ވޯލްޑް ކަޕްގެ ގްރޫޕް އެޗްގައި މިރޭ ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، ސްޕެއިނުން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތުގައި އަލަށް ވާދަކުރި ކޭޕް ވާޑޭއާ ވާދަކޮށް އެއްވަރުވެފައިވުމުން، މިއީ އެ ޓީމަށް ކުރިއަށް ދިއުމަށް މުހިންމު މޮޅެކެވެ.
މެޗުގެ ކުރީކޮޅުން ފެށިގެން ސްޕެއިން އިން މެޗު ކޮންޓްރޯލް ކުރަމުން ދިޔައިރު، ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ 3-0 ގެ ލީޑަކާއެކުގައެވެ. ސްޕެއިންގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މިކޭލް އޮޔާޒަބާލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި މިއީ ޔަމާލް ވޯލްޑް ކަޕްގައި ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗަށްވާއިރު، މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ލަނޑުކަންވެސް ފާހަގަކޮށްލެވެއެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑަށް އެހީތެރިވެދިން އޮޔާޒަބާލްއެވެ. ސައުދީގެ އޭރިއާ ތެރޭގައި އުފެދުނު ހަލަބޮލިކަމެއްގެ ތެރެއިން އޭނާ ފޮނުވާލި ބޯޅަ، ސައުދީގެ ކީޕަރު މުޙައްމަދު އަލްއުވައިސްއަށް ދިފާއެއް ނުކުރެވުނެވެ. އޭގެ ތިން މިނެޓު ފަހުން، މެޗުގެ 24 ވަނަ މިނެޓުގައި އަރިމަތިން އައި ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޮޔާޒަބާލް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސްޕެއިންގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި އޭނާއަށް ހެޓްރިކް ފުރިހަމަކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ސައުދީ ކީޕަރަށް ހެދުނު ގޯހަކުން އޭނާއަށް ބޯޅަ ލިބި، ދުރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފު ފެށިގެން ގިނައިރެއް ނުވެ ސްޕެއިންގެ ހަތަރުވަނަ ލަނޑު ވަނީ ވަދެފައެވެ. މިއީ ސައުދީގެ ޑިފެންޑަރު ހަސަން އަލްތަމްބަކްތީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާކް ކުކުރެއްޔާ ފޮނުވާލި ބޯޅަ އަލްތަމްބަކްތީ ގައިގައި ޖެހިފައި ގޯލަށް ވަތްއިރު، ކީޕަރު އަލްއުވައިސްއަށް އެ ބޯޅަ މަތައެއް ނުކުރެވުނެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ދަނޑުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކުޅުން މެދުކަނޑާލަން ޖެހުނެވެ. އެއީ ސައުދީގެ ދެ ކުޅުންތެރިން ކަމަށްވާ އަލާ އަލްހާޖީ އާއި މުހައްމަދު ކަންނޯ އެއްފަހަރާ ބޯޅައިގައި ބޮލުން ޖެހަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާގައި ކަންނޯގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ އައި ނަމަވެސް، ދަނޑުން ބޭރުގައި ސިއްޙީ އެހީތެރިން ފަރުވާ ދިނުމަށްފަހު އޭނާ ވަނީ އަލުން ދަނޑަށް އަރައި މެޗު ފުރިހަމަކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެރާން ޓޮރޭޒް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މި މޮޅާއެކު ސްޕެއިންއަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އުންމީދު ބޮޑުވެފައެވެ.
