއެވެ. އެއީ ދެތިން އާއިލާގެ މީހުންނަށް އުޅެވޭހާ ބޮޑު ގެއެކެވެ. އަހަރެން ކައިވެނި ކުރެވެންދެން އަހަރެމެން މި ތިބެނީ ވެސް އެ ގޭގައެވެ.

“ހަލީމާ މަންމަގެ ރަހުމަތްތެރި، ރޫބީނާ ދައްތަގެ އަންހެން ދަރިއަކު ހުރޭ ޔަސްމީން ކިޔާ. މަންމަ ބޭނުންވަނީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ދަސްވެ، ވާހަކަ ދައްކައި ހަދަން.”

އަހަރެން ނަށާ ސަރަހައްދުގައި ޝިރާނީއާއެކު ހުރި އާމީއަށް އަތުން ހަނާ އަޅާލީމެވެ. ޑީޖޭ ޖަހަމުން ދިޔައީ އަހަރެން ކުރިން އަޑު ނާހާ ރާއްޖޭގެ ރެޕް މިއުޒިކެކެވެ. އެކަމަކު ހޯލުގައި ތިބި ޒުވާނުން އުޅޭ ގޮތުން އެއީ ވަރަށް މަޝްހޫރު ލަވަޔެއްކަން އެނގެއެވެ.

“އެނީވޭސް، އޭނާ ދަސްކޮށްލަން އުޅެބަލަ ހައިޘަމް،” އަހަރެން ބުނީމެވެ. “ފަހަރުގައި ކަލެއަށް އޭނާ ކަމުގޮސްދާނެ.”

އޭނާ އޭނާގެ ތުނބުޅީގައި އަތް ހާކާލަމުން ނުތަނަވަސްކަމާއެކު ބުންޏެވެ. “ޔަސްމީނަކީ އަހަރެންގެ ކުރީގެ އާއިލާއާ ގުޅުމެއް އޮތް ކުއްޖެއް. މާލޭގައި އުޅުނުއިރު އަހަރެމެންނަކީ އަވަށްޓެރިން. އޭނާއާ ބައްދަލުވެއްޖެނަމަ، އަހަރެން އެ އާއިލާއާ ދުރަށް ދާން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެދާނެ.”

އަހަރެން ހިނގުން ހުއްޓާލުމަށްފަހު އޭނާއަށް ބަލާލީމެވެ. މި ވާހަކަ މިހާރު ވަރަށް ސީރިއަސް ވެއްޖެއެވެ. “ކަލޭގެ އަސްލު އާއިލާ ދުނިޔޭގައި އެބަތިބިތަ؟” އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

އޭނާ އެމީހުން ދޫކޮށްލީ ކީއްވެ؟ އަލުން އެމީހުން ގާތަށް ދާން އޭނާ ގަސްދުކުރޭތަ؟ ނަމަވެސް އެ ސުވާލުތައް ކުރުމުން އަހަރެން މަޑުޖެހިލީމެވެ.

“އާނ، އެމީހުން އަދިވެސް ދުނިޔޭގައި އެބަތިބި. އަދި ޔަސްމީންގެ އެންމެ ގާތް އެކުވެރިޔާ އިނދެގެން އުޅެނީ އަހަރެންގެ ކޮއްކޮއާ. އަހަރެން ޔަސްމީނާ ރައްޓެހިވެގެން އުޅޭކަން އޭނާއަށް ސިއްރެއް ނުކުރެވޭނެ.”

އަހަރެން މޫނު ކުނިކޮށްލަމުން ނިޔަފަތި ހަފަން ފެށީމެވެ. “ކަލޭ އަސްލު އާއިލާ މަތިން ހަނދާންވޭތަ؟ އަދި ކަލޭގެ ހަގު ކޮއްކޮގެ ނަމަކީ ކޮބާ؟” ހައިޘަމްގެ އާއިލާގެ މީހަކާ ބައްދަލުވެދާނެ ކަމަށް ހިތަށް އެރުމުން އަހަރެން ހިނިތުންވެލީމެވެ.

