އެތައް ދުވަހެއްގެ އިންތިޒާރަށްފަހު، މުޅި އިންޑިއާގައި މަޤުބޫލު އެކްޓަރު ޔަޝްގެ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެމުންދާ ފިލްމު “ޓޮކްސިކް: އޭ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް” މުޅި ދުނިޔޭގައި ރިލީޒްކުރާ ތާރީޚު ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ 26 އޯގަސްޓް 2026 ގައެވެ.
ޔަޝް މިކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި އާ ޕޯސްޓަރަކާއެކުގައެވެ. އެ ޕޯސްޓަރުގައި “ބަފާގެ ލަފަޔާއި އިރުޝާދަށް އިޙްތިރާމްކުރޭ.. #ޓޮކްސިކް 26-08-2026 އިން ފެށިގެން ދުނިޔޭގެ ސިނަމާތަކުގައި.” މިފަދައިން ލިޔެފައިވެއެވެ.
ކުރިން މިދިޔަ މާރިޗު 19 އަދި ފަހުން ޖޫން މަހު ރިލީޒްކުރަން ނިންމި ނަމަވެސް، ފިލްމުގެ މަސައްކަތްތައް ނިންމުމަށާއި ވިޔަފާރީގެ ގޮތުން އެންމެ ރަނގަޅު ވަގުތެއް ބެލުމުގެ ގޮތުން ފިލްމު ރިލީޒްކުރުން ވަނީ އެކި ފަހަރު މަތިން ފަސްކޮށްފައެވެ.
“ޓޮކްސިކް” ރިލީޒްކުރާ ތާރީޚާއެކު، ބޮކްސް އޮފީހުގައި ބޮޑު ވާދަވެރިކަމެއް އުފެދޭނެކަމަށް ބެލެވެއެވެ. އެއީ ޝްރައްދާ ކަޕޫރުގެ ފިލްމު “އީތާ” ވެސް އޭގެ ދެ ދުވަސް ފަހުން، މާނައަކީ 28 އޯގަސްޓް 2026 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާތީއެވެ. “އީތާ” އަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ދެ ފިލްމުގެ ކުރިމަތިލުމަކީ މިއަހަރުގެ އެންމެ ވަރުގަދަ އެއް ބޮކްސް އޮފީސް ހަނގުރާމައަށް ވެގެންދާނެއެވެ.
ޔަޝްގެ ގިނަ އަދަދެއްގެ ފޭނުންނާއި، މި ދެ ފިލްމަށް އޮތް ބޮޑު އުންމީދާއެކު، އޯގަސްޓް މަހު ސިނަމާތަކުގައި ހިނގާނެ މި ވަރުގަދަ ވާދަވެރިކަމަށް ގިނަ ބަޔަކު މިހާރު ތިބީ ފާރަވެރިވެގެންނެވެ.
