މޮރޮކޯގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަޝްރަފް ޙަކީމީގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ދަޢުވާތަކުގެ އިސްތިއުނާފު މަރުޙަލާއިން އޭނާ ނާކާމިޔާބުވުމާ ގުޅިގެން، އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ފަރަންސޭސިވިލާތުގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ވާސައިލްސްގެ އިސްތިއުނާފީ ކޯޓުން ‘ދި އެތުލެޓިކް’ އަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، ޕެރިސް ސެއިންޓް ޖާމަން (ޕީ.އެސް.ޖީ) ގެ މި ޑިފެންޑަރުގެ މައްޗަށް ޝަރީޢަތް ހިންގޭ މިންވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށް ތަޙުޤީޤީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ޙަކީމީގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގައެވެ. ނަމަވެސް އޭނާ އަބަދުވެސް އަންނަނީ އެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ. އޭނާގެ މައްޗަށް ޝަރީޢަތް ހިންގާނެކަން ކަށަވަރުވެފައިވާ ކަމަށް މިދިޔަ ފެބުރުވަރީ މަހު ޙަކީމީ ވެސް ވަނީ ބުނެފައެވެ.
އުމުރުން 27 އަހަރުގެ ޙަކީމީއަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ މޮރޮކޯ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ބްރެޒިލް އަދި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވެސް ފުރިހަމަ 90 މިނެޓު ކުޅެފައެވެ.
މީސްމީޑިއާގައި ޙަކީމީ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޝަރީޢަތް ފެށޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރަމުންދާ ކަމަށެވެ. އަދި “އެންމެ ފަހުން އަހަންނަށް ވާހަކަ ދެއްކޭނެ ފުރުޞަތު ލިބޭނެ،” ކަމަށް ވެސް އޭނާ ބުންޏެވެ.
ހުކުރު ދުވަހު އެކްސްގައި ޙަކީމީ ލިޔެފައިވެއެވެ: “އިންޞާފު އަހަރެންގެ ލޮލަށް ބަލާލާފައި ބުންޏެވެ: ‘ކަލޭމެންނަކީ މަޝްހޫރު މީހަކަށް ނުވިނަމަ، މިފަދަ މައްސަލައެއް ދުވަހަކުވެސް ނުއުފެދުނީހެވެ.'”
“އަހަރެން ހަނުހުރުން އިޚްތިޔާރު ކުރީ އެތައް އަހަރެއް ވަންދެނެވެ. އަހަރެން ހީކުރީ އަބުރުވެރިކަމާއެކު ކެތްތެރިވެ، އަދުލު އިންޞާފުގެ ނިޒާމަށް އިތުބާރު ކުރުމުން ރަނގަޅު ނިންމުންތަކެއް ނިންމޭނެ ކަމަށެވެ.”
“މިއަދު، އަހަރެންގެ ޢާއިލާއާއި އަހަރެންގެ ދިރިއުޅުމުގެ އަގު ދައްކައިގެން، އަދި ހުރިހާ ކަމަކަށްވުރެ ބޮޑަށް ހަގީގަތާ ޚިލާފު ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ. ބައެއް ފަހަރު ހީވަނީ އަހަރެން މިއީ ވަރަށް ފަސޭހައިން އަމާޒުކޮށްލެވޭ ފަރާތަކަށް ވެފައިވާހެންނެވެ.”
“ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެން މި އިންތިޒާރު ކުރަނީ މި ޝަރީޢަތަށެވެ. އަދި މިހާރު މިހުރީ އެކަމަށް ތައްޔާރުވެގެންނެވެ. އެންމެ ފަހުން އަހަންނަށް ހަގީގަތް ހާމަކުރެވޭނެއެވެ.”
މި މައްސަލައަކީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހިނގި ކަމަށް ބުނާ ހާދިސާއަކާ ގުޅިގެން ކުރެވޭ ތުހުމަތެކެވެ. ފަރަންސޭސި މީޑިއާތަކާ ހަވާލާދީ ‘ދި އެތްލެޓިކް’ އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 24 އަހަރުގެ އަންހެނަކު ވަނީ ޙަކީމީ އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މައްސަލަ ހުށަހަޅާފައެވެ.