އަހަރެން މުޅި އުމުރުގައި ހީކުރީ އޭނާއަކީ ޔަތީމު ކުއްޖެއް ކަމަށެވެ. އެކަމަކު އޭނާގެ އާއިލާއެއް މިތަނުގައި އެބައޮތެވެ.

“އަހަރެންގެ ކޮއްކޮމެންނާއި މަންމަ މަތިން ހަނދާންވޭ. އެކަމަކު އޭނާ، މި ބުނީ ބައްޕަ މަތިން ކުޑަކޮށްވެސް ހަނދާންވާކަށް ބޭނުމެއް ނޫން،” އޭނާގެ ރާގުގައި ނުރުހުންތެރިކަން ހުއްޓެވެ. “ކޮއްކޮގެ ނަމަކީ ހަނީނާ.” އޭނާގެ ދެލޯ ބަބުޅައިގަނެ، ހިނިތުންވެލިއެވެ. “އެ ކުއްޖާ މަތިން ހާދަ ހަނދާންވެއޭ. އޭނާ މިހާރު ކައިވެނިކޮށްފި ކަމަށް ގަބޫލުކުރަން ވެސް ދަތި.”

އަހަރެން ހިނިތުންވެލީމެވެ. އަދި އަހަރެމެން ހިނގަމުން ގޮސް އަދުނާންއާއި ހަމްޒާ ތިބި މޭޒު ކައިރިއަށް މަޑުކޮށްލީމެވެ. މިއުޒިކްގެ ގަދަ އަޑުގެ ސަބަބުން އަހަރެންގެ ބޮލުގައި އަލުން ރިއްސަން ފެށިއެވެ.

“ހޭއި ގާއިސް،” އަހަރެން އެމީހުންނަށް އަތުން ހަނާ އަޅާލީމެވެ. ހައިޘަމް އެމީހުންނާ ސަލާމް ކުރިއެވެ.

އަހަރެން އަދުނާންގެ ކައިރީގައި ހުރި ޒައިދު ބޭބެގެ ގާތަށް ދިޔައީމެވެ.

“ބޭބޭ!” އަހަރެން އޭނާގެ ގައިގައި ބައްދާލީމެވެ.

އޭނާ ހީނލިއެވެ. “ހޭއި މަންކީ،” އޭނާ ވެސް ބައްދާލިއެވެ.

އޭނާ އަބަދުވެސް އަހަންނަށް “މަންކީ” އޭ ކިޔައިގެން ގޮވަނީ، ކުޑައިރު އަހަރެން ތަންތަނަށް އަރާ ފުންމާ އުޅޭތީއެވެ.

“ބޭބޭ،” އަހަރެން މޫނު ހަދާލީމެވެ. “އަދިވެސް އަހަންނަށް ތިޔަ ނަމުން ގޮވަނީތަ؟”

“އާނ، މަންކީ،” އޭނާ ޖަވާބު ދިނެވެ. “ބަލާބަލަ، ކަލޭގެ ދަރިފުޅުވެސް ހަމަ ކަލޭގެ ފިޔަވަޅުމަތީގަ.”

އޭނާ ކުއްޖަކަށް އިޝާރާތް ކުރުމުން އަހަރެން ބަލާލީމެވެ. އޭނާ އެ އިޝާރާތް ކުރީ ނާރާ އަށެވެ. އޭރު ނާރާ އުޅެނީ މާލިކްގެ ބުރަކަށި މައްޗަށް އަރާށެވެ. އޭނާ މާލިކްގެ ގަމީހުގައި ހިފާ ދަމަމުން ގޮސް، ފުންމައިގެން އަރާ މާލިކްގެ އުނަގަނޑުގައި ފައިން ބާރަށް އޮޅާލިއެވެ.

މޭޒު ކައިރީގައި ތިބި އެންމެން ހޭން ފެށިއެވެ. އޭރު ހަމްޒާ އެ މަންޒަރު އަދުނާންގެ ފޯނުން ރެކޯޑުކޮށްފިއެވެ.

