އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ މެކްސިކޯ ވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗު ވެސް ކާމިޔާބުކޮށްފައިވާ މެކްސިކޯއިން މިއަދު ކުޅުނު މެޗު ކާމިޔާބުކުރީ ދެކުނު ކޮރެއާއާ ވާދަކޮށް 1-0 އިންނެވެ.
އެސްޓަޑިއޯ އަކްރަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ މި ދެ ޓީމުގެ ކުރިމަތިލުން ވެގެން ގޮސްފައިވަނީ ދެ ޓީމަށް ވެސް ވަރަށް މުހިންމު ކުރިމަތިލުމަކަށެވެ. މި މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވެސް އޮތީ ފަހިވާގޮތަށެވެ.
ދެ ޓީމުން ވެސް ލަނޑު ޖެހުމަށް އިސްކަން ދީގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ނުހިފިއެވެ.
ދެވަނަ ހާފު ފަށައިގެން ރަނގަޅަށް ކުޅުނީ، އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ މެކްސިކޯއެވެ.
މި މެޗްގައި ފެނުނު ހަމައެކަނި ލަނޑު މެކްސިކޯއިން ޖެހީ 50 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލުއިސް ރޯމޯއެވެ. ލުއިސް ރޯމޯ މި ލަނޑު ޖަހާފައިވަނީ ދެކުނު ކޮރެއާ ކީޕަރު އަތުން ދޫވި ބޯޅައެއް ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު 6 ޕޮއިންޓް ހަމަކޮށް ގުރޫޕް އޭގެ އެއްވަނައަށް މެކްސިކޯ ޖެހިލިއިރު، 3 ޕޮއިންޓާއިއެކު ދެކުނު ކޮރެއާ އޮތީ ގުރޫޕްގެ ދެވަނައިގައެވެ. މި ގުރޫޕްގައި ދެން ހިމެނޭ ޗެކް ރިޕަބްލިކާއި ދެކުނު އެފްރިކާއަށް ލިބިފައިވަނީ ޕޮއިންޓެކެވެ. ކޮންމެ ޓީމަކަށް ކުރިއަށް އެއް މެޗު އޮތްއިރު، އެ މެޗު ކާމިޔާބުކޮށްގެން ވެސް ޗެކް ރިޕަބްލިކާއި ދެކުނު އެފްރިކާއަށް ހަމަކުރެވޭނީ 4 ޕޮއިންޓެވެ. ދެކުނު ކޮރެއާ މޮޅުވެއްޖެނަމަ އެ ޓީމަށް ހަމަކުރެވޭނީ 6 ޕޮއިންޓެވެ. ކުރިޔަށް އޮތް މެޗުން މެކްސިކޯ މޮޅުވެއްޖެ ނަމަ އެ ޓީމަށް 9 ޕޮއިންޓް ލިބޭނެއެވެ. މި ހުރިހާ ގޮތަކަށް ބަލާއިރު ވެސް މެކްސިކޯއަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލޭނެ ގޮތެއް ނެތެވެ. ޕޮއިންޓާއި ގޯލްގެ ގޮތުން ދެކުނު ކޮރެއާ އާއި މެކްސިކޯ އެއްވަރުވެއްޖެނަމަ ހެޑްޓުހެޑް އުސޫލުން ގުރޫޕްގެ އެއްވަނަ ލިބޭނީ މެކްސިކޯއަށެވެ.
