ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެސީގެ ހެޓްރިކާއެކު އާޖެންޓީނާ ފެށީ ވަރަށް ވަރުގަދަކޮށް
ފޮޓޯ: ގެޓީ އިމޭޖަސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ‘ޖޭ’ ގައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ އަތުން 3-0 އިން މޮޅުވެއްޖެއެވެ. މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ތާރީޚީ ހެޓްރިކެއް ހަދައި، ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ.

އެމެރިކާގެ މިސޫރީގެ ކަންސަސް ސިޓީގައި ހުންނަ ގެހާ ފީލްޑް އެޓް އެރޯހެޑް ދަނޑުގައި މިއަދު ހެނދުނު ކުޅުނު މި މެޗު ފަށައިގެން އާޖެންޓީނާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ 5 ވަނަ މިނިޓުގައި މެސީ ލަނޑެއް ޖެހި ނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައިވެއެވެ. އަދި 8 ވަނަ މިނެޓުގައި އަލްޖީރިއާގެ ފަރެސް ޗައިބީ ޖެހި ލަނޑެއްވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ރޮޑްރިގޯ ޑި ޕައުލް ތަނަވަސްކޮށްދިން ފުރުސަތަކުން، އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން 118 ވަނަ ލަނޑެވެ.

އަލްޖީރިއާއިން މެޗުގައި އާޖެންޓީނާ ކޮޅަށް ނުރައްކާ ކުރި ނަމަވެސް، އާޖެންޓީނާގެ ޑިފެންޑަރުންނާއި ކީޕަރުގެ ކައިރިން އެ ޓީމަށް ވަނީ އާޖެންޓީނާގެ ގޯލު ފޫއަޅުވާލުމުގައި ކާމިޔާބު ނުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާގެ ދެވަނަ ލަނޑު މެސީ ކާމިޔާބުކުރީ 61 ވަނަ މިނިޓުގައެވެ. މިއީ އެލެކްސިސް މެކަލިސްޓާ ފޮނުވާލި ހަމަލާއެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެސީގެ ހެޓްރިކް ފުރިހަމަކުރީ 76 ވަނަ މިނިޓުގައި ނިކޯ ގޮންޒާލެސް ތަނަވަސްކޮށްދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.

މި މެޗަކީ އުމުރުން 38 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅެދިން 200 ވަނަ މެޗެވެ. މި މެޗުގައި ޖެހި ތިން ލަނޑާއެކު އޭނާ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު މިހާރު ވަނީ 120 އަށް އަރާފައެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކްގެ އިތުރުން، މެސީގެ ވޯލްޑް ކަޕް ތާރީޚުގައި އޭނާ ހެދި ފުރަތަމަ ހެޓްރިކްވެސްމެއެވެ.

ހެޓްރިކަށްފަހު ވެސް އާޖެންޓީނާއިން ވަނީ އޭރިއާ ބޭރުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، އަލްޖީރިއާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އަދި ހިތްވަރު ދޫނުކޮށް އަލްޖީރިއާ ވެސް ވަނީ އާޖެންޓީނާ ކޮޅަށް ލަނޑެއް ޖެހޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަނުގެ މިރޮސްލާވް ކްލޯސޭގެ 16 ގޯލުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މެސީ މި ރެކޯޑާ ހަމަކުރީ 27 މެޗުންނެވެ. މީގެ އިތުރުން، މިއީ މެސީ ކުޅޭ 6 ވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، އޭނާ ވެފައިވަނީ ދުނިޔޭގެ ތާރީޚުގައިވެސް 6 ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މި މޮޅާއެކު ގްރޫޕް ޖޭގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އޮތީ އާޖެންޓީނާއެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޖޯޑަން އާއި އޮސްޓްރިއާއެވެ. އާޖެންޓީނާގެ ދެން އޮތް މެޗުގައި ބައްދަލުކުރާނީ ޖޯޑަންއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top