މި އަހަރުގެ ވޯލްޑް ކަޕްގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، ނެދަލެންޑްސްއިން ގްރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނެދަލެންޑްސް މިހާރު ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ.
މެޗު ފެށިގެން ފަސްވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރަޔަން ބްރޮބީ ވަނީ ނެދަލެންޑްސްއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 17 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރީސް ނަގައިދިން ހުރަހަކުން ބްރޮބީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ސްވިޑެންއިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޑަމްފްރީސްގެ އެސިސްޓަކުން ނެދަލެންޑްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ. އޭގެ ފަހުން 54 ވަނަ މިނިޓުގައި ކްރައިސެންސިއޯ ސަމަވިލްގެ ހުރަހަކުން ގަކްޕޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި ފެނުނު 100 ވަނަ ގޯލެވެ.
ސްވިޑެންގެ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި ޖަހައިދިނީ އެންތޮނީ އެލަންގާއެވެ. ނަމަވެސް މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްގެ ފަސްވަނަ ލަނޑު ޖަހައިދިނީ ސަމަވިލްއެވެ.
ނެދަލެންޑްސްގެ ގޯލްކީޕަރު، ބާޓް ވާބްރޫގެން ވަނީ މި މެޗުގައި ސްވިޑެންއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް، ޓީމުގެ މޮޅުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ނަތީޖާއާއެކު ނެދަލެންޑްސް ތާވަލުގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ސްވިޑެންއެވެ. ސްވިޑެންއަށް މި ޕޮއިންޓް ލިބުނީ ފުރަތަމަ މެޗުގައި ޓިއުނީޝިއާ އަތުން މޮޅުވުމުންނެވެ. ގްރޫޕް އެފްގައި ދެން ހިމެނޭ ޖަޕާނަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ޓިއުނީޝިއާ އޮތީ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.