ހިނިގަނޑު މައިތިރިވުމުން، ޒައިދު ބޭބެ ބުނި އެތި އަހަރެން ސިކުނޑިއަށް ނަގައިގަނެވުނެވެ. “ޒައިދު ބޭބޭ، ނާރާ އަކީ އަހަރެންގެ ދަރިއެކޭ ބޭބެ ތިބުނީ ކީއްވެ؟”

އޭނާ ވަރަށް އިތުބާރާއެކު ބޯ ޖަހާލިއެވެ. “އާނ، މިހާރު އެއީ ކަލޭގެ—”

އެވަގުތު އަދުނާން މަޑުމަޑުން މޭޒުގައި ޖަހާލައި، ދެފަރާތަށް ބޯ ހޫރާލުމުން ޒައިދު ބޭބެގެ ވާހަކަ މެދުކަނޑާލިއެވެ.

ކުއްލިއަކަށް ޒައިދު ބޭބެއަށް އެއްޗެއް ވިސްނިގެން ކަހަލަ ގޮތަކަށް ސިހުނެވެ. އަދި ހިތާމަވެރި ހިނިތުންވުމަކާއެކު ބުންޏެވެ. “މި ކުދިން އަހަރެން މޮޔަ ކުރަނީ. އަހަރެން ބުނަން އުޅުނީ އަދުނާންގެ ދަރިފުޅުގެ ވާހަކަ.” އޭނާ ނުތަނަވަސްކަމާއެކު ހިނިގަނޑެއް ޖަހާލިއެވެ.

އޭނާ އެ އުޅުނު ގޮތުން އަހަންނަށް ކުޑަކޮށް ޝައްކުވިއެވެ. ނަމަވެސް އެކަން ހަނދާން ނައްތާލީމެވެ. ޒައިދު ބޭބެގެ ތިން ކުދިން ތިބެއެވެ. 13 އަހަރުގެ އަނީސާ، 9 އަހަރުގެ އައްފާން އަދި 8 އަހަރުގެ އައިޝާ އެވެ. އަހަރެން ކުރިން އެމީހުން ދުށީމެވެ، ނަމަވެސް މިހާރު އެ ކުދިން ފެންނާކަށް ނެތެވެ.

“އިވްރިޝާ!” ޝިރާނީ ކުއްލިއަކަށް އަހަރެންގެ ނަމުން ގޮވާލަމުން ފަހަތުން އައެވެ. “ޚަލީލްއާއި އޭނާގެ އާއިލާ އަތުވެއްޖެ!” އޭނާ އަހަރެންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ބުންޏެވެ.

“އަހަރެން ކިހިނެއް؟” އޭނާގެ މޫނުގައި އަތް ހާކާލަމުން އޭނާ އެހިއެވެ. “އެތައް އަހަރަކަށްފަހު އެންމެ ފަހުން އޭނާ ފެންނަން މިއުޅެނީ.”

އަހަރެމެން އެކުގައި ހޯލުގެ ކުރިމައްޗަށް ދިޔައިރު، ޝިރާނީ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އަހަރެން އޭނާ ބައިންދާފައި އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލީމެވެ. “ތިޔަ ބުނާ ‘އޭނާ’ އަކީ ކާކު؟”

އޭނާގެ ދެލޮލުން ނުލަފާ ގޮތެއް ފެނިގެން ދިޔައެވެ. “ޚަލީލް،” އޭނާ ބުންޏެވެ.

*****

ނުނިމޭ

ނޯޓް
ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކަ އެ ނަމަކަށް ނިސްބަތްކޮށްފައިވާ އިވްރިޝާ އަކީ ވަރަށް ޔުނީކް ނަމެއްކަމަށްވާތީ އިޚްތިޔާރުކުރި ނަމެކެވެ. 2013 ވަނަ އަހަރު މި ވާހަކަ އަހަރެން ލިޔަން ފެށިއިރު، މުނިއަވަސްގައި އުޅޭ އިވްރިޝާއަކީ އުޅޭ މީހެއްކަންވެސް ނުދަންނަ މީހެކެވެ. މި ވާހަކައިގައި އުޅޭ މީހުންނަކީ ޚިޔާލަށް އުފައްދާފައިވާ އައްތަ (ކެރެކްޓަރ) ތަކެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top