ދިވެހި ޕްރިމިއާ ލީގު 2026/2027 ކޮލިފައިންގައި ދިއްދޫ އާއި ކުލަބް ގްރީން ސްޓްރީޓްސް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. މިއަދު ހަވީރު ދިއްދޫ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރު ވީ 2-2 އިންނެވެ.
މި މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް ވަނީ މޮޅެއް ނުހަނު މުހިންމުވެފައެވެ. ލީގު ކޮލިފައިންގެ 3 ވަނައިގައި ދިއްދޫ އޮތްއިރު ގްރީން ސްޓްރީޓްސް އޮތީ ފަސްވަނައިގައެވެ. ޕޮއިންޓްގެ ގޮތުން ބަލާނަމަ ދިއްދޫއަށް 6 ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސްއަށް ލިބިފައި އޮތީ އެއް ޕޮއިންޓެވެ.
ލީގު ކޮލިފައިންގެ ޖާގައެއް ޔަޤީން ކުރަން ތިން ޕޮއިންޓް ހޯދަން ނުކުތް ދިއްދޫ އާއި، ލީގު ކޮލިފައިންގައި ކުރިޔަށް ދިއުމަށް ކޮންމެހެން ވެސް ތިން ޕޮއިންޓް ހޯދަން މަޖުބޫރުވެފައި އޮތް ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގައި ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ދިއްދޫން ލީޑު ނެގީ 15 ވަނަ މިނިޓްގައެވެ. ދިއްދޫއަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ އަރެޕަޑެ ޖެރީ އޮމްބެބެ ފުންމައިގެން އަރައި ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ ބޯޅަ ހޯދަން މަސައްކަތް ކުރި ކީޕަރު ކައިރިންނެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ގްރީން ސްޓްރީޓްސްއަށް ނަތީޖާ ހަމަހަމަކުރެވުނީ 20 ވަނަ މިނިޓްގައެވެ. އޭރިޔާ ބޭރުން މަތިމަތިން ގޯލު ކުރިމައްޗަށް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ ފުންމައިގެން އަރައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ މުޙައްމަދު ސާބިގެވެ.
ގްރީން ސްޓްރީޓްސްއަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ ދިއްދޫން ދެވަނަ ފަހަރަށް ލީޑު ނެގީ 33 ވަނަ މިނިޓްގައެވެ. މިފަހަރު ވެސް ދިއްދޫން ލަނޑު ޖެހީ މަތިމަތިން ގޯލު ކުރިމައްޗަށް ނަގައިދިން ކޯނަރު، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖަހައިދިނީ ހުސެއިން ރަޝީދެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗު ކާމިޔާބުކޮށް 2026/2027 ގެ ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ޔަޤީންކުރުމުގެ ހުވަފެން ދެކެމުންދިޔަ ދިއްދޫގެ އެ ހުވަފެން ގްރީން ސްޓްރީޓްސްއިން ކުލަވިޔަ ނުދީ ހުއްޓުނީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްއަށް މި ލަނޑު ޖަހައިދިނީ އޮބައިޑާ ކަދިމްއެވެ.
މި މެޗުން ލިބުނު ޕޮއިންޓާއިއެކު ހަތް ޕޮއިންޓް ހަމަކޮށް ދިއްދޫ ވަނީ ޕޮއިންޓް ޓޭބަލްގެ ތިންވަނައިގައި ހަމަޖެހިލައިފައެވެ.
ލީގު ކޮލިފައިންގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ބިސްބުރާއި ހުރާއެވެ.
