މެޗުގެ ފަހު ވަގުތު ކޯޗު ގެނައި މުހިންމު ބަދަލުތަކާއެކު، 4-1 ގެ ނަތީޖާއަކުން ބޮސްނިއާ އެންޑް ހާޒިގޮވީނާ ބަލިކޮށް ސްވިޒަލެންޑުން ގުރޫޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މެޗުގެ ބޮޑު ބައިގައި ސްވިޒަލެންޑުން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ބޮސްނިއާގެ ގޯލަށް ނުރައްކާ ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް، މެޗުގެ 71 ވަނަ މިނިޓުގައި ސްވިޒަލެންޑްގެ ކޯޗު މޫރަތު ޔަކިން އެއްފަހަރާ ގެނައި ތިން ބަދަލާއެކު މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔައެވެ.
މި ބަދަލުތަކަށް ފަހު، މެޗުގެ 74 ވަނަ މިނިޓުގައި ސްވިޒަލެންޑަށް ކުރިހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 20 އަހަރުގެ ޔޯހާން މަންޒަމްބީއެވެ. އޭގެ ހަ މިނިޓު ފަހުން، ސްވިޒަލެންޑްގެ ބްރީލް އެމްބޫމޫ ހުސްކޮށް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން އުޅެނިކޮށް، ބޮސްނިއާގެ ތާރިކް މުހާރެމޮވިޗް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، 84 ވަނަ މިނިޓުގައި އެމްބޫމޫ ދިން ފުރުސަތަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރުބެން ވާގަސް ވަނީ ސްވިޒަލެންޑްގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 90 ވަނަ މިނިޓުގައި ވާގަސް ތަނަވަސްކޮށްދިން ފުރުސަތަކުން މަންޒަމްބީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
ބޮސްނިއާގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ އެރްމިން މަކްމީޗެވެ. ނަމަވެސް، މެޗު ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއަކުން ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޒާކާ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދީފައެވެ. މިއީ ޖިބްރީލް ސޯ އަށް ބޮސްނިއާގެ އަމަރް މެމީޗް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މި މޮޅާއެކު ގުރޫޕް ބީ ގައި ސްވިޒަލެންޑަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ބޮސްނިއާ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގުރޫޕްގައި ދެން ހިމެނޭ ކެނެޑާ އާއި ގަތަރު ވެސް ވަނީ އެއް ޕޮއިންޓް ހޯދައިފައެވެ.
