މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގެ ގުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދައި، އެމެރިކާ ގްރޫޕް ޑީގެ އެއްވަނައަށް ޖެހިލައިފިއެވެ.
އެމެރިކާގެ ސީޓަލް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗު އެމެރިކާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އޮސްޓްރޭލިއާއިން އެމެރިކާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެމެރިކާގެ ޓީމުން ވަނީ ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް ވަދެ މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ލީޑު ނަގާފައެވެ. މިއީ އެމެރިކާގެ ފޮލަރިން ބަލޯގަން އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް، އޮސްޓްރޭލިއާގެ ޑިފެންޑަރު ކެމަރަން ބާޖެސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ އެމެރިކާއިން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، މެޗުގެ 43 ވަނަ މިނެޓުގައެވެ. ސާޖީނިއޯ ޑެސްޓް ފޮނުވާލި ހަމަލާއެއް ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން އެލެކްސް ފްރީމަންއަށް ލިބުމުން، އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނުމުން އެންމެ ފުރަތަމަ ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު، އޭނާ އޮފްސައިޑް ނޫންކަމާއި ބޯޅަ ރީތިކޮށް ގޯލު ރޮނގު ހުރަސްކޮށްފައިވާކަން ޔަޤީންވުމުން ރެފްރީ ވަނީ އެއީ ލަނޑެއް ކަމަށް ބަލައިގަނެފައެވެ.
ދެވަނަ ހާފުގައި ނަތީޖާ ބަދަލުކުރުމަށްޓަކައި އޮސްޓްރޭލިއާއިން ނެސްޓޯރީ އިރަންކުންޑާ އާއި ކޮނާ މެޓްކާފް ކުޅެން އެރުވި ނަމަވެސް، އެމެރިކާގެ ވަރުގަދަ ޑިފެންސުން ވަނީ އޮސްޓްރޭލިއާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފެއްދުމަށް ހުރަސްއަޅާފައެވެ.
މި މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާމެދު އޮސްޓްރޭލިއާގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެމެރިކާގެ ކުޅުންތެރިން ކުރަމުންދިޔަ ފައުލްތަކަށް ރެފްރީ އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް އޮސްޓްރޭލިއާއިން ތުހުމަތުކުރެއެވެ. މެޗު ނިމުނުއިރު ދެ ޓީމުންވެސް އަށް ފައުލް ކުރި ނަމަވެސް، ގިނަ ފައުލްތަކެއް ރެފްރީ ވަނީ ދޫކޮށްލާފައެވެ.
އޮސްޓްރޭލިއާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މެޗުގެ 61 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑަކަށް އެމެރިކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައި އެޅުވި ހާދިސާއެވެ. ރެފްރީ ފެލިކްސް ވަޔާ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމުމުންނާއި، ވީއޭއާރް މެދުވެރިކޮށް އެ ހާދިސާ އަލުން ނުބެލުމުން އޮސްޓްރޭލިއާ ޓީމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. މީގެ އިތުރުން، އޮސްޓްރޭލިއާގެ ކުޅުންތެރިން އެމެރިކާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ފޮނުވާލި ބޯޅައެއް އެމެރިކާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ވަގުތު، ރެފްރީ އެމީހުންގެ ކުރިމަތީގައި ހުރެވެސް އެއީ ޕެނަލްޓީއެއް ކަމަށް ނިންމާފައެއް ނުވެއެވެ.
މި މެޗުން ލިބުނު މޮޅާއެކު އެމެރިކާ ވަނީ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރަށް ދަތުރުކޮށްފައެވެ. އަނެއްކޮޅުން އޮސްޓްރޭލިއާއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު ދެމެހެއްޓުމަށްޓަކައި، ގުރޫޕްގެ ފަހު މެޗުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ސަލާމަތްވުން މަޖުބޫރުވާނެއެވެ.
