މިހާރު ކުރިއަށްދާ ކުލަބު މޯލްޑިވްސް ކްލެސިކް މުބާރާތުގެ ހަތަރު މެޗު މިރޭ ވެސް ކުޅެފިއެވެ. މިރޭ ކުޅެވުނު މެޗްތަކަށް ބަލާލާއިރު:
މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ބިނާރާ އާއި ކުލަބް އެމްއެމްއޭ އެވެ. ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގައި އެމްއެމްއޭގެ ދެ ލަނޑު އަންސަރު އިބްރާހިމް ކާމިޔާބު ކޮށްދިންއިރު ބިނާރާގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހުމައިދު ޢަބްދުﷲ އެވެ. އެ ޓީމުގެ ދެވަނަ ލަނޑަކީ އެމްއެމްއޭ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބިނާރާގެ މުޙައްމަދު މިންވާލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު މިންވާލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
ހަވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ބީސީސީ އާއި ފިނޭންސް ރެކްރިއޭޝަން ކްލަބެވެ. މި މެޗު 2-4 އިން ކާމިޔާބުކުރީ ބީސީސީއެވެ. މި މެޗުގައި ބީސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ނިހާލް އާއި ޢަބްދުﷲ ލޫތު، ކޮންމެ ކުޅުންތެރިއެއް ދެ ލަނޑެވެ. ފިނޭންސްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ޙަސަން އަޒުވާން އާއި ޢަބްދުﷲ ޒުހާންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީސީސީގެ މުޙައްމަދު ނިހާލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ނިހާލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މުބާރާތުގެ ހަތްވަނަ މެޗުގައި ބައްދަލުކުރީ ޕީއެސްއެމް އާއި ތަޢުލީމީ ގުޅުންއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗު 2-3 އިން ކާމިޔާބުކުރީ ޕީއެސްއެމްއެވެ. މި މެޗުގައި ޕީއެސްއެމްގެ ލަނޑުތައް ޖަހައިދިނީ ޢަލީ އަފްސަލް އާއި ޢަލީ ސިމާހް އަދި ރިމާހް އަޙްމަދެވެ. ތަޢުލީމީ ގުޅުމުގެ ދެ ލަނޑު ޖަހައިދިނީ ޢަލީ އިފްރާދު އާއި މުޙައްމަދު ފިޒާލްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްއެމްގެ ޢަލީ އަފްސަލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ އަފްސަލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
އަށްވަނަ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ފިޓްނަސް އާއި ދިވާރު ރެކްރިއޭޝަން ކްލަބެވެ. ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން މި މެޗު ކާމިޔާބުކުރީ މިނިސްޓްރީ އޮފް ޔޫތުއެވެ. 11-0 އިން މިނިސްޓްރީން އޮފް ޔޫތު މޮޅުވި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސާހިލް 2 ލަނޑު، އިބްރާހީމް ސިމާހް 4 ލަނޑު، އަޙްމަދު ޢަލީ 1 ލަނޑު، ނާއިފް ޝަފީޤް 1 ލަނޑު، މުޙައްމަދު ސާޖިދު 1 ލަނޑު، ޝިޒާން ޝަހީމް 1 ލަނޑެވެ. މިނިސްޓްރީ އޮފް ޔޫތުގެ 11 ވަނަ ލަނޑަކީ ދިވާރު ރެކްރިއޭޝަން ކްލަބް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިނިސްޓްރީ އޮފް ޔޫތުގެ އިބްރާހީމް ސިމާހްއެވެ.
